އިންޓަރނެޓްގެ އަގާ މެދު ސަރުކާރުގެ ނިންމުން ދެތިންދުވަހެއްގެ ތެރޭގައި ރައްޔިތުންނާ ޙިއްސާ ކުރަނީ

އިންޓަރނެޓްގެ އަގާ މެދު ސަރުކާރުގެ ނިންމުން ދެދުވަހެއްގެ ތެރޭގައި ރައްޔިތުންނާ ޙިއްޞާކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑް- 19 އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މިދުވަސްވަރު އިންޓަރނެޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭންޖެހޭ ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވައެވެ.

" އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ޙިއްޞާކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޓަރނެޓް އަގާމެދު ސަރުކާރުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ހާމަކުރައްވައިފައި މިވަނީ އިންޓަރނެޓްގެ އަގާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ދަނިކޮށެވެ. އިންޓަރނެޓްގެ އަގުގެ މައްސަލައިގައި ކަމާބެހޭ ފަރާތްތައް މަޖިލީހަށް ޙާޒިރުކޮށް ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް ނަސީމް ވަނީ ސިޓީއެއްވެސް ފޮނުއްވައިފައެވެ. މިކާއީލްގެ ސިޓީގައި މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާކުރަން މަޖުބޫރުވެ ދަރިވަރުން ވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ތިބެގެން ކުރަން މަޖުބޫރު ވެފައިވާ ދަނޑިވަޅަކަށް ވާހިނދު، މުޢާސަލާތީ ޚިދުމަތް، އަދި ވަކިން ޚާއްޞަކޮށް އިންޓަނެޓްގެ ޚިދުމަތް މިވަނީ ޒަރޫރީ ޚިދުމަތަކަށް ވެފައިކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ.

ނަމަވެސް މި ޚައްސާސް ދަނޑިވަޅުގައިވެސް ދިވެހިރާއްޖޭގައި މުޢާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެއަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ޤާނޫނުން ލިބޭއިރު މިހާރުގެ ޙާލަތަށް ރިޢާޔަތް ކޮށް އިސްވެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ސިޓީގައި މެމްބަރ މީކާއީލް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިމައްސަލައިގައި ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިނިސްޓަރ ހުންނަވާނީ ރައްޔިތުންގެ މަޖިލީހަސް ދިއުމަށް އަބަދުވެސް ތައްޔާރަށް ކަމަށެވެ. އަދި މިވަގުތަކީ ޕޮލިޓިކް ހަދާންން ނައްތާލައި އިންސާނިއްޔަތައް ދިމާވެފައިވާ ވަބާއިން ސަލާމަތް ވުމަށް ދުޢާކުރުމާއި އެންމެން މަސައްކަތްކުރަންވީ ވަގުތެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.