
މ.އަތޮޅުގައި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް މަހުގެ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯކުރުމުގެ ގޮތުން ދިއްގަރުގައި ޕްރޮގްރާމެއް ހިންގައިފިއެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ 19 އިން 21 އަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިޕްރޮގްރާމްގައި މ. ދިއްގަރާއި ކޮޅުފުށީގައި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކުގެ ތެރެއިން 11 މީހުން ބައިވެރިވެފައިވެއެވެ. އެއީ ދިއްގަރުން 9 މީހަކާއި ކޮޅުފުށިން 2 މީހެކެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ތެރޭގައި މިހާރުވެސް ޙަރަކާތްތެރިވާ މީހުން ހިމެނެއެވެ.
މިއީ މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާޞިލް ކުރުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ދަށުން މަސްވެރިކަމުގެ އާ ވިޔަފާރީގެ ފުރުޞަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތަކުން ނަފާ ހޯދުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.
މިތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ކްލާހުގައި ކިޔަވައިދޭ ބަޔަކާއި އެ މައުޟޫއުތަކާގުޅޭ ޢަމަލީގޮތުން މަސައްކަތްކޮށް ތަޖްރިބާ ހޯދުމުގެ ބައެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ވެލިއު އެޑިޝަން، ލޭބަލް އަދި ޕެކޭޖިން، މަހުގެ ކޮލިޓީ ދެމެހެއްޓުމާއި، މާކެޓިންގ، އަދި ކުދި ވިޔަފާރީގެ ހިސާބު ބެލެހެއްޓުން ހިމެނޭ ކަމަށް ފިޝަރޒް މިނިސްޓްރީން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ސީނިއަރ ރިސަރޗް އޮފިސަރ އަޙްމަދު ރާޝިދެވެ.