މަޅުމަތި ކޮލަމް: ނުބައި ފުށަށް ވެއްޓުނު ޕާންފޮތި

މީހަކު އިނީ ހެނދުނު ނާސްތާ ކުރާށެވެ. އޭނާ ޕާން ފޮތީގައި ބަޓަރު ހާކައި ނިމުނުތަނާ ޕާން ފޮތި އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ޕާންފޮތި ވެއްޓިގެން ގޮސް ޖެހުނީ ބަޓަރު އުނގުޅާފައި ހުރި ފުށް މައްޗަށެވެ. އެއީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. ބަޓަރު ޖެހި ޕާން ފޮއްޗެއް ބިންމައްޗަށް ވެއްޓޭ އިރު ގޮސް ޖެހޭނީ ބަޓަރުޖެހި ފުށް ދަށަށް ކަމަށް އޮންނަނީ ގަބޫލު ކުރެވިފައެވެ. އެކަމަކު މިފަހަރު މިވީ އެހެންނެއް ނޫނެވެ.

"ތިޔައީ ރަނގަޅު ޢަލާމާތަކަށް ވެދާނެ-  ކަލާނގެ ކަލެޔާ ރުއްސެވީ ކަމަށް ވާނީ-" އޭނާގެ ރައްޓެއްސަކު ބުންޏެވެ.

މާ ގިނަ އިރުތަކެއް ނުވެ މުޅި ރަށަށް މިވާހަކަ ފެތުރިއްޖެއެވެ. އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކަން ފަށައިފިއެވެ. މީހަކު ގެންގުޅުނު ބަޓަރުޖެހި ޕާން ފޮއްޗެއް ނުބައި ފުށަށް ވެއްޓުނު ވާހަކަ ދައްކަން ފަށައިފިއެވެ. އެއީ ކިހިނެއްވީ ކަމެއް ބާވައެވެ؟ އެކަކަށްވެސް އެކަށީގެންވާ، ބުއްދި ގަބޫލު ކުރާ ކަހަލަ ޖަވާބެއް ނުދެވުނެވެ. މައްސަލައިގެ ބޮޑު ކަމުން ކަންބޮޑުވެ ހާސްވާ ހިސާބަށް ކަންތައް ހިނގައްޖެއެވެ.

އެންމެ ފަހުން އެންމެން މަޝްވަރާ ކުރުމަށްފަހު ނިންމީ ރަށުގައި ހުރި އެންމެ ބޮޑު ޢިލްމުވެރިޔާގެ އަރިހަށް ގޮސް މި މައްސަލަ ހުށަހަޅާށެވެ. އޭނާގެ އަރިހަށް ގޮސް މީހުން މި ވާހަކަ ދެންނެވީމާ އިރުކޮޅަކު ވިސްނަވަން އިންނަވާފައި ވިދާޅުވިއެވެ.

"ތިޔައީ ވަރަށް ބޮޑު މައްސަލައެއް- އަހަރެން ފޮތްތައް ބަލައި ދިރާސާ ކޮށްފައި ތިޔަ މައްސަލައިގެ ޙައްލު ހޯދާނަން- ކަލޭމެން މާދަމާ މެންދުރުފަހު އާދޭ- އޭރުން ޖަވާބެއް ދޭނަން-"

އެމީހުން އެނބުރި ހިނގައްޖެއެވެ.

އަނެއް ދުވަހުގެ މެންދުރު ފަހުން އެންމެން ޢިލްމުވެރިޔާގެ ގެއަށް އަތުވެއްޖެއެވެ. ޢިލްމުވެރިޔާ ވިދާޅުވިއެވެ.

"އެއީ އެހައި ބޮޑު މައްސަލައެއް ނޫން- ޙަޤީޤަތުގައި ޕާންފޮތި ވެއްޓުނީ ހަމަ ވެއްޓެންވާ ގޮތަށް- ވެއްޓެންވާ ފުށަށް- އެމީހާ ބަޓަރު ޖެހީ ޕާންފޮތީގެ ނުބައި ފުށުގައި-"

   

* * *

   

މިއީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ގިނަ މީހުންނަކީ ނުދަންނަ ކަމެއް ނުދަންނަ ވާހަކަ ބުނަން ޖެހިލުންވާ މީހުންނެވެ. އެހެންވީމާ ގިނަ ފަހަރަށް ހެދޭ ގޮތަކީ ބުއްދި ގަބޫލު ކުރާ ކަހަލަ ވާހަކައެއް ބުނެލަނީއެވެ. ނޭނގޭކަން ފޮރުވަން ޖަހާ މަޅިއެއްގެ ގޮތުގައެވެ. ނުވަތަ ތިމާގެ އަމިއްލަ ބޭނުމެއް ފުއްދަން މީހުން ވާވައްދަން ކުރާ ކަމެއްގެ ގޮތުގައެވެ.

ކަމެއް ނޭނގިގެން އަންނަ މީހުންނަކީ ޙަޤީޤަތުގައިވެސް ނޭނގޭ މީހުންނެވެ. އެހެންވީމާ ދަންނަ މީހަކު، ބުއްދި ގަބޫލު ކުރާ ކަހަލަ ވާހަކައެއް ބުނެލީމާ އެ ވާހަކައެއް ހެޔޮ ހިތުން ގަބޫލު ކުރަނީއެވެ. ބައެއް ފަހަރަށް މިހެން ހެދުމުގެ ސަބަބުން ނުރައްކާތެރި ނަތީޖާވެސް ނުކުމެފައި އެބަހުއްޓެވެ.

ދީނީ މައްސަލަތަކުގައިވެސް އަދި ސިޔާސީ މައްސަލަތަކުގައިވެސް މިހެން އެބަވެއެވެ. "ދަންނަ" މީސްމީހުން ބައެއް ކަހަލަ ވާހަކަތައް ދައްކަނީ އެއްވެސް ކަހަލަ ދަލީލެއްގެ މައްޗަށް ބިނާކޮށްފައެއް ނޫނެވެ. ގިނަ ބައެއްގެ ކުރިމަތީގައި ބުއްދި ގަބޫލު ކުރެވޭ ކަހަލަ ގޮތަކަށް ވާހަކައެއް ބުނެލަނީއެވެ. އަޑު އަހަން ތިބޭ މީހުން އަތްތިލަބަޑި ޖަހައި އެއީ ތެދެކޭ، އެއީ ތެދެކޭ ގޮވަން ފަށަނީއެވެ.

ޙަޤީޤަތުގައި ބުއްދި ގަބޫލު ކުރާ ކޮންމެ ވާހަކައަކީ ތެދު ވާހަކައަކަށް ވުން ލާޒިމެއް ނޫނެވެ. ތެދަކަށް ވާނީ ތެދެކެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި ފާހަގަ ކުރަން ވެއްޖެ ކަމެކެވެ. ޚާއްޞަކޮށް ދީނީ ކަންކަމުގައި ދެކެވޭ ވާހަކަތަކާމެދު ވަރަށް ބޮޑަށް ވިސްނަން ވެއްޖެއެވެ. ދުނިޔަވީ ކަމެއްގައި ނުބައި ފިޔަވަޅެއް އެޅުނަސް ލިބޭ ގެއްލުމުން ސަލާމަތް ވެދާނެއެވެ. އެކަމަކު ދީނީ ކަމެއްގައި ވިސްނާނުލައި އަޅާ ނުބައި ފިޔަވަޅެއްގެ ސަބަބުން މީހާ ނުދިންނަވާ ދަރަޖައަށް ވެއްޓިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ބެލެނީ ވާހަކަ ދައްކާ މީހާއަށެވެ. އެމީހަކީ ރުހޭ މީހަކަށް ވެއްޖެ ނަމަ ދައްކާ ކޮންމެ ވާހަކައަކީ ތެދު ވާހަކައެއް ކަމަށް ގަބޫލު ކުރެވޭ ގޮތް ވަނީއެވެ. ނުރުހޭ މީހަކު ދައްކާ ކޮންމެ ވާހަކައަކީ ނުބައި ވާހަކައެއް ކަމަށް ގަބޫލު ކުރަނީއެވެ. އެމީހަކު ޤުރްއާނުގެ އާޔަތެއް ކިޔަސް ނުބައި ކަމަށް ބުނަނީއެވެ.

ބައެއް ސިޔާސީ ޖަލްސާތަކުގައި ހިސާބުގެ ވާހަކަ ދައްކާ އިރު ޢަދަދުތައް ކިޔާ އަޑު ވަރަށް ގިނައިން އިވެއެވެ. އަޅުގަނޑު ދަންނަ އެއް ބޭފުޅަކު މިވެނި ކަމަކަށް މިވެނި ވަރަކަށް ޚަރަދު ކުރެއޭ ވިދާޅުވެ ބާރަށް ވާހަކަފުޅު ދައްކަވައެވެ. މިސާލަކަށް އެވެނި ޕްރޮޖެކަޓަކަށް ހަތެއް ޕޮއިންޓް ފަހެއް ދޭއް މިލިއަން ރުފިޔާ ޚަރަދު ވިޔޭ ވިދާޅުވެއެވެ. އެހައި ޔަގީންކަމާއެކު ޢަދަދު ވިދާޅުވީމާ ގަބޫލު ކުރެވޭ ގޮތް ވާނެއެއް ނޫންތޯއެވެ؟ އެކަމަކު އެބޭފުޅާ އަމިއްލަފުޅަށް އެއީ ތިމަން ހަމަ ހަދާލައިގެން ބައެއް ފަހަރަށް ބުނެލާ ޢަދަދެކޭ ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. އެކަމަކު އޭރު ވަރަށް ގިނަ ބަޔަކު ތިބެނީ އެވާހަކަފުޅަކީ ތެދު ވާހަކަފުޅެއް ކަމަށް ގަބޫލުކޮށްގެންނެވެ.

ކަން މިހެން ހުރުމާއެކު ބަޔަކު ވާހަކައެއް ދެއްކިޔަސް އެއީ ތެދެކޭ ގޮވަމުން އަޅާއިތިކޮށް ދުއްވައިގަތުމުގެ ބަދަލުގައި އެ ދެއްކި ވާހަކައެއް މިނެ ކިރައި ހަދާ ބަޔަކަށް އަޅުގަނޑުމެން ވާން ވެއްޖެއެވެ. ދީނީ ކަމެއް ނަމަ އެ ވާހަކައެއް ދެއްކެނީ ކޮން ކަހަލަ ދަލީލުތަކެއްގެ މައްޗަށްތޯ ބަލަން ވާނެއެވެ. ސިޔާސީ ވާހަކައަކަށް ވިޔަސް އެކަމުގެ ހެކި އެމީހަކަށް އެކަށީގެންވާ ގޮތަކަށް ދެއްކިފައިވޭތޯ ބަލަން ވާނެއެވެ. ނުވަތަ އެންމެ ކުޑަމިނުން އެ ވާހަކައެއްގެ ތެދު ދޮގު އޮޅުންފިލާތޯ ކުރެވެން އޮތް ހުރިހައި ކަމެއް ކުރަން ވާނެއެވެ. އެހެންނޫނީ ނޭނގި ތިބެ، ގޮސް އަނދަވަޅަކަށް ވެއްޓިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.