މަޅުމަތި: ދިވެހިންގެ ހާލަތު

އަހަރެންގެ ރައްޓެހި އިޓަލީ މީހެކެވެ.
އޭނާ މަސައްކަތް ކުރީ ރިސޯޓެއްގައެވެ.
މަސައްކަތަކީ ފަތުރުވެރިންނަށް އިރުޝާދު ދިނުމެވެ.
ރާއްޖޭގައި މަސައްކަތް ކުރާތާ ސޯޅަ އަހަރު ވުމަށް ފަހު ރާއްޖެ ދޫކޮށް ދާން ޖެހިއްޖެއެވެ.
އޭނާގެ ކުންފުނިން އޭނާ މިސުރަށް ބަދަލު ކުރުމާ ގުޅިގެންނެވެ.
އޭނާގެ ނަމަކީ ޕައުލޯއެވެ.

ޕައުލޯ ފުރުވަން އަހަރެން ވައިގެބަނދަރަށް ދިޔައީމެވެ.
ދެކެވުނު ވާހަކައިގެ ތެރޭގައި އަހަރެން ސުވާލެއް ކުރީމެވެ.
ކަލޭ ރާއްޖޭގައި މަސައްކަތް ކުރާތާ މިހާރު ސޯޅަ އަހަރު ވީއެވެ.
އެއީ ކުޑަ ދުވަސްކޮޅެއް ނޫނެވެ.
ދިވެހިންގެ އެތައް ބަޔަކާ ކަލެއަށް ހުންނާނީ ބައްދަލުވެ މުއާމަލާތު ކުރެވިފައެވެ.
ދިގު ސޯޅަ އަހަރު ރާއްޖޭގައި ހޭދަކުރިއިރު ދިވެހިބަސް ދަސް ކުރެވުނު ހެއްޔެވެ؟

ޕައުލޯ ޖަވާބު ދިނެވެ.
ގިނަ ދިވެހިންނާ ބައްދަލުވެ ވާހަކަ ދެކެވި އެކުވެރިކަންވެސް ވަނީ އުފެދިފައެވެ.
ދިވެހިބަސް ދަސް ކުރާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ.
އެކަމަކު ބައެއްގެ ތެރޭގައި އުޅޭ ކަމަށް ވަންޏާ ކޮންމެވެސް ވަރަކަށް ދަސްވާނެތާއެވެ.
އަހަންނަށްވެސް ވަނީ އެއް ލަފުޒު ދަސްވެފައެވެ.
އެ ލަފުޒު ދަސްވީ އެއީ އަހަރެން ދުށް ކޮންމެ ދިވެއްސެއްގެވެސް އަތްމަތީ ލަފުޒަކަށް ވާތީއެވެ.
އެ ލަފުޒު ބޭނުން ނުކުރާ އެއްވެސް ދިވެއްސަކު އަހަރެން ނުދެކެވެ.
ކޮންމެ ވާހަކައެއްވެސް ނިންމާނީ އެ ލަފުޒުންނެވެ.

އަހަރެން އަހައިފީމެވެ.
އެއީ ކޮން ލަފުޒެއް ހެއްޔެވެ؟
ޕައުލޯ ބުންޏެވެ.
އެ ލަފުޒަކީ...
"ކީއްކުރާނީ؟"

އަހަރެންގެ ހިތަށް އެރިއެވެ.
ކުރާނޭ ކަމެއް ނޭނގޭ ބަޔަކަށް އަންނާނީ ކޮން ހެޔޮ ބަދަލެއް ހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.