ފާނޫޒު - 51

(10 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާލާރް ގޮވައިގެން ފުރްގާން އެދަނީ ޑޮކްޓަރެއްގެ ގާތަށެވެ. އެއީ ޑރ. ސައީދު ސިބްޠި ޢަލީ އެވެ. ފުރްގާންވެސް އާދަވެގެން އެ ޑޮކްޓަރާ ބައްދަލުކުރެއެވެ. އޭނާއަކީ ދީނީ އިލްމުވެރިއެކެވެ. ދީނީ އިލްމުވެރިންނާ ބައްދަލުކުރުމުގެ ޝައުގެއް ސާލާރްގެ ނުހުރެއެވެ. މިދިޔަ ހަތަރު ފަސް އަހަރުގެ ތެރޭގައި އެކަަހަލަ އެތައް ބަޔަކާ އޭނާއާ ދިމާވެއްޖެއެވެ. އެމީހުންގެ ހަގީގީ ކުލަވެސް ފެނުނެވެ. އެމީހުންގެ އަޑު އަހަން ވަގުތު ބޭކާރު ކުރާކާށް ސާލާރް ބޭނުމެއް ނޫނެވެ. "ފުރްގާން، އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން." ހިމޭނުން އެތައް އިރަކު އިނދެފައި ސާލާރް ބުންޏެވެ.

"ކޮންކަހަލަ؟" ފުރްގާން އެހިއެވެ.

"ދީނީ، ރޫޙާނީ..."

"އެތަނަށް މިގެންދަނީ އެހެންވެގެން، އެހީ ބޭނުންވާކަން އެނގޭތީ."

ސާލާރް ސިހިފައި ފުރްގާނަށް ބަލައިލިއެވެ.

"ކޮންކަހަލަ އެހީއެއް؟"

"ޤުރްއާން ހިތު ދަސް މީހަކު ރެޔަކު ފޮތެއް ކިޔަވައިގެން ވެސް ބޭސް ނުކައި ނުނިދޭ ނަމަ އެއީ މައްސަލައެއް. ކޮންމެވެސް ގޯހެއް އުޅެނީ. މީގެ އެތައް އަހަރެން ކުރިން އަހަރެން ވެސް ޑިޕްރެޝަން އަށް ދިޔަ. ނުނިދޭ، ހިތަށް ހަމަޖެހުމެއް ނުލިބޭ. ކޮންމެވެސް މީހަކު އަހަރެން ގޮވައިގެން ޑޮކްޓަރަށް ދިޔަ. މިދިޔަ އަށެއް ނުވަތަ ދިހަ އަހަރުތެރޭ އަހަރެން އެ ޑޮކްޓަރާ ބައްދަލުކުރުން ހުއްޓައެއް ނުލަން. ސާލާރާ ދިމާވީމާ އަހަންނަށް އެނގިއްޖެ އަަހަންނެކޭ އެއްގޮތަށް ސާލާރަށް ވެސް އެހީ ބޭނުންވާކަން." ފުރްގާން މަޑުމަޑުން ބުންޏެވެ.

"އަހަންނަށް އެހީވުމުގެ ބޭނުމަކީ ކޮބާ؟"

"އަހަރެންގެ ދީނުގައި އޮންނަ ގޮތުން ތީ އަހަރެންގެ އަޚެއް." ގޯޅި އަޅަމުން އޭނާ ބުންޏެވެ. ސާލާރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ދީނީ އިލްމުވެރިންނާ ބައްދަލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއިން ކޮންމެ މީހަކީ ދުނިޔޭގައި ނެތްވަރުގެ މޮޅު މީހުންނެވެ. އެމީހެއްގެ ފިކުރިއްޔާތު ވިއްކަން މަސައްކަތްކުރާ މީހުންނެވެ. ކޮންމެ އިލްމުވެރިޔަކީވެސް ލިބިފައިވާ އިލްމާ މެދު ބޮޑާވެ ކިބުރުވެރިވާ މީހެކެވެ. އަދި އެމީހަކު ނޫން އެންމެންނަކީ މަގު އޮޅިފައިވާ މީހުންނެވެ. ތިބެނީ ހުރިހާ އެއްޗެއް މާ މޮޅަށް އެނގިފައެވެ. އުޅޭ އުޅުމުން ކޮންމެ މީހަކީ ވެސް ފޮތްފޮތުން އިލްމު އުނގެނުމުގެ ބަދަލުގައި ވަޙީ ބާވައިލައްވާ މީހެކޭ ހީވެއެވެ. އަދާ ހަމައަށްވެސް ފާޑުކިޔުންތައް ބަލައިގަނެވޭ އިލްމުވެރިޔަކާ އޭނާއާ ދިމާނުވެއެވެ.

ސާލާރަކީ ސުންނީ މުސްލިމެކެވެ. އެކަމަކު އެކި މަޒްހަބް ތަކާއި ފިރުގާތަކުގެ ވާހަކަ އެމީހުންނާ މަޝްވަރާކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އިލްމުވެރިން އެންމެ ދައްކާ ހިތްވާ އެއް ވާހަކައަކީ އެއެވެ. އެމީހުންގެ އަތުގައި އޮންނަ ހަމައެކަނި ހަތިޔާރަކީ އިލްމެވެ. އެ އިލްމާ އެއްގޮތަށް އުޅުމެއް ނޫނެވެ. ޣީބަ ބުނުމަކީ ބޮޑު ފާފައެއް ކަމަށް އެއް ނޭވާއިން ބުނެ ގުރްއާނާއި ހަދީސުން ހެކި ދައްކައި ދިގު ދަރުހެއް ދީފާނެއެވެ. އަނެއް ނޭވާގައި ކޮންމެވެސް މީހަކަށް ޣީބަ ބުނެ އޭނައަކީ ޖާހިލެއް ކަމަށް ބުނެ ހީނ ހަދައެވެ.

އެމީހުންނާ ބައްދަލުކުރަން އަންނަ އެންމެންގެ ވަނަވަރު އަތުލައެވެ. އޭގެ ފަހުން އެކި ކަންކަމު ކިޔައެވެ. އަދި އަމިއްލަ މީހާގެ މޮޅު ވާހަކަ ދައްކަން މީހުންގެ ވަނަވަރު ބޭނުންކުރެއެވެ. އެގޮތުން މުހިއްމު އެކި މީސްމީހުން ތިމަންނާ މެންނާ ބައްދަލުކޮށް އެކި ކުރިއެރުންތައް ހޯދާފައިވާ ކަމަށް ބުނެއެވެ. ފުރްގާން އޭނާ ގޮަވައިގެން މިދަނީ އެކަހަލަ މީހެއްގެ ގާތަށެވެ.

ސިޓީގެ ވަކި ހިސާބަކަށް ގޮސް ފުރްގާން ކާރު ޕާކު ކުރިއެވެ. ކާރުން ފައިބައިގެން ތަންކޮޅަކަށް ހިނގާފައި ގޮސް އާދައިގެ ގެއަކަށް ދިޔައެވެ. އެގޭގެ ނަންބޯޑުގައި "ޑރ. ސައީދް ސިބްތި އަލީ" ގެ ނަން ލިޔެފައި އޮތެވެ. ފުރްގާން އާއެކު ސާލާރް އެތެރެއަަށް ވަނެވެ. ބަގީޗާއަށް ފެންދޭން މީހަކު ހުއްޓެވެ. ފުރުގާން އޭނާއަށް ސަލާން ގޮވާފައި ވަދެގެން ދިޔައެވެ. ދޮރާއި ހަމަޔަށް ގޮސް އޭނާ ބޫޓު ބޭލިއެވެ. ދޮރުމަތީގައި ބޫޓާއި ފައިވާން ހުއްޓެވެ. އެތެރެއިން މީހުން ވާހަކަ ދައްކާ އަޑު އިވެއެވެ. ސާލާރްވެސް ބޫޓު ބާލާފައި އެތެރެއަށް ވަނެވެ. އެއީ ވަރަށް ތަނަަވަސް ކޮޓަރިއެކެވެ. ތަޅުންމަތި އޮތީ ދޫލަ އަޅާފައެވެ. ދޫލަ މަތީގައި އިށީންނަން ގޮދަޑި އަޅާފައެވެ. ފާރުގައި ހުރީ ގުރްއާނުގެ އާޔަތްތަކުގެ ކެލިގްރެފީ އެވެ. އެތަނުގައި ވިއްސާއި ފަންސަވީހާއި ދެމެދުގެ އަދަދަކަށް ފިރިހެނުން ތިއްބެވެ. ވަންނަމުން ފުރްގާން ބާރަށް ސަލާންގޮވިއެވެ. ބައެއް މީހުންގެ ހާލުއަހުވާލު އަހާފައި ގޮސް ހުހަށް ހުރި ޖާގައެއްގައި އިށީނެވެ.  

"ކޮބާ ޑޮކްޓަރ ސައީދް ސިބްތި އަލީ؟" ފުރްގާނު ކައިރީ އިށީންނަމުން ސާލާރް އެހިއެވެ.

"ބަރާބަރު އަށެއް ޖަހާއިރު މިތަނަށް ވަންނާނެ. މިހާރު ހަތްގަޑި ފަންސަވީސް." ފުރްގާން ބުނެލިއެވެ.

ސާލާރް ވަށައިގެން ތިބި މީހުންނަށް ބަލައިލިއެވެ. އެކި އުމުރުގެ މީހުން އެތާނގައި ތިއްބެވެ. ފުރާވަރު ކުދިންނާއި އޭނާއާ އެއް އުމުރެއްގެ މީހުންނާއި މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން ވެސް ތިއްބެވެ. ފުރްގާން އިނީ އޭނާގެ ކަނާތްފަރާތުގައި އިން މީހަކާ ވާހަކަ ދައްކާށެވެ.

ގަޑިން ބަރާބަރު އަށެއް ޖެހިއިރު ފަސްދޮޅަހާއި ފަސްދޮޅަށް ފަސް އަހަރާ ދެމެދުގެ މީހަކު ދޮރެއް ހުޅުވާލާފައި އައިސް އެތަނަށް ވަނެވެ. ވަދެ ސަލާން ގޮވުމުން ހުރިހާ އެންމެން ސަލާން ބަލައިގަތެވެ. އިށީނދެގެން ތިބި އެންމެން އެމީހާ ވަނުމާއެކު އިހްތިރާމް ކުރުމުގެ ގޮތުން ހަށިގަނޑު ތެދުކޮށްލައި ސީދާ ވެލިތަން ފެނުނެވެ.

ކޮޓަރިއަށް ވަން މީހާއަކީ ޑރ. ސައީދް ސިބްތި އަލީއެވެ. އޭނާ ފާރުކައިރީގައި އިށީނެވެ. ލައިގެން ހުރީ ހުދު ކުރުތާއެކެވެ. ހަށިގަނޑުގެ ކުލަ އަލިވެފައި ބަލާބެލުމަށް ޒުވާން ދުވަސްވަރު ރީތި ވާނެ މީހެކެވެ. އޭނާގެ ބޯ ތުނބުޅި ހުރި ރީތިކޮށް ކޮށާފައެވެ. ނުރަވެފައި ހުރި ބޮލާއި ތުނބުޅިން އޭނާއަކީ ހަރުދަނާ އަދި ގަދަރުވެރިއެއްކަން އެނގެއެވެ. އޭނާގެ ކަނާތްފަރާތުގައި އިށީނދެގެން އިން މީހެއްގެ ހާލު އެހިއެވެ.

ޑރ. ސައީދް ސިބްތި އަލީ އޭނާގެ ދަރުސް ފެށިއެވެ. މުޅިތަނަށް ހިމޭންކަންވެރިވިއެވެ. ދަރުސްގެ ތައާރަފާއެކު އެއީ އާދަޔާ ޚިލާފު އިލްމުވެރިއެއްކަން ސާލާރަށް ފާހަގަކުރެވުނެވެ. "އިންސާނާގެ ހަޔާތުގެ އެކި ދުވަސވަރު އަޑިގުޑަންތައް ކަޑައްތުކުރާނެ. ބައެއް ކަންކަން ކާމިޔާބުވެ އަނެއްބައި ކަންކަމުން ފޭލިވާނެ. މުޅި ދިރިއުޅުން ވޭތިކުރާނީ ކާމިޔާބީއާއި ނާކާމިޔާބީގެ މަގުގައި. އެ މަގަކީ ޝުކުރުގެ މަގު. ނުވަތަ އޭގެ އިދިކޮޅު. ބައެއް މީހުންނަކީ ނަސީބުވެރިން. ފޭލިވިޔަސް އަދި ކާމިޔާބު ވިޔަސް އެމީހުން ޝުކުރު ކުރާނެ. އަނެއްބަޔަކު ކުޑަކޮށްވެސް ޝުކުރުވެރިއެއް ނުވާނެ. ކަމެއް ހާސިލުވުމުން ޝުކުރުކުރާ އަދި ހާސިލުނުވެއްޖެނަމަ ޝުކުރު ނުކުރާ ބަޔަކު ވެސް އުޅޭ. އިންސާނާއަކީ ﷲ އުފެއްދެވި މަޚްލޫގުންގެ ތެރެއިން އެންމެ ވަރުގަދަ މަޚްލޫގު. އިންސާނާ ދުނިޔެއަށް ފޮނުއްވީ ﷲ އަށް އަޅުކަން ކުރަން. އާދަމްގެފާނާއި ހައްވާގެފާނުގެ ޒަމާނުން ފެށިގެން ހިފެހެއްޓުމެއް ނެތް މިންވަރަށް ﷲގެ ނިއުމަތްތައް އިންސާނާއަށް ފޮނުއްވާ. އޭގެ ބަދަލުގައި އެކަލާނގެ އެންގެވީ ޝުކުރުވެރިވާން. މިކަމާ ދޭތެރޭ ދެކެނީ ކިހިނެއް؟ މީހަކަށް ކަމެއް ކޮށްދިނުމުން ޝުކުރުވެރި ވުމުގެ ބަދަލުގައި ކޮށްނުދެވި ހުރި ކަންތަކުގެ ވާހަކަ އެމީހާގެ ފަރާތުން އަޑުއަހަން ބޭނުންވާނެތަ؟ ނުވަތަ އެކަމެއް ކޮށްދިން ގޮތްކަމުނުގޮސްގެން އެވާހަކަ ދައްކަމުތަ؟ އެކަހަލަ މީހަކާ މެދު ދެކޭނީ ކިހިނެއް؟ އޭނައަށް ކަމެއް ކޮށްނުދިނުމުގެ އިތުރުން އެކަހަލަ މީހަކާ ވީހާވެސް ދުރުން އުޅޭކަށް ނޫންތަ ބޭނުންވާނީ؟"

"އެެހެންނަމަވެސް އަހަރެމެން ﷲއަށް އިޖާބަ ދޭ ގޮތަކީ އެއީ. ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި ނުކުރެވޭ ކަންކަން ފާހަގަކޮށް ޝަކުވާ ކުރުން. ﷲ އަކީ ރަހްމާންވަންތަ ރަސްކަލާނގެ. އެކަލާނގެ ރަހްމަތްތައް އަބަދު އޮހިއޮހި އޮވޭ. އަހަރެމެންގެ އުޅުން ހުންނަގޮތަކުން ނިއުމަތްތައް އިތުރުވެ މަދުވޭ. އެކަމަކު ދުވަހަކުވެސް ނުއެއް ހުއްޓޭ."

ސާލާރް ފަރުވާތެރިކަމާއެކު އަޑުއަހަން އިނެވެ.

"ނިއުމަތްތަކަށް ޝުކުރު ނުކުރުމަކީ ބައްޔެއް. އޭގެ ސަބަބުން އަހަރެމެންގެ ހިތް ގުރުޑުވެ، ދުލުން ޝަކުވާ ނޫން އަޑެއް ނީވޭނެ. ﷲ އަށް ޝުކުރުކުރަން ހަނދާން ނުހުންނަ ނަމަ އެކުގައި އުޅޭ މީހުންނަށް ޝުކުރު ކުރަން ވެސް ހަނދާނެއް ނުހުންނާނެ. ﷲގެ ނިއުމަތްތައް ހަނދާން ނުހުންނަ މީހަކަަށް އެކަލާނގެ އުފެއްދެވި މަޚްލޫގަކު ކޮށްދިން ކަމެއް ވެސް ހަނދާނަކު ނުހުންނާނެ."

ސާލާރް ލޯ މަރައިލިއެވެ. ނިއުމަތްތަކަށް ޝުކުރު ނުކުރުމުގެ މާނަ އޭނާއަށް އެނގޭ ވަރަށް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އޭނާ އަނެއްކާވެސް ޑރ. ސައީދް ސިބްތި އަލީ އަަށް ސަމާލުކަން ދިނެވެ. ޑރ. ސައީދް ސިބްތި އަލީގެ ދަރުސް ނިމުނީ ބަރާބަރު އެއްގަޑިއިރު ފަހުންނެވެ. އެއްބަޔަކު އޭނާޔާ ސުވާލުކުރަން ބޭނުންވިއެވެ. އަނެއް ބަޔަކު ތެދުވެގެން ހިނގައްޖެއެވެ. ފުރްގާނާއި ސާލާރް ވެސް ކާރަށް އަރައިގެން ނައްޓާލައިފިއެވެ. ސާލާރްގެ ކަންފަތުގައި ގުގުމަކީ ޑރ. ސިބްތި އަލީގެ ދަރުހެވެ.

މީގެ ހަފްތާއެއް ކުރިއަށް ޖެހިލާއިރު އޭނާއަށް ފުރްގާން އަކީ އުޅޭ މީހެއް ކަމެއް ވެސް ނޭނގެއެވެ. އެކަމަކު މި ހަތް ދުވަސްތެރޭ އޭނާ ފުރްގާން އާއެކު އެތައް ހިސާބަކަށް ދަތުރުކޮށްފިއެވެ. ސާލާރް އަމިއްލައަށް ވެސް އެކަމާ ހައިރާންވެއެވެ. އޭނާއަކީ މީހުންނާ އެހައި ގުޅިގެން އުޅޭ މީހެއް ނޫނެވެ. އެހެން ނަަމަވެސް ބައެއް ގުޅުންތަކަކީ މާ ކުރިން ކަނޑައެޅިފައި ހުންނަ ގުޅުންތަކެވެ. ކާކު، ކޮންތާކު، ކިިހިނެއް، ކޮން އިރަކު... މީހުން އެކަކު އަނެކަކާއި ބައްދަލުވުމާއި، އެމީހުންގެ ދިރިއުޅުމަށް އޭގެ ސަބަބުން އަންނަ ބަދަލަކީ މާކުރިން ލިޔެވި ނިމިފައި ހުރި ކަންކަމެވެ.

ސާލާރް ލާހޯރަށް އައީ އެންމެ ދުވަހަކަށެވެ. ނަމަވެސް އިސްލާމްއާބާދަށް ނުގޮސް ޗުއްޓީގެ ބާކީބައި ހޭދަކުރީ ލާހޯރުގައެވެ. ލާހޯރުގައި ހޭދަކުރި ކޮންމެ ދުވަހަކު ފުރްގާނާއެކު އޭނާ ޑރ. ސިބްތި އަލީގެ ގެއަށް ދިޔައެވެ. އޭނާ އެއްފަހަރުވެސް ޑރ. ސިބްތި އަލީ އާ ބައްދަލެއް ނުކުރެއެވެ. އޭނާ ދަނީ ދަރުހަށެވެ. ދަރުސް ނިންމާފައި އަންނަނީއެވެ.

ޑރ. ސިބްތި އަލީގެ ޒުވާން ދުވަސްވަރު ހޭދަކޮށްފައިވަނީ ޔޫރަޕްގެ ޔުނިވަރސިޓީތަކުގައެވެ. އިސްލާމިކް ސްޓަޑީސް އާއި އިސްލާމިކް ހިސްޓްރީ ކިޔަވައިދިނުމަށެވެ. އޭނާ ލާހޯރަށް އައީ މީގެ ދިހަވަރަކަށް އަހަރު ކުރިންނެވެ. ލާހޯރުގައި ވެސް އެތަނުގެ އެންމެ ރަނގަޅު ޔުނިވަރސިޓީގައި މަސައްކަތް ކުރިއެވެ. ފުރްގާނަށް އޭނާ އާ ދިމާވީ ލާހޯރުންނެވެ. ސާލާރް އެނބުރި އިސްލާމްއާބާދަށް އަންނަން އޮތް ދުވަހު ދަރުސް ނިމުމުން އޭނާ ފުރްގާން އާއެކު މަޑުކުރިއެވެ. ޑރ. ސިބްތި އަލީއާއި ސަލާންކޮށްފައި އެންމެން ނިކުމެގެން ދެއެވެ. ސާލާރް އާއެކު ފުރްގާން ކުރިއަށް ޖެހިލިއެވެ.

"ފުރްގާން، ކިިހިނެއް؟ ހާދަ ދުވަހެއް ކޮށްލާފަ ތި މަޑުކުރީ؟" އޭނާ ބުންޏެވެ.

ފުރްގާން އޭނާއަށް ސާލާރް ތައާރަފްކޮށްދިނެވެ. "މީ ސާލާރް ސިކަންދަރް، ރައްޓެއްސެއް."

ސާލަރް ގެ ނަން ބުނުމުން އޭނާ ހައިރާންވިއެވެ. ފުރްގާން އޭނާއަށް ސާލާރްގެ ވާހަކަ ކިޔައިދިނެވެ.

"އިށީނދޭ." ތަޅުންމަތީގައި އޮތް ދޫލައަށް އިޝާރާތް ކުރަމުން ޑރ. ސިބްތި އަލީ ބުންޏެވެ. އެމީހުން އިށީނީ ސާލާރާ ތަންކޮޅެއް ދުރުގައެވެ. އެވަގުތު ނޯކަރު ވަދެގެން އައެވެ. ޑރ. ސިބްތި އަލީ އޭނާ ގާތު ކާން ހަދަން ބުންޏެެވ. ނޯކަރު ކާއެއްޗެހި ގެނެސް އަތުރައިލިއެވެ. އެމީހުންއަތް ދޮވެގެން ކާން އިށީނެވެ. ޑރ. ސިބްތި އަލީ ސާލާރާ ވާހަކަ ދައްކަން ފެށިއެވެ. "ސާާލާރް ހާދަ ނެގިމަޑުވެފަ؟"

ސާލާރް ހިނިތުންވެލިއެވެ. މިކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާ ނެގިމަޑުވެފައި އިންކަން ޑރ. ސިބްތި އަލީއަށް ފާހަގަކުރެވުނީ ކިިހިނެއްހެއްޔެވެ؟ އޭނާ ފުރްގާނަށް ބަލާލާފައި ހީނލަން މަސައްކަތް ކުރިއެވެ.

"އަހަރެންގެ މޫނުން އަހަރެންގެ ޖަޒުބާތުތައް ރިފެރިވަނީތަ؟ ފުރްގާނަށް ވެސް އަހަރެން ފެނިފައި އެކަން ފާހގަކުރެވިއްޖެ، މިހާރު ޑޮކްޓަރ ސިބްތި އަލީވެސް އެދައްކަނީ އެވާހަކަ." އޭނާގެ ހިތަށް އެރިއެވެ. "ނޫން، އެހެން ނުވެދާނެ. އަހަންނަކީ އެހައި ނެގިމަޑުވެފައި އިންނަ މީހެއް ނޫން." ޑރ. އަލީގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނާ އަމިއްލަ ނަފްސަށް އެކަން ކަށަވަރުކޮށްދިނެވެ.

"ނެގިމަޑުވެފައި އިންނަހެން ހީވަނީ." ޑރ. އަލީ ހިނިތުންވެލާފައި ބުނެލިއެވެ. ކައި ނިމިގެން އޭނާ އެތެރެއަށް ވަދެ ފޮތެއް ހިފައިގެން ނިކުތެވެ. އެފޮތް ސާލާރަށް ދިނެވެ.

"ތީ އިގްތިސާދާ ގުޅޭ މަސައްކަތް ކުރާ ކުއްޖެއްނު؟ މިއީ އިސްލާމީ އިގްތިސާދުގެ މައްޗަށް އަހަރެން ތަންކޮޅެއް ކުރިން ލިޔުނު ފޮތެއް. މިފޮތް ކިޔައިގެން އިސްލާމީ އިގްތިސާދާ ބެހޭ ނިޒާމަށް ސާލާރް ހޭލުންތެރިވެއްޖެނަމަ އަހަރެން ވަރަށް އުފާވާނެ." ފޮތް އަތުލަމުން ސާލާރް ކުޑަކޮށް ގަނޑުތައް އުކައިލިއެވެ. ދެން އެނބުރިލާފައި ބުންޏެވެ. "އެމެރިކާ އަށް ގޮސްފައިވެސް ގުޅުން ބާއްވަން ބޭނުން. އިގްތިސާދު އެކަންޏެއް ނޫން، ދަސްކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރި."

ޑރ. އަލީ އޭނާގެ ކޮނޑުގައި މަޑުމަޑުން ފިރުމައިލިއެވެ.

"ޑރ. ސިބްތި އަލީ އާއި ގުޅުން އޮންނަ އެންމެންވެސް މުޖްތަމައަށް ފައިދާހުރި ކޮންމެވެސް މަސައްކަތެއް ކުރޭ. އޭނާއާ ދިމާވުމުގެ ކުރިންވެސް ބައެއް މީހުން އެފަދަ މަސައްކަތް ފަށާ. އަނެއްބަޔަކު މަސައްކަތް ފަށަނީ އޭނާއާ ދިމާވާ ފަހުން." ފުރަތަމަ ދުވަހުގެ ބައްދަލުވުމަށް ފަހު ފުރްގާން ބުންޏެވެ.

"އެތަނަށް ދާ އެންމެންނަކީ ވެސް ވަރަށް މޮޅު މީހުން. ބޮޑެތި މުއައްސަސާތަކުގަ މަސައްކަތް ކުރާ މީހުން. އަހަންނަށް އެތަނަށް ދެވުނީ އިއްތިފާގަކުން. ލަންޑަންގައި އުޅުނު އިރު އޭނާގެ ދަރުސްތައް އަޑުއަހަން. ޕާކިސްތާނަށް އައިސް އޭނާއާ ބައްދަލުކުރަން ފުރުސަތު ލިބުނީ ރައްޓެއްސެއްގެ ފަރާތުން. އޭރުއްސުރެން އަހަރެން އޭނާޔާ ބައްދަލުކުރަން. މިހާރު އަހަންނަށް ހުރިހާ ކަމެއް ސާފުވެ ނަފްސާނީ ގޮތުން ދުޅަހެޔޮވެއްޖެ. އަހަރެންގެ ޕްރޮޖެކްޓުގެ ވާހަކަ އެހީމެއްނު؟ އެތަނަށް ދާ ވަރަށް ގިނަ މީހުން އަހަރެމެންގެ ޕްރޮޖެކްޓަށް އެހީވި. އެކަަހަލަ ޕޮރޮޖެކްޓްތަކުގައި އަހަރެން ނޫނަސް އެހެން މީހުން ވެސް އުޅޭ. އަހަރެމެން އެކަކު އަނެކަކަށް އެހީވަން. އެހީވާގޮތް ތަފާތުވެދާނެ. އެކަމަކު އެންމެންގެ ވެސް އޮތީ އެއް މަގްސަދެއް، ގައުުމަށް ހެޔޮ ބަދަލެއް ގެނައުން."

ސާލާރް އަޑުއަހަން އިނދެފައި ބުންޏެވެ. "އެއީ އެހާ ފަސޭހަ ކަމެއް ނޫން."

"އާނ. އަހަރެމެންނަށް ވެސް އެނގޭ ފަސޭހަ ކަމެއް ނޫންކަން. އަހަރެމެން އުމުރު ހުސްވާއިރު ވެސް އެކަން ނުނިމޭނެކަން އެނގޭ. އެކަމަކު އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރީންނަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނޭ ފަދަ ވަރުގަދަ ބިންގަލެއް އަޅަން އަހަރެމެން ބޭނުންވީ. އަހަރެމެން މަރުވާއިރު ނިކަމެތިންގެ ދިރިއުޅުމުގެ ހާލަަތު ރަނގަޅުކުރަން ކޮންމެވެސް ކަމެއް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އޮންނާނެ. ކުޅި ބަލަން ތިބި ބައެއްގެ ގޮތުގައި ނުކިޔާނެ. އަހަރެމެން އެހެން މީހުންގެ ބޮލުގައި އިލްޒާމެއް ނާޅުވަން، އިނގިލި ދިއްނުކުރަން، އަދި އިސްލާމް ކަމަކީ ހަމައެކަނި މިސްކިތުގެ ތެރޭގައި އޮންނަ ކަމެއް ކަމަށް ދެކިގެން ވެސް ނެތީމު، އަހަރެމެން މަސައްކަތް ކުރީ އަމިއްލަ ދިރިއުޅުމެކޭ އެއްފަދައިން އެހެން މީހުންގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލެއް ގެންނަން."

އޭނާ ހައިރާންވެފައި ފުރްގާނަށް ބަލައިލިއެވެ. އިމާމާ ހާޝިމް އާއި ޖަލާލް އަންޞާރް އަދި، ސާދް އަށް ފަހު އޭނާއާ މި ދިމާވީ މުޅިން އާދަޔާ ޚިލާފު މުސްލިމަކާއެވެ. މިއީ މުޅިން އެހެން މުޑުވަކެއްގެ މުސްލިމެކެވެ. އޭނާ އަކީ މިދުނިޔެ އާއި އަދި ރޫޙާނީ ދުނިޔޭގެ އަހުލުވެރިއެކެވެ. މެދުމިން ރަނގަޅަށް އެނގޭ މީހެކެވެ. އަދި އެހެން މީހުންނަށް މަގު ދައްކާވެސް މީހެކެވެ. ސާލާރް އިނީ އަންތަރީސް ވެފައެވެ.

"އަހަރެން ބުނި ކަންތަކާ މެދު ވިސްނާލިންތަ؟" ސާލާރް އެހިއެވެ.

"އަހަރެން އެދެނީ އެންމެ ކަމެއް. މި ގައުމަށް ސާލާރްގެ ޚިދުމަތް ބޭނުން. މިގައުމުގެ މުއައްސަސާތަކަށާއި ރައްޔިތުންނަށް ސާލާރްގެ ބޭނުން އެބައޮތް. އެނބުރި އައިސް ގައުމަށް ޚިދުމަތްކުރޭ."

ފުރްގާންގެ ޚިޔާލަށް ސާލާރް ހޭންފެށިއެވެ. "ތީ ދޫކޮށްލެވެން ނެތް މައުޟޫއެއް ދޯ؟ އަހަރެން ތިކަމާ ވިސްނާނަން، އަހަރެން ބުނި ކަންތަކާ މެދު ވިސްނާލިންތަ؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.