
ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަނިކޮށް ރޭ ފަރަށްއެރި ކޮންފޯޓް އެކްސްޕްރެސް އެމްއެޗު1 ނަމަކަށް ކިޔާ ފެރީ މިއަދު ކަނޑު އަޑިއަށް ހިނގައްޖެއެވެ. ލޯންޗު އަޑިއަށް ދިޔައީ ގާފަރާއި މާލެއާ ދެމެދަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ފެރީ އަޑިއަށް ދިޔައީ ފަރުމަތިން ފުންކޮށްގެން ކ. ގާފަރަށް ގެންދަން އެހެން އުޅަނދެއްގެ ކަފުޖަހައިގެން ދަތުރު ކުރަމުންދަނިކޮށް ކަމަށެވެ. އަޑިއަށް ދިޔައީ މިއަދު ހެނދުނު 9:45 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ފެރީ ލޯންޗު އަޑިއަށް ދިޔައިރު އޭގައި 5 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމީހުންވަނީ ކަފުޖަހައިގެން ދިޔަ އުޅަނދަށް ނަގައިފައެވެ. އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އުޅަނދެއް އެސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އަޑިއަށް ދިޔަ ލޯންޗަކީ 84 ފޫޓުގެ އުޅަނދެކެވެ.
ރޭ އެ ލޯންޗު ކ. ކަގި މޯލްޑިވްސް ރިސޯޓުގެ ހުޅަނގުފަރާތު ކަނޑުއޮޅީ ފަރަށްއެރި އިރު އެއިން 31 މީހުން ދަތުރުކުރިއެވެ. އެއީ 11 އަންހެނުންނާއި، 4 ކުޑަކުދިންނާއި 16 ފިރިހެނުންނެވެ. އެ އެންމެން ވަނީ އެއްވެސް ގެއްލުމެއް ނުވެ ސަލާމަތް ކޮށްފައެވެ.