
އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މިހާރު ފެނިފައިވާ ޑިންގީއަށް އެކަން ދިމާވީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ތިން ކުދިންނާއި މީހަކު ދަތުރުކުރި ޑިންގީ މާމިގިލިން ފުރައިގެން ފީއައްޔަށް ދަނިކޮށް އެމީހުންވަނީ ވިއްސާރަ ކޮޅިގަނޑެއްގައި ޖެހިފައެވެ. ކޮޅިގަނޑުގައި ޖެހުމުން ދެވޭނުދެވޭ ދިމާއެއް ނޭގުމުން އެމީހުންވަނީ އުޑުމަތި ސާފުންވަންދެން ޑިންގީގެ އިންޖީނު ނިއްވާލައިފައެވެ. ފުލުހުން ވިދާޅުވީ އެމީހުންއަތުގައި ތެޔޮވެސް ހުރި ކަމަށެވެ.
ޑިންގީގެ އިންޖީނު ނިއްވާލައިގެން ތިއްބާ އެމީހުން ފެނިފައިވަނީ ފ. ހިމިއްޗާ ތިން މޭލު ބޭރުންނެވެ. ޑިންގީ ފެނިފައިވަނީ ސީއެމްބިޔުލާންސަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ފެނިފައިވަނީ މިރޭ 8:00 އެހައިކަންހާއިރު އެވެ.
ޑިންގީގައި ތިބި އެންމެންގެ ޙާލުވެސް ރަނގަޅެވެ. މިރޭ 9:15 އެހައިކަންހާ އިރު ޑިންގީވަނީ ކޯސްޓުގާޑުގެ އެހީގައި ފިއައްޔަށް ވަދެފައެވެ.