
ވަރުން ދަވަން އާއި ސާރާ އަލީ ޚާން ގެ ފިލްމު "ކޫލީ ނަމްބަރ 1" ގެ ފުރަތަމަ ޕޯސްޓަރު މިއަދު ނެރެފިއެވެ.
'ކޫލީ ނަމްބަރ 1' އަކީ 1995ވަނަ އަހަރު ގޯވިންދާ އާއި ކަރިޝްމާ ކަޕޫރް ގެ މަޝްހޫރު ފިލްމު 'ކޫލީ ނަމްބަރ 1' ގެ ރީމޭކެކެވެ. އެ ފިލްމަކީ ކޮމެޑީ ފިލމްުތަކުގެ ތެރެއިން މިއަދާ ހަމައަށް ވެސް ބެލުންތެރިންގެ ެމދުގައި މަގްބޫލު ފިލްމެކެވެ. ވަރުން އާއި ސާރާ ގޯވިންދާ އާއި ކަރިޝްމާ ގެ ރޯލު ކުޅޭނީ މި ޒަމާނަށް ފައްތައިގެންނެވެ.
ފިލްމުގެ ފުރަތމަ ޓީޒަރ ނެރެފައިވަނީ އާދީއްތަ ދުވަހުއެވެ. އެ ޓީޒަރ ގައި ވަރުން އަދި ސާރާގެ މޫނެއް ވެސް ނުފެނެއެވެ. އެހެން ނަމަވެސް މިއަދު އާއްމުކުރި ޕޯސްޓަރުން ދެ ތަރިންގެ މޫނު ފެނެއެވެ. މިއީ ފިލްމުގެ އެއް ޕޯސްޓަރެއްގައި ވަރުން ހުންނަނީ ކޫލީ ޔުނިފޯމުގައެވެ. ސާރާ އާއި ވަރުންގެ ޖޯޑަކީ މި ފިލްމަށް އެންމެ އެކަށީގެންވާ ތަރިން ކަމަށް ބޮލީވުޑްގެ ބައެއް ރިޕޯޓުތައް ބުނެއެވެ.
ކޫލީ ނަމްބަރ ވަން ގެ ޑައިރެކްޓަރަކީ ވަރުން ގެ ބައްޕަ ޑޭވިޑް ދަވަން އެވެ. މިއީ އޭނާ 45ވަނަ ޑައިރެކްޝަނެވެ. ވަރުން އާއި ސާރާގެ އިތުރުން ޕަރޭޝް ރަވާލް ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެއެވެ. އޭނާ ކުޅޭނީ 'ކޫލީ ނަމްބަރ ވަން' ގެ ފުރަތަމަ ފިލްމުގައި ކާދަރް ޚާން ކުޅުނު ރޯލެވެ. އެ ފިލްމުގެ ކާދަރް ޚާން ކުޅުނީ ކަރިޝްމާ ކަޕޫރްގެ ބައްޕަގެ ރޯލެވެ. 'ކޫލީ ނަމްބަރ 1' ގެ ޕްރޮޑިއުސަރުންނަކީ ވަޝޫ ބަޣާނީ، ޖެކީ ބަޣާނީ އަީ ީޕިކާ ދެޝްމުކް އެވެ. ވާހަކަ ލިޔުނީ ފަރްހަދް ސަމްޖީ އެވެ. މި ފިލްމު ސިނަމާގައި އަޅުވާނި 2020ވަނަ އަހަރުގެ މޭ މަހުގެ 1ވަނަ ދުވަހުއެވެ. ފިލްމުގެ ޝޫޓިން މިހާރު ބެންގކޮކްގަިއ ކުރިޔަށް އެބަދެއެވެ.