
ހުޅަނގު މޫސުމުގެ ވިއްސާރައިގައި އާދަޔާ ޚީލާފަށް ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން އައްޑުއަތޮޅުގެ ބައެއް ގޭގެއަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.
އަތޮޅުގެ ބައެއް ގޭގޭގެ ފުރާޅުން ޓިނު އެއްލައިލުމާއި ބޮޑެތި ގަސް ވެރުން ފަދަ ހާދިސާތައް ރޭވަނީ ހިނގާފައެވެ. މެންދަމު އެންމެ ވައިގަދަވީ އިރު ގާތްގަނޑަކަށް 55 މޭލަށް ވައިޖެހުނު ކަމަށް ލަފާކުރެވެއެވެ. އައްޑުއަށް ދަތުރުކުރި މޯލްޑިވިއަން ގެ ބޯޓުގަމުގެ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާލާފައި ދިޔައީއެވެ. ދިޔަ މަގުމަތީގައި ލާމު އަތޮޅަށް ޖައްސަން މަސައްކަތ ްކުރި ނަމަވެސް ޖެއްސޭގޮތެއް ނުވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބައެއް ހިސާޞުތަކުން ރޭ ދަންވަރު ކަރަންޓު ވެސް ދިޔައެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މި ހަފްތާ ވެގެންދާނީ ވިއްސާރަ ހަފްތާއަކަށެވެ. އެ އިދާރާ އިން ވަނީ ރޭ މެންދަމު ދޭކުން ފަތިހު ފަހަކާ ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އެބަދެއެވެ.