މަނިކުފާނު ވެރިކަމަށް ގެނައީ އުއްމީދެއްގެ ގޮތުގައި

ހެއުއެދޭ ބޮޑުވަޒީރަށް މުބާރަކުބާދު ދަންނަވަމެވެ. މަނިކުފާނުގެ ވެރިކަމަށް އަހަރެއް ފުރިއްޖެއެވެ. ޖުލައި 25، 2018 ގައި ބޭއްވި އިންތިޚާބުގައި މަނިކުފާނުގެ ޕާޓީން ހޯދީ ގައުމަށް   ހައިރާންކަން ގެނުވި ކާމިޔާބީއެކެވެ.

ވެރިކަން ކުރެއްވުމުގައި މަނިކުފާނަށް ދަތިތަކާ ކުރިމަތިލައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. މަނިކުފާނު ބޭނުންފުޅުވީ އެހެން ޕާޓީއަކާ އިއްތިހާދުނުވެ ވެރިކަން ކުރައްވާށެވެ. އެ ގޮތަށް މިންވަރު ނުކުރެއްވިޔަސް އެހެން ޕާޓީތަކުގެ އެއްބައިވަންތަކަމާއެކު ވެރިކަން ކުރެއްވުމުގެ މަގު މަނިކުފާނަށް ވަނީ އިންތިހާއަށް ފަހިވެގެންގޮސްފައެވެ.

ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި މަނިކުފާނުގެ ސަރުކާރަށް ކުރެއްވުނީ ކޮންކަމެއްކަން، އާއްމު ރައްޔިތުންނަށް ލިބުނީ ކޮންއެއްޗެއްކަން އަދި ގެއްލިގެން ދިޔައީ ކޮންއެއްޗެއްކަން ޚުދު މަނިކުފާނު ފާޑުވިދާޅުވުމުގެ ނަޒަރަކުން ވަޒަންކޮށްލައްވާށެވެ. ގައުމުގެ ތަޤްދީރު ބަދަލުކުރަން ތަދުބީރުކުރުމަށް އަދި ހަތަރު އަހަރު މަނިކުފާނަށް ލިބިވަޑައިގެންފައި އެބަ އޮތެވެ. މަނިކުފާނު ވިދާޅުވެދެއްވާށެވެ! ގޭހާއި ކަރަންޓު ބިލު ދެއްކުމުގެ ޤާބިލުކަން 2023 ގައި އާއްމު ރައްޔިތުންނަށް ލިބޭނޭތޯއެވެ؟ ރައްޔިތުން ކެއުން ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގު ޖައްވަށް ފަޒާއަށް އުފުލިގެން ނުދާނޭތޯއެވެ؟ ތައުލީމާއި ސިއްހަތާއި ސާފު ބޯފެން ހުރަހެއް ނެތި ލިބެމުން ދާނޭތޯއެވެ؟ މަނިކުފާނު ފަށްފަށް ކުރެއްވި ވައުދުތަކަށް އިތުބާރުކޮށް ރައްޔިތުން ވަނީ މަނިކުފާނަށް ފުރިހަމަ ފަސް އަހަރު ހަދިޔާކޮށްފައެވެ.

މަނިކުފާނު ސިޔާސީ ދަނޑަށް 1996 ގައި ނިކުމެވަޑައިގެންނެވިއިރު، ތަޞައްވަރު ކުރެވެމުން ދިޔައީ މަނިކުފާނަކީ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. ތަޖުރިބާއެއް ނެތް ވަނދު ގޮބޮޅިއެއްގެ ގޮތުގައެވެ. އެކަމަކު މިއަދު މަނިކުފާނަކީ ގައުމުގެ ކެޕްޓަނެވެ. މަނިކުފާނާ ދެކޮޅު ހުރިހާ ބޭފުޅުން ޖަލަށް ލެއްވުމަށްފަހު ކުޅުއްވަމުން ގެންދަވަނީ ޚުދު މަނިކުފާނެވެ. ކުޅުއްވަމުން ގެންދަވާށެވެ! ވަގުތު އެބައޮތެވެ. ގޯހެއްނަހައްދަވައި ހަތަރަކަށް ހަޔަކަށް ޖައްސަވަމުން ގެންދަވާށެވެ!

ތިޔައީ ވަރަށް ނަސީބު ވެސް ގަދަ ބޭފުޅެކެވެ. އިންތިޚާބުގެ ކުރިން ވެސް މަނިކުފާނަށް ދިޔައީ ކާމިޔާބީގެ މައިދާން ތަނަވަސްވަމުން ފުޅާވަމުންނެވެ. މަނިކުފާނުގެ އެންމެ ބޮޑު  ވާދަވެރިޔާއަކީ މަގާމަށް އެކަށީގެން ނުވާ ބޭފުޅެއްކަމުގައި ކޯޓުން ކަނޑައެޅިއެވެ. ދެން ފެނިގެން ދިޔައީ އެ ބޭފުޅާއަށް ކޯޓު ހުކުމެއް ކުރެވި، ޖަލަށް ލެވުނުތަނެވެ. އޭގެ ފަހުން ފެންނަމުން ދިޔައީ، މަނިކުފާނުގެ ސަރުކާރުގެ ބޭފުޅަކަށް ވިޔަސް، އިދިކޮޅު ބޭފުޅަކަށް ވިޔަސް ވަގުންނާއި ފޭރޭ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ޓެކްސް ވަގުންނާއި ފައިސާގެ ވަގުވިޔަފާރި ހިންގާ މީހުން ތަހުގީގަށް ފަހު ޖަލަށް ފޮނުވާލެވުނެތަނެވެ. ތަހުގީގު ކުރެވުނު ބައެއް މީހުން އެކަށީގެންވާ ހެކި ނުލިބިގެން ޖެހުނީ ދޫކޮށްލާށެވެ. ދޫކޮށްލެވުނު މީސްމީހުންނަކީ އިއްތިފާގުން ނަމަވެސް މަނިކުފާނުގެ އަރިސް މީހުންނެވެ.                      

ހެއު އެދޭ ބޮޑުވަޒީރެވެ! ފާއިތުވި އަހަރުދުވަހުގެ ތެރޭގައި މަނިކުފާނާ ދެކޮޅަށް އެއްވެސް ބަޔަކު މުޒާހަރާއެއް ނުކުރެއެވެ. މަގުމަތީގެ އަމާންކަން ނަގައެއްނުލައެވެ. ޕާލަމެންޓުގެ ޖަލްސާތައް މަނިކުފާނު ވަޑައިގަތަސް ނުގަތަސް ކުރިއަށް ގެންދެވެއެވެ. ޖަލްސާތަކުގެ އަމާންކަން ގެއްލި ހުއްޓާލާކަށް ނުޖެހެއެވެ.  އެތާތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް އާޑަކިއުމާއި ހިމާރުގެ ގޮތްދެއްކުން އޮވެއެވެ. އަހަރު ދުވަހުގެތެރޭގައި މަނިކުފާނު ވަނީ 30 ހާސް ބިލިއަން ރުފިޔާގެ ދަރަނި ނަންގަވާފައެވެ. އެކަމަކު ދެރަވާންޖެހޭ ކަމަކީ އެއޮތް ބޮޑު ދަރަނި އަދާކުރަން ނިކަމެތި ފަގީރު ރައްޔިތުންގެ ދިޔަ ވެސް ފެލަންޖެހޭތީއެވެ. ރައްޔިތުންގެ ލޭ ބޮއިގެންނާއި ކޮރަޕްޝަންގެ ވަގު ލާރިން މުއްސަނދިވި މީހުންގެ އަތުން ނަގާ ޓެކުހުން ލޯނު ދައްކައި ޚަލާޞް ނުކުރެވޭނެތޯއެވެ؟ ނިކަމެތި ރައްޔިތުންނަށް ބުރަ ނުޖައްސަވައި ލުއިގޮތް ފަހިކޮށްދެއްވާށެވެ!

ހެއު އެދޭ ބޮޑުވަޒީރެވެ. ވެރިކަން ލިބިވަޑައިގަތުމުން ގިނަ ބޭފުޅުން ހައްދަވާހެން ރައްޔިތުން ހަނދުމަފުޅު ނައްތަވާނުލައްވާށެވެ! ހަނދާއި ތަރިތަކާއި ޕާޓީގެ ޚަބަރުތަކާއި އިދިކޮޅު މީސްމީހުންގެ ޚަބަރުތައް ބައްލަވާހެން ކާބޯތަކެތީގެ އަގުތަކާއި ބޯހިޔާކުރުމުގެ އަގުތަކާއި މުސާރަތަކުގެ ޚަބަރުދަބަރުވެސް ބައްލަވަމުން ގެންދަވާށެވެ. މަނިކުފާނަށްވުރެ ޒުވާން ސިޔާސީ ބޭފުޅުންނަށްވުރެ މާ ބޮޑަށް ވެސް މަނިކުފާނު އަދިވެސް ފެންނަނީ ފިޓުކޮށްނެވެ. ރައްޔިތުން އާނ ދޮގޭއޭ ބުނެ މަނިކުފާނަށް ވެރިކަން ދިނީ އުއްމީދެއްގައެވެ. ހަމައެކަނި ރަސްމީ އަދި ނުރަސްމީ ދަތުރުތަކުގައި ގައުމުން ބޭރަށް ފޮނުވާކަށް ނޫނެވެ.

މަދީނާގެ ވާހަކަ އާއި ގައުމު އަމާންކޮށްދެއްވާނެ ވާހަކަ އާއި މަގުމަތީގެ އަމާންކަމުގެ ވާހަކަ އާއި ރައްޔިތުންގެ ޖީބު ފުރާދެއްވާނެ ވާހަކަ ކިތައް ފަހަރު ވިދާޅުވިންތޯއެވެ؟ ފްލެޓުތަކުގެ ކުލި ނުދެއްކިގެން އުޅެނީ ކިތައް މީހުން ތޯއެވެ؟ ކަރަންޓު ބިލާއި ފެންބިލާއި ގޭސް ބިލާއި ފޯނު ބިލާއި ދިރިއުޅުމުގެ އެހެން ޚަރަދުތައް ނުކުރެވިގެން ގަނޑުވެފައި ތިބީ ކިތައް މީހުން ތޯއެވެ؟ ވަޒީފާއެއް ނުލިބިފައި ތިބި މީހުންގެ އަދަދު އެނގިވަޑައިގަންނަވާތޯއެވެ؟ 

ހެއު އެދޭ ބޮޑުވަޒީރެވެ! ރައްޔިތުންގެ ގިނަ ބަޔަކު ތިބީ މަނިކުފާނުގެ ފަހަތްޕުޅުގައެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވީތީއެވެ. އެކަމަކު މަނިކުފާނުގެ ކަނައަތްޕުޅު ފަރާތުންނާއި ވައަތްޕުޅު ފަރާތުންނާއި ފަހަތްޕުޅުންނާއި ކުރިމަތިން ވެސް ފެންނަމުން ދަނީ ޚިޔާނާތާއި ވައްކަމުން ފޯވެފައިވާ ބައިގަނޑުތަކެވެ. ބަދަލުވެފައި ވަނީ އެމީހުންގެ ހެދުމެވެ. އެއީ ކުލަބަދަލު ކުރަން ދަންނަ ގަރަހިތަތަކެކެވެ. ގަރަހިތަ ބޭނުން ކުރައްވައިގެން ރައްޔިތުންނަށް ބޭނުންވާ ވަޒީފާ އާއި ބޯހިޔާވަހިކަން މަނިކުފާނަށް ހޯއްދަވައިދެއްވޭނެތޯއެވެ؟ ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ވިދާޅުވާނީ މިއީ ވަރަށް މުހިއްމު ވަރުގަދަ ގައުމެއްކަމަށެވެ. އެކަމަކު ގައުމު އިތުރަށް ބިނާ ކުރައްވަން އުޅުއްވުމުގެ ބަދަލުގައި އެ ބޭފުޅުން ފެންނާނީ ގައުމު ލޫޓުވާތަނެވެ. ސިޔާސީ ފިނި ހޫނުމިން އިންތިހާއަށް މައްޗަށް ގެންދަވާތަނެވެ. ސިޔާސީ ފިނި ހޫނުމިން ދަށްވުމުން ވެރިކަން ކުރައްވަން ކިހާ ފަސޭހަފުޅުވާނެތޯއެވެ؟ ހޫނު ކުރިމަތިލުންތަކެއް ނޯންނާނެނޫންތޯއެވެ؟

ހެއު އެދޭ ބޮޑު ވަޒީރު ޢިމްރާން ޚާނެވެ! ވެރިކަން ކުރެއްވުމުގައި އަދުލު އިންސާފުގެ ތެރެއަށް އަތްޕުޅު ނުބާނުއްވާށެވެ! އެއީ ޖުމްހޫރިއްޔަތާ ޚިލާފު ޢަމަލެކެވެ. ގާނޫނުއަސާސީއާ ވެސް ޚިލާފު އަމަލެކެވެ. މީޑިއާ ފުނޑުފުނޑުކޮށްލައްވަން ނޫޅުއްވާށެވެ! މަނިކުފާނަށް ވެރިކަން ހޯދައިދޭން މީޑިއާ މުހިއްމު ދައުރެއް ކުޅުނެވެ. ހިތާއި ހަށި ނުރުހޭ ވާހަކައެއް މީޑިއާގައި ދައުރުވިޔަސް ކެތްރިވެވަޑައިގަންނަވާށެވެ!

ހެއު އެދޭ ބޮޑުވަޒީރެވެ! މަނިކުފާނު ވެރިކަމަށް ގެނައީ އުއްމީދެއްގެ ގޮތުގައެވެ. ސިޔާސީ ކަންތައްތަކަކީ އާއްމުންނަށް ޚިދުމަތް ކުރުމެވެ. ގައުމަށް ޚިދުމަތް ކުރުމެވެ. ސިޔާސީ ކަންތައްތައް ފިޔަވައި އެހެން ހުރިހާކަމަކީ ވިޔާފާރިއެވެ. ސިޔާސީ ކަންތައްތަކުން ވިޔާފާރި ނުކުރައްވާށެވެ! އަދި ވަގު ވިޔަފާރި ކުރުމުގެ ފުރުސަތު އެހެން ބޭފުޅުންނަށް ނުދެއްވާށެވެ! ރައްޔިތުން ތިބީ ތާއްޔާޖެހިފައެއްނޫނެވެ!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.