ރިސޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ދޭން ލާޒިމު ކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިސޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ މަދު މިންވަރެއްގެ ގޮތުގައި 10 އިންސައްތަ ސާވިސް ޗާޖް ދިނުމަށް ލާޒިމް ކުރުމަށް ޤާނޫނަށް އިޞްލާހެއް ހުށަހަޅުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިޤްތިޝާދީ ކޮމެޓީންނެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖް ދެވޭ އުސޫލު ގުޅޭގޮތުން  ރިޕޯރޓެއް އެކުލަވާލައިފައި ވަނީ އެކޮމެޓީން އަމިއްލަ އިސްނެގުމަށް އެމައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމެވުމަށްފަހުއެވެ. އިޤްތިޞާދީ ކޮމެޓީއަށް މިމައްސަލަ ހުށަޅުއްވީ ކޮމެޓީގެ ނާއިބް މުޤައްރިރު މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދެވެ.

މި ރިޕޯޓު ހުށަހަޅުއްވަމުން ކޮމެޓީގެ މުޤައްރިރު އަލިފުށީ ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ވިދާޅުވީ މައްސަލަ ކޮމެޓީގައި ދިރާސާ ކުރައްވައިފައި ވަނީ އެހެނިހެންގެ ތެރެއިން ކަމަށް ވުމުން ބިލެއެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭތީ ބިލަށް އިޞްލާޙެއް ހުށަހެޅުމުގެ މައްސަލައެއްގެ ގޮތުގައި ނިންމައި، އެމައްސަލައިގެ ރިޕޯޓު މަޖިލީހަށް ހުށަހެޅީކަމަށެވެ. މި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި 75 މެމްބަރުންގެ ޢިއްތިފާޤުން ވަނީ ފާސްކުރައްވައިފަވެ.   

މި މައްސަލައިގައި ކުރެވުނު ބަހުސްގައި ރިސޯޓުތައް ހިންގަވާ ވިލާގެ ޗެއަރމަން އަދި މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހިމް ވިދާޅުވީ އޭނާގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރުވެސް ސާވިސް ޗާޖް ދެއްވަމުންގެންދަވާ ކަމުގައެވެ. ނަމަވެސް މުސާރައާއި އެކު ސާރވިސް ޗާޖް ދޭ ވާހަކަ ބައެއް މެމްބަރުން ފާހަގަ ކުރައްވައިފައިވާތީ އެކަމުގައި ނުކުމެދާނެ މައްސަލަތައް ފާހަގަ ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ ނުލިބޭ އާމްދަނީއަކުން ސާވިސް ޗާރޖް ނަގަންވެއްޖެ ނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް އެސިނާޢަތަށް ކުރިމަތި ވެދާނެކަމުގައެވެ. އިންވޮއިސް ހަދައިގެން ލިބެންޖެހޭ ފައިސާ ކޮޅު ނުލިބި އެއްމަސް، ދޮޅުމަސް އަދި އެއަށްވުރެވެސް ގިނަ ދުވަސް ވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ. މިހެން ލިބެންޖެހޭ ފައިސާކޮޅު ބައެއް ފަހަރަށް ނުލި ބޭންކްރަޕްޓްވާ ހިސާބަށް ދާކަން ވެސް ފާހަގަކުރެއްވިއެވެ. މިގޮތަށް ނުލިބި ހުންނަ ފައިސާ ތިން ހަތަރު ލައްކަ ޑޮލަރުން ގޮސް މިލިއަނަށްވެސް އަރައިގެން ދާތަންވެސް އަންނަ ކަމުގައި ޤާސިމް ވިދާޅުވިއެވެ. އަދި ބޭންކްތަކުން ވެސް ދޫކުރާ ފައިސާ ވެސް ދަށްކޮށްފައިވުމުން މިކަމުގައި ގޮތެއް ނިންމެވުމުގެ ކުރިން ކަމުގެ ތަޖްރިބާކާރުންގެ މަޝްވަރާ ހޯއްދެވުން މުހިންމު ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ. ރިސޯޓު ތަކުގައި ރެންޓްކޮށްފައި ހުންނަ ތަންތަނުން ސާވިސް ޗާޖް ދޭން ބުނާއިރު އެއީ ކިހިނެއް ނެގޭނެ އެއްޗެއްތޯވެސް ބަލަން ޖެހޭ ކަމަށެވެ.

ސާވިސް ޗާޖް ދިނުމުގެ މައްސަލައިގައި ހުރިހާ މެމްބަރުންވެސް ވާހަކަ ދެއްކެވީ އެއީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްކަމަށް ފާހަގަ ކުރައްވައެވެ. މިހާރު ޤާނޫނުގައިވާ ގޮތުން ސާވިސް ޗާޖް ނެގުމަށް މަޖްބޫރެއް ނޫނެވެ. ބައެއް މެމްބަރުން ވިދާޅުވީ ޤާނޫނުގައި މަޖްބޫރުކޮށްފައި ނުވި ނަމަވެސް ބައެއް ރިސޯޓުތަކުން ސާވިސް ޗާޖް ކަންތައް ވަރަށް ރަނގަޅަށް ދެފުށް ފެންނަ ގޮތުގައި ކުރަމުންދާ ކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖް ނުދީ އޮޅުވާލުމަށްވެސް މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި 138 ރިސޯޓު އޮތް އިރު މަހެއްގެ މައްޗަށް 379 މިލިއަން ޑޮލަރގެ އާމްދަނީގެ ގޮތުގައި ލިބޭ ކަމުގައެވެ. ނަމަވެސް ދައުލަތުގެ އާމްދަނީއަށް މަހެއްގެ މައްޗަށް ލިބެނީ 100 މިލިއަން ޑޮލަރުކަމަށެވެ. ރިސޯޓްތަކަށް އާމްދަނީގެ ގޮތުގައި ދައުލަތުގެ އާމްދަނީގެ ގާތްގަޑަކަށް ހަތަރު ގުނަ ލިބޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.