އިންތިޚާބަށް އޮފިޝަލުން ހޯދުމަށް ޕާޓީތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފި

މިއަހަރުގެ އެޕްރީލްމަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށް ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިވަޑައިގެންފިއެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އޮފިޝަލުން ހޯދުމަށް ޕާޓީތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީ އޮފިޝަލުން ހޯދުމަށް ދެފަހަރެއްގެ މަތީން އިޢުލާންކޮށްގެންވެސް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުންނެވެ. އޭނާ ވިދާޅުވީ އެހެން ދިމާވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އޮފިޝަލުންނަށް ބިރުދެއްކުން ފަދަ ކަންކަން ހިނގައިފައިވާތީ ކަމަށެވެ.

"ޕާޓީތަކާ މިއަދު މަޝްވަރާކުރިއިރުގައި ކޮމިޝަންގެ ރައީސް ފާހަގަ ކުރެއްވި މުޅި އިންތިޚާބުގައި (ރިޔާސީ އިންތިޚާބު) ކަންތައްތައް ދިޔަ ގޮތުން އޮފިޝަލުންނަށް ބައެއް މީހުން ބިރުދައްކައި ކަންތައްތައް ކޮށްފައިވާތީވެ ބައެއް އޮފިޝަލުން އުޒުރުވެރިވޭ މިފަހަރު ބައިވެރިވާން،" އަކުރަމް ވިދާޅުވިއެވެ.

އޮފިޝަލުން ހޯދުމުގައި ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމަށް އިސީން އެދިވަޑައިގެންނެވީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މިއަދުގެ ބައްދަލުވުމުގައި އެމްޑީއޭ އާއި ޑީއާރުޕީ ފިޔަވައި ހުރިހާ ޕާޓީތަކުން ވެސް ބައިވެރި ކަމަށެވެ.

ޕާޓީތަކުގެ އިތުރަށް ސިވިލް ސާވިސް ކޮމިޝަނާއި ދައުލަތުގެ ކުންފުނިތަކުގެ އެހީތެރިކަން ވެސް އެކަމުގައި ހޯއްދަވަން އީސީން މިހާރުވަނީ ނިންމައިފައެވެ. އެގޮތުން ވަރަށް އަވަހަށް ކުންފުނިތަކާ ބައްދަލު ކުރައްވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ ބައެއްކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އަކުރަމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.