އަދީބު މިހާރު ވަނީ އިންޑިޔާގެ އިންޓެލިޖެންސް އެޖެންސީގެ ބެލެހެއްޓުމުގެ ދަށުގައި

ފޮޓޯ: ސޯޝަލްމީޑިއާ (@RKRadhakrishn)

ރާއްޖޭގެ ކުރީގެ ނައިބްރައީސް އަހުމަދު އަަަދީބު އަބުދުލް ޢަފޫރު އިންޑިޔާގެ ތޫތުކުޅިން ހިފަހައްޓައިފި ކަމުގައި ޓެމިލްނާޑޫގެ ޕޮލިހާއި ހަވާލާދީ ދަޓައިމްސް އޮފް އިންޑިއާގައި މިއަދު ހާމަކޮށް ފިއެވެ.

 އެ ނޫހުގައި ބަޔާންކޮށް ފައިވާ ގޮތުގައި އަހުމަދު އަދީބު އަބުދުލް ޢަފޫރު  މިދިޔަ ބުރާސްފަތި ދުވަހު ވާގޯ 9 ނަމަކަށް ކިޔާ ބޯޓެއްގައި ކަނޑުމަގުން އިންޑިއާ އަށް އަތުވެއްޖެއެވެ. އަދި ކަމާއި ބެހޭ ގޮތުން އަދީބް އާއި މިހާރު ސުވާލުކުރަމުންދާ ކަމުގައި ވެސް ނޫހުގައި ބަޔާންކުރެވިފައިވެއެވެ.

              އިންޑިއާއިން އިންޑޮނޭޝިއާ ދިއުމަށް ޓަކައި ޖުލައި 11 ގައި ބޯޓު ފުރިއިރު ބޯޓުގައި ދަތުރުކުރީ 9 މީހުންނެވެ. އޭގެތެރޭގައި ބޮސްކޯ ނަމަކަށް ކިޔާ އިންޑިއާ މީހަކު ހިމެނެއެވެ. ޕޮލިހާއި ހަވާލާދީ ނޫހުގައި ބަޔާންކުރެވިފައިވާ ގޮތުގައި ބޮޑު ހިލަބަރުކުރުމަށް ފަހު އިންޑޮނޭޝިއާ އިން އެބޯޓު ފުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. އޭރު ބޯޓުގައި ދަތުކުރީ 10 މީހުންނެވެ.  

              ބޯޓުގައި އިތުރުމީހަކު ހުރިކަން ފާހަގަކޮށް ބޯޓުގެ އެޖެންޓަށް އެ މައުލޫމާތު ބޮސްކޯ ދިނުމާއި ގުޅިގެން ކަސްޓަމްސް، ކޯސްޓްގާޑް، އިންޓެލިޖެންސް އެޖެންސީ އަށް ބޯޓުގެ އެޖެންޓް ރިޕޯޓްކުރުމުން މައްސަލަ އާއި ބެހޭ ގޮތުން  އަދީބް އާއި ސުވާލުކުރަމުން އަންނަކަން އެނޫހުގައި ބަޔާންކުރެވިފައިވާ އިރު އަދީބް އަށް ބޯޓަށް އެރުނު ގޮތަކާއި އެކަމުގައި އަދީބް އާއި އެހީތެރިވި ފަރާތްތައް އަދި އަދީބު ވަޑައިގަންނަވާ ތަނެއް ހޯދުމާއި ބެހޭ ތަހުޤީޤުތައް ވެސް މިހާރު ހިގަމުންދާ ކަމުގައި ޓައިމްސް އޮފް އިންޑިއާގައި ބަޔާންކުރެވިފައިވެއެވެ.  ނޫހުގައި ބަޔާންކުރެވިފައިވާ ގޮތުގައި އަދީ މިހާރު ހުންނެވީ އިންޓެލިޖެންސް އެޖެންސީގެ ބެލެހެއްޓުމުގެ ދަށުގައެވެ.

              ރަސްމީ ފަރާތްތަކާއި ހަވާލާދީ ނޫހުގައި ބަޔާންކުރެވިފައިވާ ގޮތުގައި ތަހުޤީޤު ނިމުމުން އަދީބު އަނބުރާ ރާއްޖެ ފޮނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ ސަރުކާރުގެ މަޝްވަރާގެ މަތިން އަދީބު ގެ މައްސަލަ މައްސަލައިގެ ގޮތެއް ނިންމުމަކީވެސް އެކަށީގެންވާ ކަމެކެވެ.

              ކޮންމެއަކަސް އަދީބުގެ އެއަމަލަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ޚިލާފު އަމަލެކެވެ.

              މޯލްޑިވްސް ޕޮލިސްސާރވިސަސްގެ ނޫސް ބަޔާނުގައި ބަޔާންކުރެވިފައިވާ ގޮތުގައި އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސްޕްރިންކޯޓުން އަމުރެއް ނެރެފައިވަނިކޮށް ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި އޭނާ ވަނީ ހިފެހެއްޓިފައެވެ. އަދި އެކުވެރި ގައުމުތަކާއި ގުޅިގެން އަހުމަދު އަދީބު އަބުދުލް ޢަފޫރު ރާއްޖެ ގެނައުމުގެ މަސައްކަތް އެސާރވިސަސް އިން ދަނީ ކުރަމުންނެވެ. އަދި އަހުމަދު އަދީބު އަބުދުލް ޢަފޫރު ފިލުވުމުގައި ބައިވެރިވެ އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުޤީޤުކޮށް އެފަރާތްތަކާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަން ވެސް އެ ނޫސްބަޔާނުގައި ހާމަކޮށް ފައިވެއެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.