ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް (އައި.ސީ.އައި.އޭ) ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރ އަކަށް އެސްޓިއޯ ހަމަޖައްސައިފިއެވެ.
އިސްލާމިކް ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސްލަރ އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރުއެވެ. އެސްޓިއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސްލަރ އަލްއުސްތާޛާ އައިޝަތު ޚަލީލާ ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ކޮންފަރެންސަށް އެސްޓިއޯގެ އެހީތެރިކަން ދެއްވި ކަމަށްޓަކައި އެސްޓިއޯ އަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ވައިސް ޗާންސްލަރ ވިދާޅުވީ މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވަމުން އަންނަކަމަށެވެ.
އެސްޓިއޯގެ އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް އެސްޓިއޯއިން އަބަދުވެސް އިސްކަމެއްދޭ ކަމަށާއި އެގޮތުން މި ކޮންފަރެންސްގެ ގޯލްޑް ޕާޓްނަރަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ މި ކޮންފަރެންސް އަށް ވަރަށް ބޮޑު ތަރުހީބެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ. މި ކޮންފަރެންސަކީ އިސްލާމިކް ޔުނިވަރސިޓީން ބާއްވާ ހަތަރު ވަނަ ކޮންފަރެންސް ކަމަށާއި މި ކޮންފަރެންސަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އިޖުތިމާޢީ، އިޤްތިސާދީ އަދި ސިޔާސީ ދާއިރާގެ އިތުރުން ތަޢުލީމީ ދައިރާއިން ދިރާސާތައް ހުށަހަޅާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ކޮންފަރެންސްއެކެވެ.
(ޚަބަރާއި ފޮޓޯ: މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ)