ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލި ބޮޑު ނުކުރުމަށް، އެދުމަށް އިޖްތިމާއީ ކޮމެޓީން ފާސްކޮށްފިއެވެ. އިޖްތިމާއީ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުން ފާސްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވައިގެން މަޖިލީހުން ނެރޭ ބަޔާނަކުން ކުލި ބޮޑު ނުކުރުމަށް، އިލްތިމާސް ކުރުމަށެވެ. އަދި އިޖްތިމާއީ ކޮމެޓީގެ އެނިންމުން މަޖިލީހުގެ ރައީސް މެދުވެރުކޮށް ސަރުކާރަށް ވެސް ހުށަހެޅުމަށެވެ.
ކުލި ބޮޑުކޮށް އިތުރު ބަޔަކަށް ގެއްލުމެއްވުމުގެ ކުރިން އެމައްސަލައިގައި ކޮމެޓީގެ ނިންމުން ނިންމައި އެކަން އާއްމުކުރުމަކީ މުހިންމު ކަމެއްކަމަށް ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ވިދާޅުވިއެވެ. ކުލީގެ މައްސަލައިގައި އެކޮމެޓީގެ ނިންމުމަކީ އިތުރުބައެއްގެ ލަފައެއް ހޯދައިގެން ނިންމަޖެހޭ ނިންމުމަކަށް ނުވުމާއެކު އަވަހަށް އެކަމުގައި ގޮތެއް ނިންމަންޖެހޭކަމަށް، އެހުށަހެޅުން ކޮމެޓީއަށް ހުށަހަޅުއްވަމުން ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން ވިދާޅުވިއެވެ.
އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި ނިންމައިފައި ވަނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރަށް ދޭންޖެހޭ ލަފާޔާ ގުޅޭ ގޮތުން ކޮމެޓީން ކަންތައްތައް ތަކެއް ނިންމެވުމުގެ ކުރިން ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފްކުރެއްވުމަށެވެ. އެގޮތުން ކަމާބެހޭ މުއައްސަސާތަކުން ސާފްކުރަން ބޭނުންވާ ކަންކަމުގެ ސުވާލުތައް އެމުއައްސަސާތަކަށް ފޮނުއްވުމަށްފަހު އޮންލައިންކޮށް ބައްދަލު ކުރެއްވުމަށް ނިންމެވިއެވެ.
ކޮވިޑް 19 އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދެއްވާ ރެކޮމެންޑޭޝަންތަކުގެ ތެރެއިން އިޖްތިމާއީ ކޮމެޓީން ނިންމަންޖެހޭ ނިންމުންތައް ނިންމުމުމުގައި ފަސް ނުކުތާއެއް ވަނީ ކަނޑައަޅުއްވައިފައެވެ. އޭގެތެރެއިން އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާއަށް ހުޅުވާލީ ތިން ނުކުތާއަކަށެވެ. އޭގެތެރޭގައި ހިމެނެނީ ވަކިވަކި ފަރުދުންނަށް އެހީތެރި ވުމުގައި އިސްކަން ދޭންޖެހޭ ކަންކަމާއި އެހީތެރިކަން ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްކުރަން ބޭނުންވާ މީހުންނާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ އެރުވުމެވެ. އަދި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ދިރިއުޅުމާއި އެހެން މަސައްކަތްތައް އެހެން ރަށަކަށް ބަދަލުކުރުމަށް ރާވާ މީހުންނާ ގުޅޭ ގޮތުން ސަރުކާރަށް ދޭން ބޭނުންވާ ލަފައެއް އެކުލަވާލުމުވެ.
ކޮމެޓީގެ ގިނަ މެމްބަރުންގެ ޚިޔާލު ފާޅުކުރެއްވީ އިޖްތިމާއީ ކޮމެޓީއާ ޙަވާލުކުރައްވައިފައިވާ ކަންކަމަށް ސަރުކާރުން މިހާތަނަށް އަޅައިފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަމާ ބެހޭގޮތުން ރެކޮމެންޑޭޝަންތަކެއް ނުވަތަ ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހެޅުމަށެވެ. ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން ވިދާޅުގީ ކޮމެޓީގެ ރިޕޯރޓް ތައްޔާރު ކުރާއިރުވެސް އެކަންކަމާ ގުޅޭ ގޮތުން ކުރެވިފައިވާ ކަންކަމުގެ މައްޗަށް އަލި އަޅުވާލަނެ ޖެހޭނެ ކަމަށެވެ. އެހެން ކަމުން ދެން ބާއްވާ ކޮމެޓީގެ ބައްދަލުވުމެއްގައި ކަމާބެހޭ މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.