ޢުމަރުގެ ޖަލްސާ މިމަހު 25 އަށް ފަސް ކޮށްފި

ތިނެއް ނޮވެމްބަރުގެ ޙަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުން އެކަން ފާހަގަކުރަން ކުރީގެ ހޯމްމިނިސްޓަރު ޢުމަރު ނަސީރު ބާއްވާ ޚާއްސަ ޖަލްސާ ފަސްކުރައްވައިފިއެވެ.

ކުރިން ހަމަޖެހިފައިއޮތީ އެ ޖަލްސާ މިރޭ ބާއްވާ ގޮތަކަށެވެ. އެހެން ނަމަވެސް އެ ޖަލްސާ ބާއްވާގޮތަށް މިހާރު ހަމަޖައްސަވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ކަމަށް ޢުމަރު ނަސީރު ވިދާޅުވިއެވެ.

މި ޖަލްސާ ފަސް ކުރެއްވީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އޮފީހުން ހާމަކުރައްވައިފައިވާތީއެވެ. ޢުމަރު އެ ޖަލްސާ ބާއްވަނީ "ނަވާރަ ޝަހީދުންގެ ހަނދާނެއް ނުނެތޭ" މި ނަމުގައެވެ.

އެޖަލްސާ ބޭއްވުމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީން ވަނީ ޢުމަރަށް ދެއްވައިފައެވެ.

ލުތުފީވަނީ 9 އަހަރުވަންދެން ސްރީލަންކާގައި ފިލައިގެން އުޅެފައެވެ. ފިލައިގެން އުޅެފައި އޭނާ ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ގޮސްފައެވެ. އޭނާ ދިވެހި އެމްބަސީއަށް ދިޔައީ މިއަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހުއެވެ.

ލުތުފީ އިސްވެހުރެ ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާގައި ވަނީ 11 ދިވެހިންނާއި 8 ސިފައިން ޝަހީދުވެފައެވެ. ސަރުކާރުން މިހާރުވަނީ ލުތުފީ މާލެ ގެނެސް ކަރެކްޝަނާ ޙަވާލުކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.