ލުތުފީ ރާއްޖެ ގެންނަން މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައެއް އެކަނި: އިމްރާން

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅައިންގެ ގުރޫޕެއް ގޮވައިގެން ރާއްޖެ އައިސް ރާއްޖެއަށް ހަމަލާދިނުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާއިން ރާއްޖެއަށް ގެނައުމުގައި މިހާރު ބޭނުން ވަނީ ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައެއް އެކަނި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާންއަށް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ލުތުފީގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު ދެންނެވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ ވަތްދުވަހުން ފެށިގެން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިކަމާއި، މިހާރު ލުތުފީ ގެނައުމަށް ބޭނުންވާ ހަމައެކަނި ކަމަކީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމުން، އެ ލިޔުން ލިބުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެނައުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ލުތުފީގެ މައްސަލައިގައި ކުރިން ނުލިބި އޮތް ލަންކާގެ ބަންޑާރަ ނައިބު އޮފީހުގެ ލިޔުންވެސް މިހާރު ލިބިއްޖެ ކަމަށެވެ.

އިމްރާން ވިދާޅުވީ ހުސްވި މެއި 1 ވަނަ ދުވަހު ލުތުފީ އަމާން ދިނުމަށްފަހު ދިވެހި އެމްބަސީއަށް ފިލަން ދިޔުމުން އޭނާ ރާއްޖެ ގެނައުމުގެ އިންތިޒާމު އެންމެ ދެދުވަސްތެރޭގައި ދިވެހި ސަރުކާރުން ހަމަޖެއްސި ކަމަށެވެ. ނަމަވެސް ލުތުފީ ފިލަން އެމްބަސީއަށް ވަތް ވަގުތަކީ ލަންކާގައި ބޮންގޮއްވާލި ދުވަސްވަރު ކަމަށްވާތީ އެވަގުތު ލަންކާ ސަރުކާރުން ފުރިހަމަ ހުއްދައެއް ނުދެނީސް ދިވެހި ސަރުކާރުން އަވަސް އަރުވާލައިގެން ލުތުފީ ގެނައިނަމަ ދެގައުމުގެ އެކުވެރިކަމުގެ ގުޅުމަށްވެސް ބުރޫއެރުން ގާތް ކަމަށެވެ. އެދުވަސްވަރު ލަންކާގައި ދިން ބޮމުގެ ހަމަލާގައި ބަޔެއް ދިވެހިން އޭރުވެސް ލަންކާ ސަރުކާރުން ވަނީ ހައްޔަރު ކޮށްފައެވެ. އިމްރާން ވިދާޅުވީ ލަންކާގައި ހިނގައިދިޔަ ބޮމުގެ ހަމަލާގައި ކަންތައްތަކެއް ސާފު ކުރަން ޖެހުނީ ލުތުފީގެވެސް އަމަލުތައް ހުރި ގޮތުން ކަމަށެވެ.

އިމްރާން ވިދާޅުވީ ލަންކާގައި ފިލައިގެން އުޅުމުގެ ސަބަބުން އޭނާގެ އަތުގައި ވިސާ ނެތުމާއެކު އަނބުރައި ރާއްޖެ ގެނައުމުގެ ކުރިން ޖޫރިމަނާގެ ގޮތުގައިވެސް 2500 ޑޮލަރު ލަންކާ ސަރުކާރަށް ދައްކަންޖެހެއެވެ. މެއި 1 ވަނަ ދުވަހު ލުތުފީ ދިވެހި އެމްބަސީއަށް ހިމާޔަތް ހޯދަން ވަދެފައި ވަނީ ވިސާނެތި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ލަންކާ ފުލުހުން ގޭގެއަށްވަދެ ކުރަން ފެށުމުންނެވެ. އަދި ލަންކާގައި އުޅޭ ބިދޭސީން އެގައުމުގެ ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީންވާންވެސް އެންގުމާއި ގުޅިގެންނެވެ.

19 ދިވެހިން ޝަހީދު ކޮށްލި ނޮވެމްބަރު ތިނެއްގެ ޙާދިސާގައި ލުތުފީގެ މައްޗަށް އިއްވާފައި އޮތް 25 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން އޭނާ ވަނީ 21 އަހަރު ޖަލުގައި ހޭދަކޮށްފައެވެ. އެއަށްފަހު 2010 ވަނަ އަހަރު ބޭސްފަރުވާއަށް އިންޑިޔާއަށް ފޮނުވުމުން ފިލައިގެން އޭނާ ގޮސް ދިރިއުޅެނީ ލަންކާގައެވެ. ލުތުފީގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ބާކީ އަދި 4 އަހަރާއި ދުވަސްކޮޅެއް ބާކީ އެބައޮތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙުވެސް ދާދިފަހުން ވިދާޅުވީ ލުތުފީއަކީ އެންމެބޮޑު ޚާއިނުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އޭނާއަށް މައާފެއް ނެތް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.