ލުތުފީ ފިލި މައްސަލަވަނީ ޕީޖީއަށް ފޮނުވާފައި: މިނިސްޓަރ ޢިމްރާން

ލުތުފީ ފިލައިގެން އުޅުމަށްފަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އައުމުން މިހާރުވަނީ މޭލެގެނެސްފައި: ފޮޓޯ އަވަސް

ނޮވެމްބަރު ތިނެއްގެ ޢުދުވާނުގައި އެންމެ އިސްކޮށްހުރި ހ.ހާޖަރާގޭ، ޢަބްދުﷲ ލުތުފީ ބޭސްފަރުއާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ފިލި މައްސަލަ ތަޙުޤީޤު ކުރުމަށްފަހު ދަޢުވާ ކޮށްދިނުމަށް އެދި މިހާރުވާނީ ޕޮރޮސެކިޔުޓަރޖެނެރަލް އޮފީހަށް ފޮނުވާފައި ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވީ ކޮންދުވަހަކު ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ. ލުތުފީ ޢުމުރަށް ޖަލަށްލައިފައިވަނިކޮށް ބޭސްފަރުވާއަށް އޭނާ ސްރީލަންކާއަށް ފޮނުވީ 2010 ވަނަ އަހަރު އޭރުގެ ސަރުކާރުންނެވެ.

ފިލައިގެން އުޅުމަށްފަހު އޭނާ ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާމިއްލައަށް ހާޒިރުވެފައެވެ. އެމްބަސީއަށް އޭނާ ހާޒިރުވީ މިއަހަރު އެޕްރީލް ވިހީގައި ލަންކާގައި ހިނގި ބޮންގޮއްވުމުގެ ޙާދިސާއަށްފަހުގައެވެ.
އެމްބަސީގައި ދުވަސްކޮޅަކު އޭނާ ބެހެއްޓުމަށްފަހު ސަރުކާރުންވަނީ އޭނާ ރާއްޖެ ގެނެސް މާފުށީޖަލަށް ލައިފައެވެ. ޢިމްރާން ވިދާޅުވީ ލުތުފީ މިހާރުވެސް ހުރީ ޖަލުގައި ކަމަށެވެ.

ލުތުފީ އިސްވެހުރެ 1988 ވަނައަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހު ރާއްޖެއަށްދިން ހަމަލާގައިވަނީ 19 ދިވހީން ޝަހީދު ކޮށްލައިފައެވެ. އެމައްސަލާގައި އޭރުގެ ހައިކޯޓުން ޝަރީޢަތްކޮށް ލުތުފީ މެރުމަށް ޙުކުމް ކުރެއްވިއެވެ. އެހެންނަމަވެސް އޭރުގެ ރައީސް މައުމޫންވަނީ އެ ޙުކުމް ޢުމުރުދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކުރައްވައިފައެވެ. ޢުމަރު ދުވަހުގެ ޖަލު ޙުކުމަކީ 25 އަހަރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.