ސަޤާފީ ތަރިކައިގެ ތެރޭގައި ރާއްޖޭގެ ބަހުރުވަތައް ހިމާޔަތް ކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ. މެމްބަރުން މިކަމަށް ގޮވާލައްވައިފައި ވަނީ މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ދިވެހި ރާއްޖޭގެ ޘަޤާފަތާއި ތަރިކައިގެ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުންވެ.
ބަހުސްގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފް އެރަށު ބަހުރުވައިން ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހި ބަސްކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. ތިނަދޫ ހިމެނޭ ހުވަދު އަތޮޅުބަހާއި ފުވައްމުލަކު ބަހާއި އައްޑޫ ބަހަކީ ވެސް މާލޭގެ ބަހެކޭ އެއްފަދައިން ޤައުމީ ފެންވަރުގެ ބަސްކަމުގައި ބެލެންޖެހޭ ކަމަށް އޭނާ ހުވަދޫ ބަހުން ވާހަކަ ދައްކަމުން ވިދާޅުވިއެވެ. މި ބަހުސްގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ޢަބްދުލް މުޣްނީވެސް ވާހަކަ ދެއްކެވީ ހުވަދޫ ބަހުންނެވެ.
ބައެއް އެހެން ދާއިރާތަކުގެ މެމްބަރުން ވެސް ވަނީ ބަހުރުވަ ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފއަވެ. ރާއްޖޭގެ ހުރިހާ ބަހުރުވަތަކެއް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށްޓަކައި އެ ބަހުރުވަ ތަކުގެ ރަދީފު އެކުލަވާލާ އެ ބަހުރުވަތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އައްޑޫ މެދު ދާއިރާގެ މެމްބަރ އަޙްމަދު ރަޝީދު ގޮވާލެއްވިއެވެ. އަދި ބިލަށް އެބައި އިތުރު ކުރުމަށް އެ މެމްބަރ ގޮވާލެއްވިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމްވެސް ވިދާޅުވީ ބަހުރުވަތައް ރައްކާތެރިކުރުމަށް ޓަކައި އާއްމުގޮތެއްގައި ބަހުރުވަތައް ބޭނުން ކުރެވެން ޖެހޭކަމުގައެވެ. އަދި މަޖިލީހުގައި ހުވަދޫ ބަހާއި ފުވައްމުލަކު ބަހާއި އައްޑޫ ބަސް ފަދަ ބަސްތަކުން ވާހަދަ ދެއްކޭނެ މަގު ފަހިވެފައި އޮނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ބިލް ގައި ސަޤާފީ ތަރިކަކަމަށް ބުނެފައި ވަނީ ދިވެހިންގެ އާދަކާދައާއި މާޒީއާއި ތާރީޚާއި ގުޅިފައިވުމުގެ ސަބަބުން ދިވެހިރާއްޖެއަށް މުހިންމު ކަންކަމާއި ތަކެއްޗާއި، ބިނާތަކާއި ސަރަޙައްދުތަކެވެ. އޭގެ ތެރޭގައި އުފުލޭ ޘަޤާފީ ތަރިކައާއި އާސާރީ ބިނާތަކާއި ސަރަޙައްދު ތަކާއި މަޢުނަވީ ޘަޤާފީ ތަރިކަ ހިމެނެއެވެ. ޘަޤާފީ ތަރިކައިގެ ތެރޭގައި ދިވެހި ބަހާއި ބަހުރުވަތާއި ދިވެހިންގެ އަކުރު ހިމެނޭކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.