
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކަމާބެހޭ ކޮމެޓީއަށް ފޮނުއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މިބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކުރެއްވީ 59 މެމްބަރުންގެ ޢިއްތުފާޤުންނެވެ. ސަރުކާރުގެ ފަރާތުން، މިބިލް މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރ ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމެވެ.
މިޤާނޫނަށް އިޞްލާޙު ހުށަހަޅައިފައި ވަނީ އެޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) އުނިކުރުމަށެވެ. އިސްލާހެއްގެ ގޮތުގައި މިމާއްދާ ބިލަށް އިތުރުކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދަށްކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
ބިލްގެ އެމާއްދަގައި ބުނަނީ އެ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު، އޭނާ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އެވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާއި ނުވަތަ ފިރިމީހާއަށް އެޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް ނުލިބޭނެކަމަށެވެ. ޤާނޫނުން މިބައި އުނިކުރުމަށް ސަރުކާރުން ހުށަހަޅައިފައި ވަނީ މިއީ ވަކި ފަރާތަކަށް ޓާގެޓްކޮށްގެން، ގެނެވުނު އިޞްލާހެއް ކަމަށް ބެލެވޭތީ ކަމަށް ބިލް ހުށަހެޅި މެމްބަރ ވިދާޅުވިއެވެ.