ފާނޫޒު - 7

(27 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހާޝިމް މުބީން އާއިލާގެ ހުރިހާ މެންބަރުންނާއެކު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަނީއެވެ. އެރޭގެ މައުޟޫއަކީ އިމާމާ އެވެ.

"ބައްޕާ، އިމާމާ މިހާރު ދުވަހުން ދުވަހަށް ސީރިއަސްވަމުން އަންނަކަން ބައްޕައަށް އެނގޭތަ؟" އިމާމާ އާ ދިމާކުރާ ފާޑަށް ވަސީމު ބުންޏެވެ.

"އާނ. އަހަންނަށް ތިކަން ފާހަގަކުރެވޭ." އިމާމާ އާ ހަތަރުކަޅި ހަމަކުރެވޭތޯ ބަލަމުން ހާޝިމް މުބީން ބުންޏެވެ.

ބަތް ސަމުސަލެއް ތަށްޓަށް އަޅަމުން އިމާމާ ވަސީމާ ދިމާއަށް ކަޅިއަޅައިލިއެވެ.

"އިމާމާ، ދަރިފުޅު ކަމަކާ ފިކުރު ބޮޑުވެފައިތަ؟"

"ބައްޕާ، ބައްޕަ ވެސް އޭނަ ދައްކާ މޮޔަ ވާހަކަ ގަބޫލުކުރަންތަ؟ އަހަރެން މިދުވަސްކޮޅު ކިޔެވުމާއިގެން އުޅޭތީ ހީވާގޮތެއް ތީ. އެހެން ނޫނަސް ވަސީމު އުޅޭހެން އެހެން މީހުނެއް ނޫޅޭނެ." ވަސީމުގެ ކޮނޑުގައި އަތުން ޖަހާލާފައި އިމާމާ ބުންޏެވެ.

"ބައްޕާ. މިހާރު މިހެން އުޅެންޏާ، ޑޮކްޓަރަކަށް ވީމާ އިމާމާ އުޅޭނެ ގޮތް ބައްޕައަށް އެނގޭތަ؟" ވަސީމު ސަމާސާކޮށްލިއެވެ.

ވަސީމު އިމާމާއާ ދިމާނުކުރާ ދުވަހެއް މަދުވާނެއެވެ. އެކަމަކު އެއީ އިމާމާގެ އެންމެ ގާތް އެކުވެރިޔާ ވެސް މެއެވެ. އުމުރުގެ ފަރަގު ކުޑަވީމާ ކަމަށްވެސް ވެދާނެއެވެ.

"ދެން ވިސްނާލަބަލަ އިމާމާ..." ވަސީމަށް ޖުމުލަ ފުރިހަމަ ކުރާނެ ފުރުސަތެއް އިމާމާ ނުދިނެވެ. ގޮށްމުށުން ވަސީމުގެ ކޮނޑުގައި ބާރަށް ޖެހިއެވެ. ވަސީމު އެނގޭކަމަށް ވެސް ނުހަދައި ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ބަލި މީހުން ގައިގައި ލޯބިން ފިރުމާނެ ޑޮކްޓަރެއް މިގޭގައި ހުންނާނެ. ދެންމެ ތި ފެނުނީ އެ ފިރުމުމުގެ ނަމޫނާ. ޑޮކްޓަރުން ބަލި މީހުންނަށް ފަރުވާ ދޭ ގޮތުގެ މިސާލެއް އެ ފެނުނީ. މި ރަށުގައި މީހުން މަރުވާ މިންވަރު އިތުރުވާ ސަބަބަކީ ޑޮކްޓަރުން މިގޮތަށް އުޅޭތީ."

"ބައްޕާ. ބަލާބަލަ." އިމާމާ ބަލި ގަބޫލުކޮށް ހާޝިމް މުބީންގެ އެހީއަށް އެދުނެވެ.

"ވަސީމް!" ހާޝިމް މުބީން ގޮވާލުމުން ވަސީމު މައިތިރިވިއެވެ.

***

ކޮތަޅުގައި ހުރި ހުރިހާ އެއްޗެއް އަޅާފައި އޭނާ ގްރައިންޑަރު ޖައްސައިލިއެވެ.

"ކޮއްކޯ، ގެނޭ އަހަރެން އަތަށް." އޭނާ އިންކާރު ކުރިއެވެ.

"ނޫން. މީ އެވަރު ކަމެއް ނޫން. އަހަންނަށް ކިރު ތަށްޓެއް ގެނެސްދީފާނަންތަ؟" ނޯކަރު އޭނާއަށް ކިރު ތަށްޓެއް އަޅައިދިނެވެ.

ކިރު ތަށީގެ އެއްބައިގެ ތެރެއަށް އޭނާ ދެންމެ ފުނޑި ސާމާނު އެޅިއެވެ. އަދި އެއް ނޭވައިން ދަމައިލިއެވެ.

"ކޯޗެއް މިއަދު ކެއްކީ؟" ލިސްޓު ކިޔައި ނިމުނު އިރު އޭނާއަށް ކަމުދާ އެއްވެސް އެއްޗެއް ނެތެވެ. "އަހަރެން އެއްވެސް އެއްޗެއް ނުކާނަން. މިދަނީ ނިދަން. މަށަށް ނުގޮވާތި." އެހެން ބުނެފައި އޭނާ ބަދިގެއިން ނުކުތެވެ.  

ބިންމަތީގައި ދެ ފައި ކާއްތަމުން ދެ އަތަށް ކިރެމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ލައިގެން ހުރި ގަމީހުގެ އަޅުވައިފައި ހުރީ އެންމެ ގޮށެއް ނޫނީ ދެ ގޮށެވެ. މިއުޒިކް ސިސްޓަމް ކައިރިއަށް ގޮސް އަޑު ބާރުކޮށް ބޯލްޓަން ގެ "ވެން އަ މޭން ލަވްސް އަ ވުމެން" ލަވަ ޖެއްސިއެވެ. އެ ހުރި ގޮތަށް ހުރެ ބަންޑުން އެނދު މައްޗަށް ވެއްޓި މިއުޒިކާ އެއްވަރަށް ފައި ތަޅުވަމުން ދިޔައެވެ.

އޭނައާއި އެނދު ފިޔަވައި އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ހުރީ ވަރަށް ތަރުތީބުކޮށެވެ. ހިރަފުސްކޮޅެއްގެ އަސަރުވެސް ކޮޓަރީގައި ނެތެވެ. މިއުޒިކު ސިސްޓަމް ކައިރީގައި ފާރުގައި ހުރި ހަރެއްގައި އޯޑިއޯ-ވީޑިއޯ ކެސެޓު އަތުރާފައި ހުއްޓެވެ. ފޮތް ހަރުގަނޑުގައި ހުރި ފޮތްތައް ވެސް ހުރީ އެހައި ތަރުތީބުކޮށެވެ. ކޮޓަރީގައި ކަނެއްގައި ހުރި ކޮމްޕިއުޓަރު މޭޒުން އެކަނިވެސް އޭނާގެ ތަރުތީބުކަން ފެނެއެވެ. ހޮލީވުޑް ތަރީންނާއި އެކިއެކި މިއުޒިކް ބޭންޑުގެ ފޮޓޯތައް ފާރުގައި ތަތްކޮށްފައި ހުއްޓެވެ. ފާޚާނާ ދޮރާއި ކުޑަދޮރުތައް ޒީނަތްތެރިކޮށްފައި ހުރީ އޮރިޔާން ފޮޓޯއިންނެެވެ. އެއިން ކޮންމެ ފޮޓޯއެއް އިސްކޮޅާ އެއްވަރެވެ. ތަތްކޮށްފައި ހުރީ ވަކި ތަރުތީބަކުންނެވެ. އެ ފޮޓޯތައް ފެނުމުން ކޮޓަރިއަށް އަލަށް ވަންނަ ކޮންމެ މީހަކު ސިއްސައިގެން ދާނެއެވެ. އޯޑިއޯ ސިސްޓަމާއެކު ކީބޯޑަކާއި ގިޓާއަކާއި ޕިކޯލޯ އެއް ފާރުގައި އަޅުވާފައި ހުއްޓެވެ. އެނދާ ދިމާއަށް ކުރިމަތީގައި ހުރި ޓީވީ ކެބިނެޓުގައި ޝީލްޑާއި ޓްރޮފީތައް އަތުރާފައި ހުއްޓެވެ. ކޮޓަރީގެ އެހެން ކަނެއްގައި ކުޅިވަރު ޝަޚްސިއްޔަތުންެގެ ޕޯސްޓަރުތައް ހަރުކޮށްފައި ހުއްޓެވެ. އެ ޕޯސްޓަރުތަކާ ދިމާއަށް ކްރިކެޓު ބެޓާއި ޓެނިސް ރެކެޓު އަޅުވާފައި ހުއްޓެވެ. އޭނާ އޮށޯވެގެން އޮތް ޑަބަލްބެޑްގައި އަޅާފައި އޮތް ބެޑްޝީޓު އޮތީ ރޫބޮނޑިއެއް ހެންނެވެ. އޮރިޔާން ފޮޓޯ ހުރި މަޖައްލާތައް މޭޒުމަތީގައި ހުއްޓެވެ. މަޖައްލާތަކުގެ ކައިރީގައި ފޮޓޯތައް ކަފަން ގެންގުޅޭ ކަޓަރާއި ކަތުރު ހުއްޓެވެ. ޗުވިންގަމް ކަރުދާހާއި ކޮފީ ބޮއިފައި ހުރި މަގަކާއި ޑަންހިލް ސިނގިރޭޓު ފޮށްޓަކާއި އަޅިކެނޑިއެއް އެނދުމަތީގައި ހުއްޓެވެ. އެނދުގައި އަޅާފައި އޮތް ހުދު ބެޑްޝީޓުގައި ސިނގިރޭޓުން އެޅިފައި ހުރި ލޯވަޅު ހުއްޓެވެ. ބެޑްޝީޓުގައި ކޮންމެވެސް ވަރަކަށް ސިނގިރޭޓް އަޅިވެސް ހުއްޓެވެ. އަތުކުރީ ގަޑިއަކާއި ޓައީ އެއްވެސް އެއް ދިމާއެއްގައި އޮތެވެ. އޭނާ އޮށޯވެގެން އޮތް ބާލީސް ދަށުގައި މޮބައިލް ފޯނެއް އޮތެވެ. ދެބަދޭތެރޭގައި އޮވެގެން ފޯނު ރިންގުވާން ފެށުމުން ފޯނު އަތުގައި ޖެހޭތޯ އެނދުމަތި ހާވައިލިއެވެ. އިރުކޮޅަކުން އަތުގައި އޮތް ރިމޯޓު ބިން މައްޗަށް ވެއްޓިއްޖެއެވެ. ކޮޓަރިތެރެއިން އެއް އަޑަކުން އިވެނީ މައިކަލް ބޯލްޓަން ގެ "ވެން އަ މޭން ލަވްސް އަ ވުމެން" – ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާ އަޑު ދިޔައީ ގަދަވަމުންނެވެ. އެނދުމަތީގައި ހަރަކާތެއް ނެތިފައި އޭނާ އޮތެވެ.

***

"ދޮގު! ތެދެއް އިމާމާ، ކޮން އިރަކު އެންގޭޖުވީ؟" ޒައިނަބަށް ޖުވައިރިއްޔާގެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. ޖުވައިރިއްޔާ އާ ދިމާއަށް ތުހުމަތުގެ ނަޒަރަކުން އިމާމާ ބަލައިލިއެވެ.

"އޭނައަށް ބަލަނީ ކީއްކުރަން؟ އަހަންނަށް ބަލާބަލަ. އެއީ ތެދެއްތަ؟" ޒައިނަބު އިމާމާ ގާތު އެއްސެވެ.

"އާނ. މާ ޚާއްސަ ކަމެއް ނޫން އެއީ." އެ ކުދީން ތިބީ ލައިބްރަރީގެ މޭޒެއް ދޮށުގައި އިށީނދެލައިގެންނެވެ. ވާހަކަ ދައްކަމުން ދިޔައީ ވައި އަޑުންނެވެ.

"އެކަމަކު އަހަރުމެން ގާތު ބުނެލަންވާނެ އެއްނު؟ ކީއްވެ ސިއްރުކުރީ؟" މި ފަހަރު ސުވާލު ކުރީ ރާބިއާއެވެ.

"ސިއްރެއް ނުކުރަން. އެއީ މާ މުހިއްމު ކަމެއްވެސް ނޫން. އެހެންނޫނަސް އަހަރުމެން އެކަކު އަނެކަކާ ދިމާވީ އިހަށް ދުވަހު. އަހަރެން އެންގޭޖްވިތާ މިހާރު ކިތަންމެ އަހަރެއް." އިމާމާ އެކުދީންގެ ސުވާލަށް ޖަވާބު ދިނެވެ.

"އަހަރުތަކެއް ކުރިންނޭ؟ އޭގެ މާނައަކީ ކޮބާ؟"

"މި ބުނީ މީގެ ދެ ތިން އަހަރު ކުރިންނޭ."

"އެހެންވިޔަސް އަހަރުމެން ގާތު ބުނެލިނަމަަ..." ޒައިނަބު ބުންޏެވެ.

އިމާމާ ހިނިތުންވެލިއެވެ. "އަހަރެން ދެން އެންގޭޖުވާއިރު އެހެން މީހެއް ގާތު ނުބުންޏަސް ރާބިއާ ގާތު ބުނާނަން."

"އަހަރުމެންނަށް އޭނަގެ ފޮޓޯއެއް ދައްކަބަލަ. އެއީ ކާކު؟ ކޮން ނަމެއް ކިޔާ މީހެއް؟ ކީއްކުރާ މީހެއް؟" އާދައިގެ މަތިން ރާބިއާ އެއް ނޭވާއިން ސުވާލު ފައްޗެއް އަމުނައިލިއެވެ.

"އެއީ އަހަރެންގެ ބޮޑުބޭބެގެ ދަރިފުޅު... ނަމަކީ އަސްޖަދު." އިމާމާ ވާހަކަ ދައްކަމުން ދިޔައީ ލަސްލަހުންނެވެ. "ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓަރސް ހަދާފައި ހުންނަނީ. މިހާރު އަމިއްލަ ވިޔަފާރި އޮވޭ."

"ކިހިނެއް އޭނަ ހުންނަނީ؟" ޒައިނަބު އެހިއެވެ.

"އޯކޭ ދެން."

"އޯކޭ އޭ؟ އަހަރެން މިބުނީ އޭނަ އިސްކޮޅުން ދިގު ހޭ، ރީތިހޭ؟"

ޒައިނަބުގެ ސުވާލަށް ޖަވާބު ދިނީ ޖުވައިރިއްޔާ އެވެ.

"އެއީ އިމާމާގެ ހޮވުން... އޭނާ ވަރަށް ރީތި."

"އާނ. އަހަރުމެންނަށް އެނގެންވާނެ ދޯ، އެއީ އިމާމާގެ ބޮޑުބޭބެގެ ދަރިކަން. އިމާމާ. އަހަރުމެންނަށް ހަމަ މިހާރު އޭނަގެ ފޮޓޯއެއް ދައްކަންވީ." ޒައިނަބު އަމުރުކުރިއެވެ.

"ނޫން. ފުރަތަމަ ކަމަކަށް އަހަރުމެންނަށް ސައި ދޭންވީ." ރާބިއާ ބުންޏެވެ.

"މިހާރަކު ނޫން. އަހަރެން ހޮސްޓެލް އަށް ދާން އެބަޖެހޭ." އިމާމާއާ އެކު އެކުދީން ވެސް ތެދުވިއެވެ.

"ޖުވައިރިއްޔާ، ކީއްވެ މި ވާހަކަ އަހަރުމެން ގާތު ކުރިން ނުބުނީ؟" ޒައިނަބުގެ ސުވާލެއް ހުހެއް ނުވިއެވެ.

"އަހަރެން ބުނަން ބޭނުންވިޔަސް އިމާމާ ބޭނުމެއްނުވި ބުނާކަށް. އެހެންވެ އަހަރެން ކުރިން ނުބުނީ." އިތުރު ވާހަކައެއް ބުނުމުގެ ކުރިން އިމާމާ ޖުވައިރިއްޔާ އަށް ލޮލުގެ އިޝާރާތުން އިންޒާރު ދިނެވެ.

"ކީއްވެ އިމާމާ އެ ވާހަކަ ބުނަން ބޭނުން ނުވީ؟ އަހަރެން ނަމަ ބުނީމުސް. އަދި އަހަރެން ބޭނުންވާ މީހަކާ ނަމަ، އަޑުގެ ކޮޅަށް ހަޅޭއްލަވާފައި އެންމެން ގާތު ބުނާނަން."

ޒައިނަބުގެ ވާހަކައަށް ޖަވާބު ދޭކަށް އިމާމާ ބޭނުމެއް ނުވިއެވެ.

***

"ދުނިޔޭގެ އާބާދީގައި ހިމެނެނީ އައިކިިޔު ސްކޯރ 150ގައި ހުންނަ 2.5 އިންސައްތަ ކުދީން. ކަލޭމެންގެ ދަރިފުޅު ހިމެނެނީ އެ 2.5 އިންސައްތައިގެ ތެރޭގައި. މި މިންވަރަށް ތޫނުފިލިކަން ހުރީމާ އޭނާ ކުރާ ކޮންމެ ކަމެއް ވާނީ އާދަޔާ ޚިލާފު ކަމަކަށް. ސާލާރް އިންޓަރނޭޝަނަލް ސްކޫލަށް ވެއްދިތާ އަދި ހަފްތާއެއް." ސިކަންދަރު އުސްމާނާއި އޭނާގެ އަންހެނުންނަށް ސްކޫލަށް ހާޒިރުވާން އެންގި އިރު ސާލާރް އެ ސްކޫލަށް ވެއްދިތާ އަދި ވީ އެންމެ ހަފްތާއެކެވެ. އެ ދެމަފިރިން ސްކޫލަށް އައީ އޮފީހުން ގުޅާފައި އަންނަން އެންގުމުންނެވެ. ސާލާރްގެ މައިންބަފއިންނާ ބައްދަލުކުރީ ސްކޫލުގެ ސައިކޮލޮޖިސްޓެވެ. ސާލާރް އަށް ދެވުނު އައިކިޔު ޓެސްޓުތަކާއި އެ ޓެސްޓުތަކުން އޭނާ ހޯދި ނަތީޖާގެ މައުލޫމާތު ސާލާރްގެ މަންމަ އާއި ބައްޕައަށް އޭނާ ކިޔައިދިނެވެ. ސާލާރަކީ ސްކޫލުގައި ހުރި އައިކިޔު ލެވެލް އެންމެ މަތީ ދަރިވަރެވެ. އެހެންކަމުން ސްކޫލުގެ ހުރިހާ މުދައްރިސުންގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ސާލާރް ތުއްތުއިރުގެ މައުލޫމާތު ވެސް ސައިކޮލޮޖިސްޓު  ހޯދިއެވެ. އޭނާ ސާލާރްގެ ކަންކަން ބަލަން ޝައުގުވެރިވީ އަދާކުރާ ވަޒީފާގެ ގޮތުންނެެއް ނޫނެވެ. މިއީ އައިކިޔު ލެވެލް އެހައި މަތީ ކުއްޖަކާ ދިމާވި ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ.

އެ އުމުރުގެ އެހެން ކުދިންނާ ޚިލާފަށް އުމުރުން ދެ އަހަރުގައި ސާލާރް ފަރިތަކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ސުވާލުތަކުން ސިކަންދަރާއި އަންހެނުން ތިބެނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އެއްދުވަހަކު ސިކަންދަރު އިނީ އޭނާގެ ބޭބެ އާއި ފޯނުން ވާހަކަ ދައްކާށެވެ. ސާލާރް ވެސް އެތަނުގައި ކުޅެން އިނެވެ. ފޯނު ބޭއްވުމުން ފޯނު ނަގައި އޭނާގެ ބޭބެއަށް ގުޅައިގެން ސާލާރް ވާހަކަދައްކަން ފެށިއެވެ. "ހެލޯ. ބޮޑުބެ، މިއީ ސާލާރް." އޭނާ ފޯނުން ވާހަކަދައްކާތަން ބަލަން ސިކަންދަރު އިނެވެ. "ސާލާރްގެ ހާލު ރަނގަޅު. ބޮޑުބެ ކިހިނެއް؟" ސިކަންދަރު އިނީ ދަރިފުޅު ފޯނާ 'ކުޅޭތަން' ބަލާށެވެ. ސާލާރް ބުނި ވާހަކައަކުން އޭނާ ދިޔައީ ސިއްސައިގެންނެވެ. "ބައްޕަ އެބައިން މިތާ، ޓީވީ ބަލަން. ނޫން، ބައްޕައެއް ނޫން ގުޅީ. ކޮއްކޮ އަމިއްލައަށް ގުޅީ."

"ދަރިފުޅު ކާކާ ތި ވާހަކަ ދައްކަނީ؟" ސިކަންދަރު ސުވާލުކުރިއެވެ.

"ބޮޑުބެ އާ، ޝާހް ނަވާޒް." ސިކަންދަރު ސާލާރް އަތުން ފޯނު އަތުލިއެވެ. އޭނާ ހީކުރީ ފޯނާ ކުޅެމުން ގޮސް ބޭބެއަށް ގުޅުނީ ކަމަށެވެ.

"ސާލާރް ގުޅީ." ސިކަންދަރު މައާފަށް އެދުނެވެ.

"އޭނާ އަދި މާ ޅައެއްނު؟ ކިހިނެއް އަމިއްލައަށް ގުޅާނީ؟" އޭނާގެ ބޭބެ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އޭނާ އަށް ނޭނގި ރީޑަޔަލް ކުރެވުނީ ކަމަށްވެދާނެ." ސިކަންދަރު ފޯނު ބޭއްވިއެވެ.

ސިކަންދަރުގެ ވާހަކަ އަޑުއަހަން އިނދެފައި އޭނާ އަނެއްކާވެސް ފޯނު ނަގައިގެން ޝާހް ނަވާޒްގެ ނަންބަރަށް ގުޅިއެވެ. ސިކަންދަރަށް ލިބުނީ ޝޮކެކެވެ. އޭނާ ފޯނު ކަނޑައިލިއެވެ.

"ދަރިފުޅަށް އެނގޭތަ ޝާހް ނަވާޒްގެ ނަންބަރު؟"

"އާނ." މަޑުމަޑުން އޭނާ ޖަވާބު ދިނެވެ.

"ކިޔާބަލަ ނަންބަރު."

ސާލާރް ވަރަށް ފަރިތަކޮަށް ނަންބަރު ކިޔާލިއެވެ. ސާލާރް އަށް ގުނަން އެނގޭ ކަމެއް ސިކަންދަރަކަށް ނޭނގެއެވެ. "ކާކު މި ނަންބަރު ދަސްކޮށްދިނީ؟"

"ކޮއްކޮ އަމިއްލައަށް ދަސްކުރީ."

"ކިހިނެއް؟"

"ބައްޕަ ދެންމެއެއްނު ބޮޑުބެއަށް ތިގުޅީ؟"

"ދަރިފުޅަށް ގުނަން އެނގޭތަ؟"

"އާނ. ސަތޭކައާ ހަމައަށް ގުނަން އެނގޭ."

"އަޅެ ބައްޕައަށް ކިޔާދީބަލަ."

މެޝިނެއްްހެން އެއް ނޭވާއިން ސާލާރް އެކަކުން ސަތޭކަޔަށް ގުނިއެވެ.

"އެންމެ ރަނގަޅު. ބައްޕަ މި ގުޅާ ނަންބަރަށް ދަރިފުޅު ގުޅާބަލަ."

"އޯކޭ." މިއީ ސާލާރަށް މާ ކަމުދާ ގޭމެކެވެ. ސިކަންދަރު ނަންބަރަކަށް ޑަޔަލްކޮށްފަ ފޯނު ބޭއްވުމުން ސާލާރް ރިސީވަރު ނަގައި ހަަމަ އެ ނަންބަރަށް ގުޅިއެވެ. ސިކަންދަރު އަނބުރައިގަތެވެ. އޭނާ ފޯނުން ގުޅި ހުރިހާ ނަންބަރެއް ސާލާރް އަށް އެނގެއެވެ. ސާލާރްގެ ހުންނަނީ ފޮޓޮގްރެފިކް މެމަރީ އެކެވެ.

"މީނައަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެ. މި އުމުރުގެ އެހެން ކުދީންނަށް ވުރެ ސާލާރް މާ ތޫނުފިލި. މިކަހަލަ ކުދީންގެ ތަބީއަތް އެހެން ކުދީންނާ ވަރަށް ތަފާތުވާނެ. އުނދަގޫ ގޮތެއް ހުންނާނެ. ރަނގަޅަށް ގެންގުޅެވިއްޖެނަމަ މިއީ ތި އާއިލާއަށް ލިބުނު ހަރުމުދަލެއް ފަދަ ކުއްޖަކަށްވާނެ." ސައިިކޮލޮޖިސްޓު ވާހަކަ ދައްކަމުން ދިޔައިރު ސިކަންދަރާއި އޭނާގެ އަންހެނުންނަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. އޭގެ ފަހުން ސާލާރަށް ގޭގައި ޚާއްސަ ސަމާލުކަމެއް ދޭން ފެށިއެވެ. އާއިލާގެ ހުރިހާ މެންބަރުން އެންމެ ލޯބިވާ ކުއްޖަކަށް ސާލާރް ވިއެވެ. 

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.