ޝައިމް ޢަބްދުﷲ ފިލައިފައިވާ ގޮތުގެ ތަޙުގީގެއް މިދަނީ ކުރަމުން: މިނިސްޓަރ

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރ ޝިދާތާ ޝަރީފް ވާހަކަފުޅު ދައްކަވަނީ: ފޯޓޯ ޖެންޑަރ މިނިސްޓްރީ

ކުޑަކުދިންގެ ހިޔާގައި ވަކިން ބަހައްޓާފައި ހުއްޓައި ފިލައިގެން ގޮސްފައިވާ ޢުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ފިލައިފައިވާ ގޮތުގެ ތަޙުޤީޤެއް ފުލުހުންނާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފްޖެންޑަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޝައިމް ފިލައިފައިވާ ގޮތް ބެލުމަށް އެތަން ރަނގަޅަށް ބެއްލެވި ކަމަށެވެ. އެހެންނަމަވެސް އޭނާ ފިލައިފައިވަނީ މިވެނި ގޮތަކަށް ކަމަށް ސީދާ ދެންނެވޭނީ ތަޙުޤީގަށް ފަހު ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޝައިމް ފިލާފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބެލުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ޝައިމް އަކީ ވަރަށްކުރިން ފެށިގެން އާއިލީ މައްސަލަތަކެއް ދިމާވެ ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެކެވެ. އެގޮތުން އޭނާގެ ޢާއިލާއިން އޭނާއަށް އިހުމާލުވެފައިވާ މައްސަލައެއް 2009 ވަނަ އަހަރު މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ.  އެހެން ކަމުން ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ފަހު އޭނާ ވަނީ 2015 ވަނަ އަހަރުގެ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދައުލަތުގެ ބެލެނިވެރިކަމުގައި ހުއްޓައި އޭނާގެ ޤާނޫނީ ބެލެނިވެރިކަންވަނީ 2016 ވަނަ އަހަރު ބަޔަކާ ޙަވާލުކޮށްފައެވެ. އެމީހުންގެ އެދުމުގެ މަތިން އެކުއްޖާ އެމީހުންނާ ޙަވާލު ކުރެއްވީ ބަލަންޖެހޭ ވަރަށްގިނަ ކަންކަން ބެއްލެވުމަށްފަހު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެފަހުން ޖެހިގެން އައި 2017 ވަނަ އަހަރު އޭނާ ސްކޫލަށް ނުދިޔުމާއި ގެއަށް ނާންނަ ވާހަކައާއި ގިނައިން ގެއިން ބޭރުގައި އުޅޭ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެންފެށި ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. އަދި ޤާނޫނީ ގޮތުން ބެލެނިވެރިކަން ޙަވާލުކޮށްފައިވާ ފަރާތުން ވެސް އެކުއްޖާ އިތުރަށް ނުބެލޭނެ ކަމަށް ބުނެ ފުލަހަށް ވެސް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދުވަސް ކޮޅު އެކުއްޖާގެ މަންމައާއެކު އޭނާ އުޅެމުންދާ ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. މަންމާއެކު އޭނާ އުޅެމުން ގެންދަނީ ގެސްޓު ހައުސްއެއްގައި ކަމަށް މަޢުލޫމާތު ލިބިގެން އެތަން ބެއްލެވިއިރު އެތާގައި އުޅޭކަމަށް ނުވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭނާ ދިރިއުޅެމުންދާ ގޭގެ އެޑުރެސް ލބިބިގެން ދިޔައިރު އޭގޭގައި ވެސް އޭނާ ނޫޅޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެފަހުން އޭނާ ހޯދައިދޭން ފުލުހުންގެ ކައިބައިން އެދިވަޑައގންނެވި ކަށް ވެސް މިނިސްޓަރ ވދާޅުވިއެވެ. ފުލުހުންނަށް ޝައިމް ފެނުނީ އެހެން ކަމަކާ ފުލުހުން އުޅެނިކޮށް ކުށުގެ ވެށިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެފަހުން ކުޑަކުދިންގެ ހިޔާއަށް އޭނާ ގެނެވުނީ އޭނާގެ ޢާއިލާއިން ޙަވާލުވާން ދެކޮޅު ހެދުމުންނެވެ. އެންމެ ފަހުން އޭނާ ކުޑަކުދިންގެ ހިޔާއަށް ގެނައީ އެސެސްމެންޓެއް ހެދުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދިވެސް ޝައިމް ފެނިފައެއް ނުވެއެވެ. އޭނާ ގެއްލޮގެން ތަފާތު ގޮތްގޮތަށް ވާހަކަ ފެތުރުމުން މިނިސްޓްރީން އެއްޗެއް ވިދާޅުނުވީ މައްސަލައިގެ ޙައްސާސްކަން ބޮޑުވެފައި އެއީ ކުޑަކުއްޖަކަށް ވުމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އަބަދުވެސް ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް މިނިސްޓްރީން އިސްކަން ދެއްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.