ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ފަސްކުރުމަށް އަމުރު ކޮށްފި

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ޑީޑީ) ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވި ނިންމެވުމަށް ޢަމަލު ކުރަން ފަސް ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައިވަނީ އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޫން މަހު 2 ވަނަ ދުވަހު ޖުޑީޝަލް ސާވިސްކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސާވިސްކޮމިޝަންގެ ޤާނޫނާއި، ޢާއްމު ޤާނޫނާ ވެސް ޚިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅުއްވައިފައިވާ މައްސަލައެއް ކަމަށެވެ.

ވަގުތީ މި އަމުރު ސުޕްރީމް ކޯޓުން ނެރުއްވީ އެ މައްސަލަ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެކަމާމެދު ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށް އެ އަމުރުގައި ވިދާޅުވެފައިވެއެވެ. ޢަބްދު ދީދީ ގެ ހުށަހެޅުމުގައިވަނީ އޭނާ ސަސްޕެންޓް ކުރުމަށް ނިންމަވައިފައިވާ ނިންމެވުން ފަސްކޮށްދެއްވުމަށް ވަގުތީ އަމުރަކަށް އެދިވަޑައިގެންފައެވެ. އެހެން ކަމުން ޑީޑީގެ ހުށަހެޅުއްވުން ދިރާސާ ކުރެއްވުމަށްފަހު ސްޕްރީމް ކޯޓުންވަނީ އެ މައްސަލަ ބަލައި ނިމެންދެން، ޑީޑީ ސަސްޕެންޑް ކުރުން ފަސްކުރުމަށް ޖޭއެސްސީއަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފައެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރައްވަން ޖޭއެސްސީ ނިންމެވީ އިއްޔެއެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީއާ ބެހޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅުއްވައިފައިވާ މައްސަލައިގެ އެއްވެސް އިޖްރާއާތެއް ވެސް އަދި އިތުރު ފިޔަވަޅެއް އެ މައްސަލައާ ގުޅިގެން ނޭޅުއްވުމަށެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީއާ ބެހޭގޮތުން ހުށަހަޅުއްވައިފައިވާ ސުލޫކީ މައްސަލައަކީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ޑީޑީ ވިދާޅުވެފައިވަނީ ޙައްޤުނޫންއެއްވެސް ފައިސާއެއް އެމަނިކުފާނާއި އަނބިކަބަލުން ނުވަތަ އެމަނިކުފާނާ ގުޅުންހުރި އެކައުންޓެއްގައި ވެސް ނުހުންނާނެ ކަމަށެވެ.

ސުޕްރީމްކޯޓުގެ އަމުރާ ވިދިގެން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއްވެސް މިރޭ ބާއްވާ ގޮތަށް ތާވަލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.