މެދުތެރޭ މާލީގެ އަވަށަކަށް ހަމަލާދީ ސަތޭކައެއްހާ މީހުން މަރާލައިފި

ޑޯގޯން އަވަށުގެ މަންޒަރެއް. އެ އަވަށަކީ އިހުގެ ސަގާފީ ދިރިއުޅުން އަދިވެސް ދޫނުކުރާ ބައެއް

މިއަދު (ހޯމަ ދުވަހު) ފަތިހު ވަގުތެއްގައި ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ މާލީގެ ޑޯގޯން ނަސްލުގެ މީހުން ދިރިއުޅޭ އަވަށަކަށް ދިން ހަމަލާއެއްގައި ސަތޭކައެއްހާ މީހުން މަރާލައިފިއެވެ.

މި ގަތުލުއާއްމު ހިންގާފައި ވަނީ މެދުތެރޭ މާލީގެ މޮޕްޓީ ސަރަހައްދުގެ ސޮބާނޭ-ކޫ އަވަށަށެވެ. މާލީ ސަރުކާރުގެ ބަޔާނެއްގައި ވާގޮތުން މިހަމަލާގައި 95 މީހުން މަރާލާފައި ވާއިރު، 19 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ފެނުނު ހަށިތައް ހުރީ އަންދާލާފައި ކަމަށްވެއެވެ.

"އާއްމުންގެ 95 މީހަކު މަރުވެފައިވާކަން މިހާތަނަށް އަހަރުމެންނަށް ވަނީ އެނގިފައި. ހަށިތައް ހުރީ އަންދާލާފައި. އަހަރުމެން މިދަނީ އިތުރު މީހުން ފެނޭތޯ ބަލަމުން." ބޭރުގެ ނޫސްވެރިންނާ ވާހަކަދައްކަމުން ކޫންޑޯ ޑިސްޓްރިކްޓް އޮފިޝަލަކު ބުންޏެވެ.

މި ފަހަކަށް އައިސް މާލީގެ އަވަށްތަކަށް ދެވޭ މިފަދަ ހަމަލާތައް ވަނީ ގިނަވެފައެވެ. ބައެއް ފަހަރު ނަސްލީ އަރައިރުމުގެ ތެރެއިން ދެވޭ ހަމަލާތަކެވެ. އަނެއްބައި ފަހަރު އިސްލާމީ ޖިހާދުގެ ނަމުގައި ހަރުކަށި އިސްލާމީ ހަނގުރާމަވެރިން ދޭ ހަމަލާތަކެވެ. ދަނޑުވެރިކަން ކޮށްގެން ދިރިއުޅޭ ޑޯގޯން ނަސްލުގެ މީހުންނާ، ގެރި ބަކަރި ހުއިހައްޕައިގެން އުޅޭ ފުލާނީ ނަސްލުގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ދޭ ހަމަލާތައް ވަކީން ގިނައެވެ.

މާލީގެ ޑިފްންސް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ރޭގައި ދެވުނު ހަމަލާގައި މުޅި އަވަހަށްހެން ވަނީ ނެތިގެން ގޮސްފައެވެ. އެއަވަށުގައި  300އެއްހާ މީހުން ދިރިއުޅޭއިރު، އަވަށުގެ ގިނަ ގެތައް ހަލާކުކޮށް، ޖަނަވާރުތައް ވެސް މަރާލާފައިވާ ކަމަށް ޚަބަލު ލިބެއެވެ.

ރޭ ފަތިހު ދިން މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައި ނުވާއިރު، ފާއިތުވީ މާރިޗު މަހު ފުލާނީ ނަސްލުގެ މީހުން ދިރިއުޅޭ އޮގޯސަގޯ އަވަށަށް ހަމަލާދީ 157 މީހުން މަރާލީ ޑޯގޯން ނަސްލުގެ ހަނގުރާމަވެރިންކަމަށް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް، ޑާން ނާ އަންބަސަގޫގެ ނަމުން މަޝްހޫރުވެފައިވާ ޑޯގޯން ހަނގުރާމަވެރި ޖަމާއަތުގެ ވެރިޔާ ޔޫސުފު ޓޮލޮބާ ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ސޮބާނޭ-ކޫ އަވަށަށް އިތުރު ހަމަލާއެއް ދީފާނެތީ މާލީގެ ސިފައިން މިހާރު ދަނީ އެ އަވަށުގައި ފޯރިމަރަމުންނެވެ.

ޓުއަރެގް ނަސްލަށް ނިސްބަތްވާ ހަރުކަށި އިސްލާމީ ހަނގުރާމަވެރިން 2012 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ނުކުމެ، މާލީގެ ބޮޑުބައެއް ހިފިއެވެ. އެހެން ނަމަވެސް ފަރަންސޭސީ ސިފައިންގެ އެހީގައި ގިނަ ސަރަހައްދުތަކެއް ވަނީ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭރުއްސުރެ އެ ގައުމަށް ހަމަޖެހުން އައިސްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.