ތިމާވެއްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށާއި، ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް،
ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކމަށް އިލްތުމާސް ކުރެއްވީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިތާބުގައެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އެއަރ ޕޮލިއުޝަން" ނުވަތަ "ވައި ތަޣައްޔަރުވުން" އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި މަރުވެގެންދާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ ޑަބްލިޔުއެޗުއޯއިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ، މާ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުންނަ ކަމަށާއި ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުތަކަށް ބޭނުންކުރާ ޑީސެލާއި ޕެޓްރޯލް އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު ނިސްބަތުން މަދުނޫން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ވަނީ ވެރިރަށް މާލެއަށް ތޮއްޖެހިފައި ކަމަށާއި އެ އެންމެން ނޭވާލާންޖެހިފައިވަނީ، އެއްގަމު އުޅަނދުފަހަރުގެ ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ކަމަށް ވެސް އެމަނިކުފާ ވިދާޅުވެފައި ވެއެވެ.
"ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެންނެވެ. ހަމައެއާއެކު، ހަކަތަ އުފެއްދުމަށްޓަކައި، ތެޔޮ އެންދުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށްގެންނެވެ. ބޭކާރު ގޮތުގައި އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުންޏަކީ އަލުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ ވެސް، ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ވައި ސާފުކޮށްދޭ ޤުދުރަތީ ނިޒާމަކީ ގަސްގަހާގެހި ކަމަށާއި ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ، ކޮންމެހެން ކުރަންޖެހިގެން ނޫނީ ނުކުރެވޭނެ ކަމަކަށް ހަދަން ޖެހޭ ކަމަށް ވެސް ޚިތާބުގައި ވިދާޅުވެފައިވެއެވެ.