ޔޫ.އޭ.އީގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ފޮޓޯ: ރައީސު އޮފީސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ޔުނައިޓެޑް އަރަބް އެމިރެޓްސްގެ އާ ސަފީރު ދެއްކެވި ވާހަކަ ފުޅުގައި ޔޫއޭއީގެ ސަރުކާރުން ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިންނާއި، ވައިގެ އުދުހުންތަކުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގުވެރިވާކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޔުނައިޓެޑް އަރަބް އެމިރެޓްސްގެ އެމްބަސީއެއް ހުޅުއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. ޔޫއޭއީގެ އާސަފީރު ވަނީ މި އެމްބަސީ ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމުގެ މައްސަލައިގައި ދިވެހި ސަރުކާރާ އަދި ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ފަރާތުން އަލަށް ރާއްޖޭގައި ހުޅުވާ އެމްބަސީގައި ހުންނަވާ ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޔޫއޭއީގެ ސަފީރު ވަނީ، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ޚަބަރު: ރައީސް އޮފީސް 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.