ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 29 (އެންމެ ފަހު ބައި)

(2 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިސްޓަރ ޚޫރުޝީދު! ކަލާ ބުނުއްވީ ރަނގަޅަށް. އެ ތަނަށް ތޫފާނު އަތުވެއްޖެ. އަޅުގަނޑުގެ ސޯމުނާ އުޅެނީ ކޮން ހާލެއްގައި ކަމެއް ވެސް ނޭނގެ. އަޅުގަނޑަކަށް ދެނެއް މި ކޮޓެޖުގައި ހައްޔަރުވެގެންނެއް ނުހުރެވޭނެ. ކުޑަދޮރުން ބައްލަވައިލައްވަ ބައްލަވަ. މިހާރު ފޯރިމަރާ މީހަކު ވެސް ނުފެނޭ.

އެ ދެ މީހުން ކުޑަދޮރު ކައިރިއަށް އައިސް ހުއްޓުނެވެ. ޚޫރުޝީދު ބަލްގުރާމީ ފިކުރު ބޮޑުވެފައި ބުންޏެވެ.

"އެ އެންމެން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެ. ކުޅިވަރު މާލަމާ ވީ ފަރާތުންވެސް އަޑެއްބަޑެއް ނީވޭ. ރޫޕުވަތީ ވީ ކޮން ދިމާއެއްގައި ކޮން ހާލެއްގައި ކަމެއް ވެސް ނޭނގޭ.

ހާތޯރާ ބުންޏެވެ. "އެހެންވިއްޔާ ރޫޕުވަތީއަށް ޓަކައި ކަލާ އަޅުގަނޑާއެކު ބޭރަށް ހިންގަވާ. އަޅުގަނޑުމެން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ."

"ހާތޯރާ. ހުސް އަތާ ބޭރަށް ދުރުވެގެން ކަލާއަށް ކުރެއްވޭނެ ކަމެއް އަޅުގަނޑަކަށް ނުވިސްނޭ. އެ ގޮތަށް ދުރުވެގެން ކަލާއަކަށް ސޯމުނާއަކާ ވެސް ބައްދަލެއް ނުކުރެއްވޭނެ. އަދި އަޅުގަނޑަށް ދަރިއަކު ވެސް ނުލިބޭނެ."

އޭނާގެ ވާހަކަ ނިމުނުތަނާ ސިފައިންގެ ތިން މީހުން ފެނުނެވެ. އެ މީހުން ދިޔައީ މެޝިންބަޑި ހިފައިގެން ގުލޯބު އާކާ ދިމާއަށެވެ. ކޮޓެޖު ނަންބަރު އެކަކާ ފަންސާސް ގަޒު ދުރަށް ގޮސްފައި އެ މީހުން މެޝިންބަޑި އޭގެ ހަރުގައި ބެހެއްޓިއެވެ. ބަޑީގެ ކުރި ހުރީ ގުލޯބު އާކާ ދިމާއަށެވެ. އެ މީހުން ކުރިމަތީގައި ވެލިބަސްތާ ޖެހިއެވެ. ދެން އެތަނުން އެކަކު ގޮވައިލިއެވެ.

"އަހަރެން މަރުވުމުގެ ކުރިން ގުލޯބު އާކު ހަލާކުކޮށްލާނަން."

ގުލޯބު އާކުގެ ދޮރު ހުރީ ކުރިއްސުރެން ލައްޕައިފައެވެ. އެކަމަކު އޭގެ ޕޯޓު ހޯލުން ބަޑިޖަހަން ފެށިއެވެ. ޖަވާބުގައި މެޝިންބަޑިން ވެސް އުންޑަ ފޮނުވަން ފެށިއެވެ. ދެން ޕޯޓު ހޯލު ހުސްވިއެވެ. ސިފައިންގެ މީހަކު ދުވެފައި ގުލޯބު އާކާ ތަންކޮޅެއް ކައިރިއަށް ގޮސްފައި އަތުބޮން އުކަން ފެށިއެވެ. ދެ ބޮން ގޮވީ ގުލޯބު އާކުން ބޭރުގައެވެ. ތިންވަނަ ބޮން ވެއްޓުނީ ޕޯޓް ހޯލުން އެތެރެއަށެވެ. އެ ބޮން ގޮވި އަޑާއެކު އެތެރެއިން ހަޅޭކުގެ އަޑު ވެސް އިވުނެވެ. އެ ބޮން ގޮވީ ތިރިން ޖަނެރޭޓަރު ކައިރީގައެވެ. އެހެންކަމުން ޑީސަލް ތެލުގައި އަލިފާން ހިފިއެވެ. އަދި އެތެރެއިން ހުޅުނގަނޑު އުފުލެން ފެށިއެވެ.

ފުރަތަމަ ހުރިހައި ޕޯޓު ހޯލަކުން ދުން ނުކުންނަމުން ދިޔައެވެ. އެއަށް ފަހު ހުޅުގަނޑު އޭގެ ދޫ ނެރެން ފެށިއެވެ. އެ މީހުންނަށް ދުމުގެ ތެރޭގައި ހާސްވެ އަލިފާނުގައި އަނދައިގެން މަރުވާކަށް ނުކެރުނެވެ. މަޖުބޫރުވެގެން ގުލޯބު އާކުގެ ދޮރު ހުޅުވައިލައިފައި، ބަޑިޖަހަމުން ބޭރަށް ނުކުތެވެ. އެކަމަކު މެޝިންބަޑީގެ އުންޑައިން ޖެހިފައި ވެއްޓެމުން ދިޔައެވެ. ހިންމަތު ރާއޯ އިންޖިނޭރަކާ އެކުގައި ދުވެފައި ގޮސް ގުލޯބު އާކުގެ ލިފުޓަށް ވަނެވެ. ދުން ބޯކަމުން ދެ މީހުން ކެއްސައެވެ. ލިފުޓު ދިޔައީ ހަތް ވަނަ ބުރިއާ ދިމާއަށެވެ. ފިލޭނެ އެއްވެސް މަގެއް ނެތެވެ. އޭނާ ގަސްތުކުރީ މައްޗަށް ގޮސް އޮބުޒަވޭޓަރީގެ ފުރާޅު ހުޅުވައިލައިފައި ގުލޯބު އާކުގެ އަނެއް ފަރާތުން ކަނޑަށް ފުންމައިލާށެވެ.

އެކަމަކު ފަސްވަނަ ބުރިއާ ހަމައަށް ދެވުމުގެ ކުރިން ގަދަފަދަ އަޑެއް ކިއެވެ. ލިފުޓު ހުއްޓުނެވެ. އަލިފާންގަނޑު ބަޑިބޭސް ގުދަނާ ހަމައަށް ފޯރިއެވެ. އެހެންކަމުން ގޮވުމަކަށް ފަހު ގޮވުމެއް ގޮވަމުން ދިޔައެވެ. މިހާރު ދުންގަނޑު ލިފުޓުތެރެއަށް ވަދެއްޖެއެވެ. އެ ދެމީހުން ލިފުޓުގެ ބިތްތަކުގައި ތަޅަމުން ގެންދިޔައެވެ. އެއާއެކު ކެއްސަމުން ގެންދިޔައެވެ. އެ މީހުން އެހީއަށް އެދި ގޮވާނީ ކާކަށް ހެއްޔެވެ؟ ދަތި ވަގުތުގައި އެހީވާނެ ގާތް މީހަކީ ކޮބައިހެއްޔެވެ؟ އެ މީހުން އައީ އެ ފަދަ މީހުން ބާ ދުނިޔެއަށް ދޫކޮށްލައިފައެވެ.

ކޫން. ކޫން. ކޫން... ހިންމަތު ރާއޯ ކެއްސަމުން ދިޔަ އިރު ކުރިމަތިން ޝަންކަރު ފެނުނެވެ. އޭނާ ބޭސް ހިފައިގެން ހުރެ ބުނަމުން ދިޔައެވެ.

"ބައްޕާ! މި ބޭސް ބައްލަވާ. ކެއްސުން ލުއިވެދާނެ. ބައްޕަ ތިޔަ އޮންނެވީ ހުންއައިސްފައި. އަޅުގަނޑު ޑަކުޓަރު ގެންނާނަން."

ލޮލަށް ކުރެވޭ ތަޞައްވުރުގެ ތެރެއިން ޑަކުޓަރު އަންނަތަން ފެންނަމުން ދިޔައެވެ. އޭނާއަށް ބޭސް ކާންދެމުން ގެންދިޔައެވެ. ޝަންކަރު ރޭގަނޑު ހަތަރު ދަމު ބައްޕަގެ ބޯލާކޮޅުގައި ހޭލައި އިނެވެ. ކޫން. ކޫން. ކޫން... ކެއްސަމުން ދިޔަ އިރު ސިކުނޑި ބުންޏެވެ.

"އޭނާ އަހަރެންގެ ދަރިއަކަށް ނުވިއަސް ހެޔޮ. އޭނާ ދަންނަނީ އަހަންނަކީ އޭނާގެ ބައްޕަގެ ގޮތުގައި. ޕުޝްޕާއާއި ބަލްދޭވު އޮޅުވައިލީ ހަމައެކަނި އަހަންނަކަށް ނޫން. ޝަންކަރަށް ވެސް އޮޅުވައިލި. އަހަރެމެން ދެ މީހުންނަށް ވަނީ ކެހިލިބިފައި. ވީ އިރު އަހަރެން އެ ކުށެއް ނެތް ކުއްޖާއަށް ކެހިދިނީ ކީއްވެގެން؟ އޭނާއަކީ ހިލޭ ކުއްޖަކަސް އަހަރެންގެ ކުއްޖެއް. އޭނާގެ ފުރާނަ ތެޅެނީ އަހަންނަށް ޓަކައި. އަހަރެން ބަލިވެ އުޅޭ އިރު ރޭގަނޑު ހޭލައި އިންނަނީ އޭނާ... ދަރިފުޅާ! ކަލޭ ވީ ކޮން ތާކު؟ ބައްޕަ މި އުޅެނީ ބަލިވެ. އެއް ފަހަރު އާދޭ. ޒުވާން ދަރިފުޅުގެ އުނގުގައި އޮވެގެން މަރުވީމާ ބައްޕައަށް ހަމަޖެހުން ލިބޭނެ. ކޫން. ކޫން. ކޫން..."

ލިފުޓުގެ ދަތި ކަށްވަޅުގައި ކެއްސުމުގެ އަޑު މަޑުމަޑުން މަޑުވަމުން ދިޔައެވެ. ދެން އެ ލިފުޓު ގަބުރު އަންދާ ދަރުފުންޏަކަށް ވިއެވެ.

ރޭގަނޑުގެ އަނދިރީގައި ގުލޯބު އާކުގެ ހުޅުގަނޑު، ޖަޒީރާ ދުރުދުރަށް ދަންދެން ހުޅުދާންކުރަމުން ދިޔައެވެ. އަދި އޭގެ ދަގަނޑު އޮނިގަނޑު ދެންމެ ދެންމެ އުދުހިގެން ހިނގައިދާނެ ކަމަށް އިންޒާރުދެމުން ގެންދިޔައެވެ. ސިފައިންގެ ތިން މީހުން މެޝިންބަޑި ނަގައިގެން އެ ތަނުން ދުރަށް ދުވަން ފެށިއެވެ. ޚޫރުޝީދު ބަލްގުރާމީއާއި ހާތޯރާ ފިލަންވެގެން ކޮޓެޖުގެ ފަހަތު ދޮރު ހުޅުވައިލިއެވެ. އެ ތާނގައި އަރުސިލާ އާއި ނީގްރޯ އަންހެން ކުއްޖާ ތިއްބެވެ. އެ މީހުންގެ އަތުގައި އޮތް ފިސްތޯލައާއި މެޝިންބަޑި ފެނިފައި ޚޫރުޝީދާއި ހާތޯރާ ހުއްޓުން އެރިއެވެ. އަރުސިލާ އެ މީހުންނާ ދިމާއަށް ބަޑި ދިއްކޮށްލައިފައި ބުންޏެވެ.

"އަން ހިއްޕަވާ. އަޅުގަނޑުމެން ރެއިއްސުރެން މި ގެންދަނީ މިތަނަށް އަންނަން މަސައްކަތްކުރަމުން. ގުލޯބު އާކު ގޮވުމުން ދުޝްމިނުން ހާސްވީމާ އަންނާނެ ވަގުތު ނުލިބުނީ. މި ތަނުން ދުރަށް ފިލަން ހިންގަވާ."

ހާތޯރާ ބަޑީގައި ހިފިއެވެ. ޚޫރުޝީދު ބަލްގުރާމީ ފިސްތޯލަ ހިފައިގެން އެ މީހުންނާއެކު ކުރިއަށްދަމުން ސުވާލުކުރިއެވެ.

"ރޫޕުވަތީ ކޮބާ. އޭނާވީ ކޮން ކޮޓެޖެއްގައި. ކަލޭމެންނަށް އެނގޭތަ؟"

އަރުސިލާ ބުންޏެވެ. "މިސްޓަރ ޚޫރުޝީދު! އޭނާ ކަލާގެ ކުރިމައްޗަށް އަންނާކަށް ބޭނުމެއް ނުވޭ. ފަހަރެއްގައި އޭނާއާ ކުރިމަތިވެއްޖެ ނަމަ، ކަލާ އޭނާއަށް ދަރިފުޅާއޭ ނުކިއުއްވުމަކީ އަޅުގަނޑުގެ އެދުމެއް."

"އެއީ ކީއްވެގެން؟ މީހަކާ ދިމާއަށް ދަރިފުޅާއޭ ކިއުމަކީ ކުށެއްތަ؟"

"އެއީ ކުށެއް ކަމަށް ހީކުރައްވާ. އޭނާ ވަނީ ވަރަށް ހާސްވެފައި. އޭނާ ބުނަނީ ކުރިން އޭނާ ދިރިހުރުން ދެކެ ވަރަށް ލޯބިވާކަމަށް. އެކަމަކު މިހާރު ނުވާ ކަމަށް. އޭނާ މަރުވާނެ ބަހަނާއެއް ހޯދަނީ ކަމުގައި ކަލާ ޔަގީންކުރައްވާ. އެހެންނޫނީ ގަސްތުގައި އުންޑަތަކުގެ ކުރިމައްޗަށް ނުކުމެދާނެ."

"އަހަރެން އޭނާ މަރުވިއަކަ ނުދޭނަން. އަހަރެން ގާތު ބުނޭ. އޭނާ ވީ ކޮން ކޮޓެޖެއް..." އޭނާގެ ވާހަކަ ނުނިމެނީސް ވަރުގަދަ އަޑުފަށްގަނޑެއް އިވުނެވެ. އެ މީހުން ބާރަށް ދުވަން ފެށިއެވެ. އޭރު ގުލޯބު އާކުގެ ބޭރު އޮނިގަނޑު ވަކިވަކި ވެގެން ބުރަބުރައިގެން ދާން ފަށައިފިއެވެ. އެކަތަ ފޮތިފޮތި ހުޅުހިފައިފައި އޮވެގެން އަޑުކިއައިފައި ޖަޒީރާގެ ބޯމަތީ ޖައްވުގައި އުދުހެމުން ދިޔައެވެ. ދުންތަރި އަލިފާން ގަނޑެއްގެ ގޮތުގައި ބިމުގައި ޖެހެން އުޅުނީ ހަމަ މި ގޮތަށެވެ. އެ ގޮތަކަށް ގިޔާމަތެއް ނުވިއެވެ. އެކަމަކު މި ގޮތަށް މިއޮތް ގިޔާމަތްވަނީއެވެ. ގުލޯބު އާކުގެ ހުޅުރޯވެފައި ވާ ހަރު ބައިބައި ޖަޒީރާގެ މޭ ތޮރުފަމުން ގެންދިޔައެވެ. ބިން ތުރުތުރުއަޅަމުން ދިޔައެވެ. މީސްތަކުންގެ އެންމެ ފަހުގެ ހަޅޭކުގެ އަޑު ގުގުމަމުން ދެއެވެ. ޚޫރުޝީދު ބަލްގުރާމީ އެނބުރި ބަލައިލި އިރު އަރްސިލާ އޮތީ އަނދައަނދާ އޮތް އެތިގަނޑެއްގެ ދަށުވެފައެވެ. ރޫޕުވަތީ ވީ ތަނެއް ބުނުމުގެ ކުރިން އަބަދަށްޓަކައި ހިމޭންވެފައެވެ.

އަލިފާން ހިފައިފައި ހުރި ކުދިކުދި އެތިކޮޅުތައް ދުރުދުރަށް ދަންދެން ފެތުރިފައި ހުއްޓެވެ. ކުޅިވަރު މާލަމާއި އެތައް ކޮޓެޖެއްގައި ވަނީ އަލިފާން ރޯވެފައެވެ. ހާތޯރާ ވެސް އެއްވެސް ދިމާއަކުން ފެންނާކަށް ނެތެވެ. ޚޫރުޝީދު ހަޅޭއްލަވަމުން، ރޫޕުވަތީއަށް ގޮވަމުން ކޮޓެޖުތަކާ ދިމާއަށް ދުވަން ފެށިއެވެ. ޖަޒީރާގެ ދުރު ހިސާބުގައި ހުރި ދެ ކޮޓެޖު އަދި ހުރީ އަލިފާނުން ސަލާމަތްވެފައެވެ. އޭނާ ތަނެއްދޮރެއް ނުބަލައި ދުވެފައި ގޮސް އެއް ކޮޓެޖަށް ވަނެވެ. ދުޝްމިނަކު އޭނާގެ ގައަށް ބަޑިޖަހައިފާނެ ކަމާ މެދަކު އެނާ ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ފަހަރަކު ކޮޓަރިއަކަށް ބޯދެމުން ގޮވަން ފެށިއެވެ.

"ރޫޕުވަތީ! ކަލޭ ތިޔަ އުޅެނީ ކޮންތާކު؟ ޖަވާބު ދީ. އަހަންނަށް ނުފިލާ. މާޖިދާހެން ފަރުދާ ނުވޭ. އެހެން ނޫނީ އަހަރެން މަރުވެދާނެ."

ވަށައިގެން ވަނީ އަނދިރިކަމެވެ. ދުރުގައި ރޯވެފައި ހުރި ހުޅުގަނޑުން ބައެއް ފަހަރަށް އެ ތަނަށް އަލިވެއެވެ. އަނެއްބައި ފަހަރަށް އަނދިރީގެ ތެރެއަށް ގެނބެއެވެ. ނިވިދިއްލެމުން ދާ އަލީގެ ތެރެއިން އެއްވެސް ތާކުން އޭނާއަކަށް ރޫޕުވަތީއެއް ނުފެނުނެވެ. އެ ވަގުތު އަނެއް ކޮޓެޖުން ބަޑިއެއްގެ އަޑު އިވުނެވެ. އެއާ އެކު އަންހެނަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ޚޫރުޝީދު ބަލްގުރާމީ ހަޅޭއްލަވަމުން އެ ކޮޓެޖުން ނުކުތެވެ. އަނެއް ކޮޓެޖާ ދިމާއަށް ދުވަން ފެށިއެވެ.

އަނެއް ކޮޓެޖުގެ ކޮޓަރިއަކަށް އެއްކަލަ ނިވިދިއްލޭ އަލި ވެރިވެފައި އޮތެވެ. ހާތޯރާ ތަޅުންމަތީގައި ކުކުރަން އޮތެވެ. އޭނާގެ ގަމީހުގެ ކޮނޑުން ފެށިގެން މެއާ ހަމައަށް ވަނީ އޭނާގެ ލެއިން ފޯވެފައެވެ. ރޫޕުވަތީ އޭނާއާ ދިމާއަށް ގުދުވެ އޮވެގެން ބުނަމުން ގެންދިޔައެވެ.

"ކަލޭ ތިޔަ ކުރީ ކީއް؟ އޭނާ ބަޑިޖެހީ އަހަރެންގެ ގައަށް. ކަލޭ ކުރިމައްޗަށް އެރީ ކީއްކުރަން؟"

އޭނާ ކުކުރަމުން ބުންޏެވެ. "އަހަރެން އަހަރެންގެ ސޯމުނާއާ ބައްދަލުވާނެކަން ޔަގީންކަމުގައި ޚޫރުޝީދު ސާހިބު ވަނީ ބުނުއްވައިފައި. ވީ އިރު އަހަރެންގެ ލޭ އޮހޮރުވައިލައިގެން އޭނާގެ ދަރިފުޅު ސަލާމަތްނުކޮށް ހުރެވޭނީ ކިހިނެއް؟ އުންޑަ އެރީ އަހަރެންގެ ކޮނޑަށް. އަހަރެން މަރެއް ނުވާނެ. އަހަންނާ ސޯމުނާއާ ބައްދަލުވާނެ. އޭނާގެ ބުނުން ދޮގެއްނުވާނެ. ރޫޕުވަތީ! އަހަރެންގެ ބަސް ގަބޫލުކުރޭ. އޭނާއަށް ދަރިއެއްގެ ލޯބި ދީ. އެހެންނޫނީ މާޖިދާގެ ލަދުވެތިކަން އެ މޮޅިވެރި ބައްޕަ މަރައިލާނެ."

މިހައި ހިސާބަށް ބުނިތަނާ އޭނާ ޚަބަރުހުސްވިއެވެ. އެ ވަގުތު ޚޫރުޝީދު ބަލްގުރާމީގެ އަޑު އިވުނެވެ. ރޫޕުވަތީ ކަންބޮޑުވެފައި ދޮރާ ދިމާއަށް ބަލައިލިއެވެ. ދެން އެތަނުން ތެދުވެގެން ދުވެފައި އައިސް ދޮރު އެތެރެއިން ތަންޑުއެޅިއެވެ.

"ރޫޕުވަތީ. ދަރިފުޅު ވީ ކޮން ތަނެއްގައި؟" އެ ވީރާނާ ޖަޒީރާ، ގުއްބެއްގެ އަޑަށް ވީ ކަހަލައެވެ. ބައްޕައެއްގެ އަޑު ޒަޚަމުވެފައި ވާ ދޫންޏެއް ފަދައިން ފިޔަތަޅަމުން ގެންދިޔައެވެ. "ކަލޭ ވީ ކޮންތަނެއްގައި؟ ކޮންތަނެއްގައި، ކޮންތަނެއްގައި، ކޮން، ކޮން، ކޮން..."

ލައްޕައިފައި ހުރި ދޮރުގެ ކުރިމައްޗަށް އޭނާ ހުއްޓުނެވެ. ދެން ދޮރުގައި ތަޅަމުން ބުންޏެވެ.

"ދަރިފުޅު ވީ މި ތާނގައިކަން ބައްޕައަށް އެނގޭ. ބައްޕަގެ ދަރިފުޅާ! ބައްޕަގެ ފުރާނައާ! މާޖިދާއާ ހަމައަށް ދާން ބައްޕައަށް އޮތީ ލަސްވެވިފައި. އެ ލަހުގެ މާފު ދަރިފުޅު ހޯދައިދީ. ބައްޕަ މި އައީ ދަރިފުޅު ހޯދަމުން. މި ފަހަރު ބައްޕަ ލަހެއް ނުވަން. ވީއިރު ދަރިފުޅު ދޮރުނުހުޅުވައި ތިޔަ ހުރީ ކިއްވެގެން."

ލައްޕައިފައި ހުރި ދޮރުގެ އަނެއް ފަރާތުން ރޫޕުވަތީގެ އާހާއި ގިސްލުމުގެ އަޑު އިވުނެވެ. ދެން އޭނާ ކަރުނައިން ފުރިފައިވާ ރާގެއްގައި ބުންޏެވެ.

"އަޅުގަނޑު ދޮރެއް ނުހުޅުވާނަން."

ބައްޕަ ދޮރު ހަލާކުކޮށްލާނަން."

"އޭގެ ކުރިން އަޅުގަނޑު މަރުވާނަން. އަޅުގަނޑަށް ކަލާއާ ހަތަރުކަޅި ހަމަކުރާކަށް ނުކެރޭނެ. ކަލާ ބައްޕައަކަށް ވެލެއްވި ނަމަވެސް ދަރިފުޅުގެ ލަދުވެތިކަމެއް ވިސްނިއެއް ނުލައްވާ."

"ބައްޕައަށް ވިސްނޭ. ދަރިފުޅަށް ވެސް މި ވިސްނައިދެނީ. އަންހެންދަރިންނަކީ އެ ދަރީން ފެނުމުން މާތްރަސްކަލާނގެ ރަސޫލާ ވެސް އިޙުތިރާމުގެ ގޮތުން ތެދުވެވަޑައިގަންނަވާ ބައެއް. ދަރިފުޅާ! ދަރިފުޅުގެ ފަސްބައިގައި ޖެހިފައި ހުރި ހުރިހައި ލައްތަކެއް ދޮވެލައިހައި ކަރުނަ ބައްޕަގެ ލޮލުގައި އެބަ ހުރި..."

އޭނާ ހިމޭންވެފައި އަޑު އަހަންފެށިއެވެ. އެތެރެއިން ގޮނޑި ދަމާ އަޑު އިވެމުން ދިޔައެވެ. ލޮލަށް ތަޞައްވުރު ކުރެވެމުން ދިޔައީ ކުރީގެ މަންޒަރެވެ. މާޖިދާ ގޮނޑިއަށް އަރައިފައި މަތީގައި ވާ އައްސަނީއެވެ. އޭނާ މޮޔައެއް ފަދައިން ދޮރުގައި ތަޅަން ފެށިއެވެ.

ފުރަތަމަ އެތިފަހަރު- އަހަރެންގެ ލަދުކުޑަ ތަގުދީރާއެވެ. ބުނާށެވެ! ބައްޕައަކު ޒުވާންކަމުގެ ދައްލާލުންނާ ދިމާކޮށްކޮށް ހުންނާނީ ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟

ދެ ވަނަ އެތިފަހަރު – އަހަރެންގެ ޣޭރަތްތެރި ޟަމީރާއެވެ. ބުނާށެވެ! މިހާރު ގިޔާމަތް ވެސް ފާއިތުވެއްޖެއެވެ. ރަނގަޅަށް އުޅުނީތީ ކޮންމެވެސް ބަދަލެއް ވެސް ލިބެންވާނެއެވެ.

ތިން ވަނަ އެތިފަހަރު – މާތްރަސްކަލާކޯއެވެ! ތަހުޒީބު މަރުވެދާ ފަދަ ލަދުކުޑަ ކަމެއް އަންހެނެއްގެ ތިމާގެކަމަކަށް ނުދެއްވާފާނދޭވެ! އަމިއްލައަށް ދަންޖެހި ބައްޕަގެ ހިތް ފަޅައިގެން ދާންޖެހޭ ފަދަ، ލަދުވެތި ކަމެއް އަންހެނެއްގެ ދެ ވަނަ ތިމާގެކަމަކަށް ނުދެއްވާފާނދޭވެ!

އެތިފަހަރަކަށް ފަހު އެތިފަހަރެކެވެ – ވީކަމެއް ނެތެވެ. ބޭސް ބައްޔަކަށް ނުފޯރިއެވެ. ދުޢާ އުޑަކަށް ނުފޯރިއެވެ. ނޫނެކެވެ. އަބަދަކު އެހެންނެއް ނުވާނެއެވެ. ދުޢާގައި އަސަރު ހުރި ނަމަ އުޑަށް ފޯރާނެކަން ކަށަވަރެވެ. ހާތޯރާ ދެބައިކުޅަ އެއްބައި ޚަބަރު ހުސްވެފައި އޮތް ހާލުގައި ކުކުރަމުން ފުރޮޅިލިއެވެ. ދެން ފުސްވެފައިވާ ލޮލަށް ރޫޕުވަތީ ފެނުނެވެ. އެނާ ހުރީ ގޮނޑި މައްޗަށް އަރައެވެ. ވާގަނޑުގެ މަޅި ކަރުގައި އަޅުވަނީއެވެ. ހާތޯރާ ތެދުވަން އުޅުނެވެ. އެކަމަކު ތަދުވާލެއް ބޮޑުކަމުން ނުދެތުވެވުނެވެ. އޭނާ ބޯއަނބުރަމުންދިޔައެވެ. އޭނާއަށް ދެ ފިޔަވަޅު އަޅައިގެން ރޫޕުވަތީ އަމިއްލައަށް މަރުވުމެއް ނުހުއްޓުވޭނެއެވެ.

ކުއްލިއަކަށް އޭނާގެ ބުރަކަށި ދަށުން ހަރު އެއްޗެއް ޖެހުނެވެ. އޭނާ އަތް ހާކައިލައިފައި ބެލި އިރު އެއީ އޭނާގެ ފިސްތޯލައެވެ. އެ ވަގުތު ރޫޕުވަތީ އޭނާގެ ފައިދަށުގައި ހުރި ގޮނޑީގައި ފައިން ޖެހިއެވެ. ޑަން – ޑަން – ދެ އުންޑަ ދިޔައެވެ. ވާ މެދުން ކެނޑުނެވެ. އޭނާ ހަޅޭއްލަވަމުން ބިންމައްޗަށް ވެއްޓުނެވެ.

ދޮރުފަތް ހަލާކުވަމުން ދިޔައެވެ. ހާތޯރާއަށް ލިބޭ ވޭނުގެ ބޮޑުކަމާ އެކު ވެސް އޭނާ ފިސްތޯލަ ހިފައިގެން ހިނި އައިސްފައި އިނެވެ. ރޫޕުވަތީ ދެ ލޯ ބޮޑުކޮށްފައި އޭނާއަށް ބަލަމުން ގެންދިޔައެވެ. ދޮރުފަތް ވެއްޓުނު އަޑު އިވުނެވެ. އޭނާ ދެ ލޯ މެރިއެވެ. ހިނދުކޮޅެއް ފަހުން ލޯބިން ފުރިފައި ވާ ދެ އަތުގެ އިހުސާސް އޭނާގެ ކޮނޑުމަތިން ވިއެވެ. އޭނާ ތުރުތުރުއަޅަން ފެށިއެވެ ދެން އޭނާގެ ކަންފަތް ދޮށުން ބައްޕަގެ އަޑު އިވުނެވެ. އެއީ ހަތް އަހަރުގެ މުޑުދާރުކަމުގެ ތެރެއަށް ގެއްލިފައިވާ އަޑެވެ.

"ދަރިފުޅާ! ދަރިފުޅު ލަދުން މަރުވާތީ ބައްޕަ ދެރަވެގެން މަރުވީމާ ނުބައާ ދެކޮޅަށް ހަނގުރާމަކުރާނީ ކާކު؟ ދަރިފުޅާ! އަހަރެމެންނަށް ޖެހޭނީ ދިރިތިބެން. އަހަރެންމެންނަށް ޖެހޭނީ އަހަރެމެންގެ ދުނިޔެ ރީތިކުރަން. ބުނޭ. ބައްޕަ ދަރިފުޅުގެ ދުނިޔެ، ދަރިފުޅު ބައްޕަގެ ދުނިޔެ ރީތިކުރާނަމެއްނު؟"

އޭނާ ތެޅިގަތެވެ. ދެން އެނބުރުނެވެ. އެއަށްފަހު "ބައްޕާ"އޭ ކިއައި ހަޅޭއްލަވައިގެންފައި އޭނާގެ މޭގައި ބޯއަޅައިލިއެވެ. އަންހެންދަރީން ބޯއަޅައިލައިގެން ކަރުނައިގެ ބުރަދަން ލުއިކުރާނެ އެ ކަހަލަ މޭ ވެސް ހުންނާނެއެވެ.

އޭނާ ލޮލުގެ ބަރުކަން ލުއިކުރަމުން ގެންދިޔައެވެ. ބޭރުން ޖަޒީރާގެ މަތީގައި އެހީދޭ ހެލިކޮޕުޓަރުތައް އުދުހެމުން ދިޔައެވެ.

(ނިމުނީ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.