އެއް ޤިޔާމަތަކީ ހިތަށް އަންނަ ޤިޔާމަތެވެ. އަނެއް ޤިޔާމަތަކީ ދުނިޔެއަށް އަންނަ ޤިޔާމަތެވެ. ހިންމަތުރާއޯ، ސްޕޭސް ވިޜަންގެ އިސްކިރީނުން ފެންނަން ހުރި، ތިނޯހެއްގެ ތުނޑުވަރުގެ ޤިޔާމަތުގެ ތިއްކަށް ބަލައިލިއެވެ. އެ ތިކި އެޓޮމްގެ އެންމެ ފަހު ޒައްރާއެކޭ އެއްފަދައިން ނިކަމެއްޗެވެ. އަދި ނުރައްކާތެރި މެ އެވެ. އެ ތިކި ހުރީ ބިމާ ދިމާއަށް އައިސް އައިހެވެ. ޤިޔާމަތް އަންނަނީއޭ ހީވާ ފަދައިންނެވެ.
ފަލަކިއްޔާތުގެ މާހިރު ހިންމަތުރާއޯގެ ދިރިއުޅުމުގެ ބޮޑު ބައި ވޭތިކޮށްލައިފައިވަނީ ގްރީންވިޗްގެ ރޯޔަލް އޮބްޒަވޭޓްރީގައެވެ. އޭނާގެ ތޫނު ކަޅިއާއި މޫނުމަތީގެ ތަޖުރިބާކާރު ރޫތައް، އޭނާ ޒުވާންކަމުން ފެށިގެން މުސްކުޅިކަމާ ހަމައަށް ޖައްވުގެ އެތަކެއް ރާޅުބާނީ ހުރަސްކޮށްފި ކަމާއި، ފަލަކުގެ ޖިސްމުތަކުގެ ވިސްނައިގަންނަން އުނދަގޫ ތާރީޚުގައި އަތްފުނާ އަޅަމުން އަންނަކަން އަންގައިދެއެވެ.
އޭނާ އުމުރުން ސާޅީސް ފަސް އަހަރުގައި އެނބުރި އިންޑިއާއަށް އައެވެ. މި ދިޔަ ތިން އަހަރުއްސުރެ އޭނާ އަންނަނީ މަދަރާސީގެ އާކާޝް ބަވަން އޮބްޒަވޭޓްރީގައި ޚިދުމަތްކުރަމުންނެވެ. އެ ދުވަހު އިސްޕޭސް ޑައިގުރާމުން، އެ ތިކި އިޝާރާތެއް ފަދައިން ނިވިދިއްލޭ ތަން ފެނުމުން އޭނާގެ ސިކުނޑިއަށް އެތިފަހަރެއް އެރި ކަހަލައެވެ. މި އަންނަން އުޅޭ ޤިޔާމަތުގެ ޚަބަރު ކުރިން ވެސް އޭނާއަށް ލިބިފައި އޮތް ހަނދާންވިއެވެ. އެ ޚަބަރު ދިނީ ކާކުބާވައެވެ؟
އޭނާ ހަމަ ވަގުތުން މޭޒު ކައިރިއަށް އައިސް ކުރީ ދުވަހުގެ ނޫސް ނެގިއެވެ. އެއީ ޕާކިސްތާނުގައި ނުކުންނަ އިނގިރޭސި ނޫހެކެވެ. އެ ނޫހުގެ އެންމެ ފަހު ފަށްފުށުގައި ތަރިތަކުގެ ޢިލްމަށް ދުނިޔެއަށް މަޝްހޫރު ޕްރޮފެސަރ ޚޫރްޝީދު ބަލްގްރާމީގެ ބަޔާނެއް ޝާއިޢު ކޮށްފައި އޮތެވެ. އެ ބަޔާނުގައި ވަނީ ދުންތަރިއެއް އިރުގެ ދާއިރާއިން ވަކިވެއްޖެ ކަމަށާއި އެ ތަރި މިހާރު މިސްރާބުޖަހައިފައި ވަނީ އަހަރުމެންގެ ބިމާ ދިމާއަށް ކަމަށެވެ.
ތަރިތަކުގެ ޢިލްމުގެ މާހިރު ޕްރޮފެސަރ ޚޫރްޝީދު ބަލްގްރާމީ ދުންތަރީގެ ހިސާބުތައް ވެސް ހުށައަޅައިފައި ވެއެވެ. ވިޔައަކުރުންނާއި ލިޔުމުން އޭނާ ފުރިހަމައަށް ހިސާބުކޮށްފައި ވާ ގޮތުގައި މިއަދުން ފެށިގެން ބަރާބަރު ހަތަރު މަހާއި ހަތާވީސް ދުވަސް ފަހުން ޑިސެންބަރުން 28 ވަނަ ދުވަހު ހަވީރު ފަހެއް ޖަހައި ބާރަ މިނެޓުގައި އެ ދުންތަރި އަހަރެމެންގެ ބިމުގައި ޖެހޭނެއެވެ. އެ ދުވަސް ވާނީ އަހަރެމެންގެ ދުނިޔޭގެ އެންމެ ފަހު ދުވަހަށެވެ. ޤިޔާމަތް ދުވަހަށެވެ.
ހިންމަތުރާއޯ ނިތްކުރިން ދައު ފޮހެލައިފައި ޓެލެފޯނުގެ އަތްގަނޑު ނެގިއެވެ. ފޮރިން އޮފީހުގެ ނަންބަރާ ގުޅި އިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. ފޯނު ގުޅޭ އިރަށް އޭނާގެ ނަމާއި މަގާމު ބުނެފިއެވެ. އެއަށްފަހު ޚާރިޖީ ވުޒާރާގެ ސެކެޓްރީއާ ހަމަ ވަގުތުން ބައްދަލުކުރަން އެދުނެވެ. ދެން އަތްގަނޑު ބާއްވައިފައި ޕާކިސްތާނުގެ ނޫސް އޭނާގެ މުހިންމު ފައިލެއްގެ ތެރެއަށް ލިއެވެ. އޭނާ ހާސްވެފައި ހުރި ވަރުންނާއ ކަންބޮޑުވެފައި ހުރި ވަރުން އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވެނީ ވެސް ވަރަށް އުނދަގުލުންނެވެ. އޮބްޒަވޭޓްރީގެ އެއްވެސް މީހަކު، އަންނަން އުޅޭ ޤިޔާމަތުގެ ވާހަކަ، އޭނާގެ މޫނުން ކިޔާކަށް އޭނާ ނޭދެއެވެ.
އޭނާ އެއްވެސް މީހަކާ ކުރިމައްޗެއް ނުލައެވެ. އޮބްޒަވޭޓްރީގެ ޓެރެސް ހޯލުން ލިފްޓުން ސީދާ ތިރިއަށް ފޭބިއެވެ. އެކަމަކު އެ ތަނުން އޭނާގެ ޒުވާން ފިރިހެން ދަރިފުޅާ ބައްދަލުވެއްޖެ އެވެ. ދަރިފުޅަށް އޭނާ ފެނުމާއެކު ކެތްތެރިކަން ނުހަނު ކުޑަ ގޮތެއްގައި ކުރިއަށް ޖެހިލައިފައި ބުންޏެވެ.
"ބައްޕާ. އަޅުގަނޑަށް މި އާދެވުނީ ހަމަ ރަނގަޅު ވަގުތަށް. ނޫންނަމަ ބައްޕަ ކޮންމެވެސް ތަނަކަށް ދުރުވެއްޖައީސް. އަޅުގަނޑު މި އައީ ވަރަށް ސިއްސުވައިލާ ކަހަލަ ޚަބަރެއް ހިފައިގެން. ބައްޕަ އަށް އިވިލެއްވުމުން..."
"އޭނ...؟" ހިންމަތުރާއޯ ސިހުނެވެ. އެ ސިއްސުވައިލާ ފަދަ ޚަބަރު ވަނީ މުސްކުޅި މޭގައި ސިއްރެއް ފަދައިން ވަޅުލެވިފައެވެ. އޭނާއަށް ހީވީ އެ ސިއްރު ދަރިފުޅުގެ ދުލުން ފާޅުވަނީ ހެންނެވެ. އޭނާ ކަންބޮޑުވެފައި އެހިއެވެ.
"ޝަންކް... ޝަންކަރު ދަރިފުޅު ބުނަން ތިޔަ އުޅެނީ ކީކޭތަ؟"
"ބައްޕަ ބޭރަށް ހިންގަވާ. އަޅުގަނޑު ނަންގަންނާނަން."
ހިންމަތުރާއޯ ކުރިއަށް ހިނގަމުން ބުންޏެވެ.
"ހިނގާ، އެކަމަކު ބައްޕައަކަށް މާ ގިނަ ވަގުތެއް ނެތް. އަވަހަށް ބުނޭ. ބައްޕަ މި ދަނީ ވަރަށް މުހިންމު މީޓިންގަކަށް."
"ބައްޕާ! އެއްޗެއް ނަންގަތުމުގެ ކުރިން އަޅުގަނޑު އެދެނީ ބައްޕަ އެ ޤިޔާމަތް ދެކެލެއްވުން."
މުސްކުޅިޔާގެ ހާސްކަމަށް އަނެއްކާ ވެސް އެތިފަހަރެއް އެރިއެވެ. އެ ހިސާބަށް ދިޔަ އިރު އެ ދެބަފައިން އިމާރާތުން ބޭރަށް ނުކުމެއްޖެ އެވެ. ޕޯޓިކޯގައި އައު މޮޑެލުގެ އެމްޕާލާއެއްގެ ކައިރީގައި ދިރިދިރި ހުރި ޤިޔާމަތެއް ހުއްޓެވެ. ފައިގެ ބޮޑުވައިއިނގިލިން ފެށިގެން ބޮލުގެ ފުށްކިބައާ ހަމައަށް އޭނާގެ ހަށިގަނޑު، ޒުވާންކަން އޭގެ މޯޅިއަށް ދެމުމާ ހަމައަށް އައިސް ޖެހިލުންވެގެން ހުއްޓިފައި ހުރި ކަހަލައެވެ. ކަޅު ކުލައިގެ ކިނާރީ އެޅި އޮރެންޖު ކުލައިގެ ސާޅީގައި އޭނާގެ ދޮންކުލަ ފާޅުވޭވޭ ހުއްޓެވެ.
ހިންމަތުރާއޯ އޮބްޒަވޭޓްރީގެ ދުރުމިން ޖައްވުގެ ތެރެއަށް ބެލުމަށް އާދަވެފައި ވަނީ ލޯ ބޮޑު ކޮށްގެން ނެވެ. އެކަމަކު ކައިރިން އެއްޗަކަށް ބަލާނަމަ ބަލަނީ ލޯ ކުޑަކޮށްލައިފައެވެ. އެހެންކަމުން އޭނާ ލޯ ކުޑަކޮށްލައިފައި އެ ރީތި އަންހެން ކުއްޖާއަށް ބަލައިލުމުން އެ ކުއްޖާގެ ކޯތާފަތުގެ ތިރިން މިޔަކަނާ ދިމާއިން ތުންފަތް ކައިރީގައި ހުރި ކުޑަކުޑަ ކަޅުތިލައެއް ފެނުނެވެ. އެ ކުޑަކުޑަ ކަޅުތިލަ، ކުޑަކުޑަ ތިކި ކުއްލިއަކަށް ފިނިފެންމާ ކުލައިގެ ކޯތާފަތުން ވަކިވެގެން އިސްޕޭސް ޑައިގުރާމަށް ހިނގައްޖެއެވެ. މި ކޮޅުން ދަރިފުޅުގެ ހިތަށް ޤިޔާމަތް އަންނަނީ އެވެ. އަނެއްކޮޅުން ބައްޕަގެ ދުނިޔެއަށް ވެސް ޤިޔާމަތް އަންނަން އުޅެނީއެވެ. އޭނާ ކެތްތެރިކަމެއް ނެތި ސުވާލުކުރިއެވެ.
"އެއީ ކޮން ކުއްޖެއް؟ އަވަހަށް ބުނޭ! ބައްޕަގެ ވަގުތުގެ އަގު ވަރަށް ބޮޑު."
"އެއީ ރޫޕްވަތީ. ބައްޕަގެ ވާން އުޅޭ ޅީދަރިފުޅު. އެ ވާހަކަ މި ތާކު ނުދެއްކޭނެ. ބައްޕަ ކާރުގައި އިށީންނަވާ."
ހިންމަތުރާއޯ އަތުކުރީގަޑިއަށް ބަލައިލަމުން ބުންޏެވެ.
"ބައްޕަ ދާނީ ބައްޕަގެ ކާރުގައި. ދަރިފުޅު އައިކަން ވަރަށް ރަނގަޅު. ބައްޕަ މިހިރީ ކުޑަކޮށް ހާސްވެފައި. ބައްޕައަކަށް ކާރެއް ނުދުއްވޭނެ. ދަރިފުޅު ބައްޕަ ފޮރިން މިނިސްޓަރުގެ ގެއާ ހަމައަށް ގެންގޮސްދީ."
"އެކަމަކު ބައްޕާ! އަޅުގަނޑަށް ރޫޕްވަތީ ދޫކޮށްލައިފައި ބައްޕައާ އެކުގައެއް ނުދެވޭނެ. ތިޔައީ އަދަބާ ޚިލާފު ކަމެއް."
ރޫޕްވަތީ އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. ހީވީ މާ ގޮފިގަނޑެއް ހެލިލި ހެންނެވެ. އޭނާ ހިނިތުންވެލައިފައި ދެ އަތް ޖޯޑުކޮށްލަމުން ބުންޏެވެ.
"ޝްރީމާން ނަމަސްތޭ! އަޅުގަނޑު ކަލާގެ ވާހަކަ ވަރަށް ގިނައިން އަޑުއަހަން. ކަލާއަކީ ހަމަ ވަރަށް މަސައްކަތް ބޮޑު ބޭކަލެއް. ޝަންކަރު ބައްޕައާ އެކުގައި ކުރިން ދޭ. އަހަރެން ފަހަތުން ދާނަން. މިނިސްޓަރުގެ ގެއާ ހަމައިން ޝަންކަރު އަހަރެންގެ ކާރުގައި އަންނާނީ."
ޝަންކަރު ފުއްޓަތްކެއް ޖަހައިލަމުން ބުންޏެވެ.
"ވަޓް އަ ކޮމްޕްރަމައިޒިންގ އައިޑިޔާ. ރޫޕްވަތީ ވަރަށް ވިސްނުން ތޫނު. ހިންގަވާ ބައްޕާ!"
ޝަންކަރު ބައްޕައާ އެކުގައި އައިސް ހުންގާނު ސީޓުގައި އިށީނދެއްޖެއެވެ. ކާރު އިސްޓާޓުކޮށްލުމަށް ފަހު، ފަހަތް ބަލަން ހުރި ލޯގަނޑުން، ރޫޕްވަތީ އޭނާގެ ކާރަށް އަރާތަން ބަލައިލި އެވެ. އަދި ލޯގަނޑާ ދިމާއަށް ފްލައިންގ ކިހެއް ދޫކޮށްލުމަށްފަހު އޭނާގެ ކާރު ކުރިއަށް ދުއްވައިލިއެވެ. ބައްޕަ، ދަރިފުޅުގެ ޒުވާން ޙަރަކާތްތަކެއް ނުދެކެ އެވެ. އޭނާ ކުރިމަތީ ބިއްލޫރިގަނޑުން ޖައްވުގެ ތެރެއަށް ބަލަން އިނެވެ. އަދި ވިސްނަމުން ގެންދެ އެވެ.
އެ ދުންތަރި ބިމުގައި ޖެހެން އުޅޭ ކަން އާންމުންނަށް އެނގިގެން ނުވާނެއެވެ. އެހެންނޫނީ ޤިޔާމަތުގެ ކުރިން މި ތަނަށް ޤިޔާމަތް އަންނާނެއެވެ. ބިމުގެ އެއްކޮޅުން އަނެއްކޮޅަށް ރޮއި އާދޭސް ކުރުމުގެ އަޑުފަށްގަނޑު ގުގުމައިފައި ހުންނާނެއެވެ. މީސްތަކުން ބިރުން ހަމަހޭ ނެތި މޮޔަވާނެއެވެ. އަމިއްލައަށް މަރުވާނެއެވެ. ލޫޓުމާރުކުރުން ގިނަވާނެއެވެ. އިންސާނުންނަށް ވުރެ ކުރިން ޤާނޫނު މަރުވާނެއެވެ. ތަހުޒީބު މަރުވާނެއެވެ. މީސްތަކުން ހަމަ ވަގުތުން ދީނީ އުސޫލުތަކަށް އުޅެން ފަށާނެއެވެ. ނޫނީ ދީން ދޫކޮށްފައި ޖަނަވާރުތަކަކަށް ވާނެއެވެ. މި ސިއްރު ފާޅުވުމުން ވެރިވާނީ ކޮން ފަދަ އަނދިރިކަމެއް ކަމެއް އެކަކަށް ވެސް ބުނެއެއް ނުދެވޭނެއެވެ.
"ބައްޕާ!" ދަރިފުޅުގެ އަޑު އިވިފައި އޭނާ ސިހުނެވެ. "ބައްޕައަށް ޅީދަރިފުޅު ރަނގަޅުތޯ؟"
ޅީދަރިފުޅު، ފިރިހެންދަރިފުޅު، އަންހެންދަރިފުޅު، ކާފަދަރިފުޅު - އެތަކެއް އަހަރުއްސުރެ ދެމެމުން އަންނަ ސިލްސިލާއެވެ. މުސްކުޅި ދުނިޔެއަކަށް ފަހު ޒުވާން ދުނިޔެއެކެވެ. އެކަމަކު މިހާރު ހަތަރު މަހާ ހަތާވީސް ދުވަސް ފަހުން އައު ނަސްލެއް ދުނިޔެއަށް ނޭވާލައިފާނޭ ކަމުގެ ސުވާލެއް ވެސް ނުއުފެދެއެވެ. އެ މުސްކުޅި ނޭވާތަކާ އެކު އަބަދަށްޓަކައި ފަނާވެދާނެއެވެ.
އޭނާގެ ޒުވާން ދަރިފުޅުގެ މައްޗަށް އޭނާގެ ހިތުގައި ރަޙުމް އުފެދުނެވެ. މި ޒުވާންކަމަށް ދެން އޮތީ ވެސް ކިތައް ދުވަސް ހެއްޔެވެ؟ އޭނާ ހަމަ މިހާރު ކައިވެނިކުރަން ވީއެވެ. އޭނާ ދަރިފުޅު ގާތު ބުންޏެވެ.
"ރޫޕްވަތީ ވަރަށް ރަނގަޅު. ވަރަށް ރީތި. އޭނާގެ ގޭ މީހުން ހަމަ މިއަދު އޭނާގެ ކައިވެނި ކޮށްދީފާނެތަ؟"
ކާރުގެ ދުވެލި ހަމަ ކުއްލިއަކަށް މަޑުވިއެވެ. ޝަންކަރު ހައިރާންވެފައި ސުވާލުކުރިއެވެ.
"ބަ... ބައްޕަ ތިޔަ ބުނުއްވީ ކީކޭތޯ؟ މިއަދު! މިއަދު މިއޮތް ފާއިތުވީ. ބައްޕަ އެދިލައްވަނީ ހަމަ މިރޭ ރޫޕްވަތީއާ އިންނަންތޯ؟"
"އާނ، ދަރިފުޅާ! ތިމާގެ ދިރިއުޅުމަކީ އަމިއްލަ އެއްޗަކަށް ނުވޭ. ހަމަ އެންމެ ސިކުންތެއްގެ ތެރޭގައި އެއީ ހިލޭ އެއްޗަކަށް ހަދައިލާ! ދަރިފުޅަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ގައި ހޯދުނުހައި އުފަލެއް ހޯދާ!"
"ބައްޕާ! ތިޔަހަރީ ބައްޕަ ބުނުއްވާ ވާހަކަ. އެއްވެސް ކަމެއްގައި އަވަސްނުކުރާށޭ އަބަދުވެސް ބުނުއްވަމު. އަދި މީހަކާއިންނަ އިރު ކެތްތެރިކަމާއެކު ނުހަނު ބޮޑަށް ވިސްނަންވާނެއޭ ވެސް ބައްޕަ ބުނުއްވަމު. ބައްޕަ އެދިލައްވަނީ ރަނގަޅު އާއިލާއެއްގެ ކުއްޖަކު ޅީދަރިފުޅަކަށް ހަދަން ނޫންތޯ. އެކަމަކު ބައްޕަ ރުޅިނުދުރުވައްޗޭ. މިއީ އަމިއްލަ ހިތުގެ މައްސަލަ އެއް. ރޫޕްވަތީ އަޅުގަނޑުގެ ހިތް އަތުލީ. އޭނާއަކީ ބައްޕަ އެދިލައްވާ ކަހަލަ މާ މަތީ އާއިލާއެއްގެ ކުއްޖެއް ނޫން. އެކަމަކު ބައްޕައަށް ވުރެ ވެސް މަޝްހޫރު. އޭނާއަކީ އަޅުގަނޑުމެންގެ އިންޑިޔާ ފިލްމުތަކުގެ ޓޮޕް ހިރޮއިން."
ހިންމަތުރާއޯގެ ނިތްކުރިއަށް ނުރުހުމުގެ ރޫތައް އެރިއެވެ. އެކަމަކު ހަމަ ހިނދުކޮޅަކަށެވެ. ދެ ވަނަ ހިނދުކޮޅުގައި އޭނާ ހަމަޖެހިލިއެވެ.
"ރަނގަޅު. ކޮންމެ މީހަކަސް ކޮންމެ ކަހަލައަކަސް އެންމެ ރަނގަޅު. އަވަހަށް ކައިވެނިކުރޭ."
"ބައްޕާ! ތިޔަ އިންނެވީ ކިހިނެއް ވެފައިތޯ؟ ބައްޕަ މަލާމާތް ކުރައްވައިގެން އަނެއްކާ އަޅުގަނޑުގެ ރުހުމާ ދެކޮޅު ހައްދަވަނީކީ ނޫންތޯ!"
"ނޫން. ބައްޕަ މި ބުނަނީ ހަމަ ސީރިއަސްކޮށް. އެއްވެސް ފިލްމީ ހިރޮއިނެއް ޅީދަރިއަކަށް ހަދާނީ ހަމައެކަނި ސައުވީސް ގަޑި އިރުގެ ތެރޭގައި ދަރިފުޅު އޭނާއާ ކައިވެނިކުރުމުގެ ޝަރުޠުގެ މައްޗަށް."
"މައި ގޯޑް! ބައްޕަގެ ސީރިއަސްކަން ވިސްނުމަކަށް ނާދޭ. އޯވ. އާނ. ކުޑަކޮށް އެބަ ރެއަކާލާ. ބައްޕަވެސް ކައިވެންޏެއް ކުރައްވަން އުޅުއްވާ ވާހަކަ އަޑުއެހިން. ރަނގަޅު. އެއީ ހަމަ ރަނގަޅު ކަމެއް. ބައްޕަ ތިޔަހައި ވީރާނާ ދިރިއުޅުއްވުމެއް ވޭތިކުރައްވާކަށް ރަނގަޅެއް ނޫން. ބައްޕަ ތިޔަ ވިސްނަވަނީ އަޅުގަނޑުގެ ކައިވެނި އަވަހަށް ކޮށްދެއްވުމަށް ފަހު ދެން ބައްޕަގެ ކައިވެންޏާ މެދު ވިސްނަވަން، އެހެން ނޫންތޯ؟"
"ތިޔަހެން ވެގެނެއް ނޫން، ޝަންކަރު!"
"ހަމަ އެހެން ވެގެން! ބައްޕަ އަޅުގަނޑު ދެކެ ތިޔަ ލަދުގަނެލައްވަނީ އެއްވެސް ކަމަކާ ނުލައި. ދަރީން ކައިވެނީގެ މައްސަލަތަކުގައި ބައިވެރިނުކުރާން މިއީ ބައްޕަމެންގެ ޒަމާނެއް ނޫން. މިއީ އަޅުގަނޑުމެންގެ ޒަމާން. އަޅުގަނޑުމެން އަޅުގަނޑުމެންގެ މުސްކުޅިން ގާތު ބުނަނީ ބީ މެރީ އެންޑް ލާފޭ. މިއީ މޮޑަން ޒަމާން. އެއްވެސް މީހަކު އެއްޗެކޭ ހިއެއް ނުކުރާނެ. އަޅުގަނޑުމެން ދެ މީހުންނަށް ހަމަ އެއް ދުވަހަކު ކައިވެނިކުރެވިދާނެ."
"އޯވ، ޝަންކަރު! ބައްޕަ މި ބުނާ އެއްޗެއް އަހައިބަލަ! ބައްޕަ އަދި ވަކި މީހަކު ނުހޯދަން. ދަރިފުޅު މީހަކު ހޯދައިފީމު. އެހެންވީމާ އަވަހަށް ކައިވެނިކުރޭ."
"އެހައި އަވަހަށް ކީއްވެގެންތޯ؟"
"ދަރިފުޅާ! މި ދުނިޔެއަކީ ދެތިން ދުވަހެއްގެ ތަނެއް."
ތިޔައީ އަޅުގަނޑުމެން ރަސޫލު ޒަމާނުއްސުރެ އަޑު އަހަމުން އަންނަ ވާހަކައެއް."
"ޝަންކަރު! ބައްޕަ މި ދައްކަނީއަކީ ދީނީ ވާހަކައެއް ނޫން. މި ދައްކަނީ އޮބްޒަވޭޓްރީގެ މެޝިންތަކުގެ ވާހަކަ. އެ މެޝިންތައް ދުވަހަކު ވެސް ދޮގެއް ނުހަދާނެ. ބަރާބަރު ސަތޭކަ ފަންސާސް ދުވަހަށް ފަހު މި ދުނިޔެ ފަނާވާނެ."
"އޭނ؟ ހަމަ ތެދެއްތޯ؟ ނޫން ބައްޕާ! ބައްޕަގެ ތިޔަ ވާހަކަ އެއްވެސް މީހަކު ޔަގީނެއް ނުކުރާނެ!"
"ނުކުރޭ! އެކަމަކު ހުރިހައި ސައިންސުވެރިންނާއި ފަލަކިއްޔާތުގެ މާހިރުން ޔަގީންކުރާނެ. ބައްޕަ އެދޭ ގޮތަކީ ވެސް އާންމުން ޔަގީންނުކުރުން. އަދި ކޮބާ؟ އެއްވެސް މީހެއްގެ ކަންފަތާ ހަމައަށް ވެސް މި ވާހަކަ ނުދިއުން. ތިޔައީ ބައްޕަގެ ދަރިފުޅު. ބައްޕަ އެދެނީ ހަތަރު މަހާއި ހަތާވީސް ދުވަސް ވަންދެން ދަރިފުޅު ހީނ، މަޖާކޮށް ދިރިއުޅެން. ބައްޕަ ދަރިފުޅު ގާތުގައި މި ސިއްރު މި ބުނީ ދަރިފުޅު ދެކެ ވާ ލޯބިން މަޖުބޫރު ވެގެން. ޚަބަރުދާރު! ރޫޕްވަތީ ގާތު މި ވާހަކަ އެއްގޮތަކަށް ވެސް ބުނެގެން ނުވާނެ."
"ނުބުނާނަން. އެކަމަކު އަޅުގަނޑު ޔަގީންކުރުމަށް ޓަކައި ބުނުއްވަ ބައްލަވާ! ކުއްލިއަކަށް އަޅުގަނޑުމެންގެ ދުނިޔެއަށް ވާން މި އުޅެނީ ކިހިނެއްތޯ؟"
"ދުންތަރިއެއް އަހަރެމެންގެ ބިމުގައި ޖެހެން އުޅެނީ."
"ކީކޭތޯ؟ ހަމަ ރަނގަޅަށްތޯ؟ ކޮން އިރަކުންތޯ؟"
(ނުނިމޭ)