ލައިލަތުލްޤަދްރި ވިލޭރޭ

ރަމަޟާންމަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ލައިލަތުލްޤަދްރި ނަމަކަށްކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެއް އެމަހުގައި ލެއްވުން ހިމެނެއެވެ.

އެއީ މާތްﷲގެ ޙަޟްރަތުގައި ޤަދަރު މަތިވެރި ވެގެންވާ ރެއެކެވެ. އެރެއަށް މިނަން ދެއްވީ މާތްﷲ އެވެ.

އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ ކީއްވެގެންތޯއެވެ. ދަންނަ ބޭކަލުން ވިދާޅުވަނީ އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ އެއީ މާތްﷲ ހުރިހާކަމެއް މިންވަރު ކުރައްވާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ.

އެއީ ޝަރަފުވެރި މަތިވެރި ރެއަކަށްވާތީއެވެ. މިރޭ ޝަރަފުވެރި ރެއަކަށްވީ އެރޭގައި ކީރިތި ޤުރްއާންބާވާލައްވާފައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. إِنَّا أَنْزَلْنَاهُ فِى لَيْلَةُ الْقَدْر [1] - "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައި ލެއްވީމެވެ." ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. އެއަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޤުރްއާން ތަފާތު މުނާސަބާތަކާއި ޙާދިޘާތަކާ ގުޅޭގޮތުން މަޑުމަޑުން ބާވައިލައްވަމުން ގެންދެވިއެވެ. ރަސޫލުﷲގެފާނު މައްޗަށް ޤުރްއާން ބާވައިލައްވައި ނިމުނީ 23 އަހަރުގެ ތެރޭގައެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާން ކޮށްދެއްވަމުން މާތްﷲ އަންގަވަނީ އެ ރޭ ނުހިމެނޭ އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެރޭގައި އަޅުކަން ކުރުމާ އެއްވަރު ކަމެވެ. ޘަވާބާއި އަޖްރުގެ ގޮތުންނެވެ.

އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރުމަކީ 30 ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރި ކަމެކެވެ. 30 ހާސް ދުވަހަކީ 83 އަހަރާއި 4 މަސް ދުވަހެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެނަމަ މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއްފަދައެވެ.

ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އަޅުކަމުގެ ޘަވާބު މިހާ މަތިވެރި ކުރެއްވީ ކީއްވެގެން ބާވައެވެ؟ އާދެ! މިއީ އެކަމާ އަޅުގަނޑުމެން ޙައިރާން ވާންޖެހޭ ކަމެއްނޫނެވެ. އަޅުގަނޑުމެން ދުނިޔޭގައި ގެންގުޅޭ އަމިއްލަ މިންގަނޑުތަކަށް ބަލާއިރުގައި ވެސް މިއީ އަޖައިބުވާންޖެހޭ ކަމެއްނޫނެވެ. މާތްﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ.

މައްކާގެ ޙަރަމްފުޅުގައި ކުރެވޭ ކޮންމެ ނަމާދަކީ އެޙަރަމްފުޅުން ބޭރުގައި އެހެން ތަނެއްގައި ކުރެވޭ އެއްލައްކަ ނަމާދާ އެއްފަދަ ކަމެކެވެ.

މަދީނާގެ އަލްމަސްޖިދުލް ނަބަވީގައި ކުރެވޭ ނަމާދަކީ އެނޫން ތަނެއްގައި ކުރެވޭ ދިހަހާސް ނަމާދާ ޘަވާބުގެ ގޮތުން އެއްވަރު ކަމެކެވެ.

ޖަމާޢަތުގެ ނަމާދަކީ އެކަހެރިކޮށް ކުރާ ނަމާދަށްވުރެ 27 ދަރަޖަ އިތުރުވެގެންވާ ނަމާދެކެވެ.

ލައިލަތުލްޤަދްރި ވަނީ ވަންހަނާ ކުރައްވާފައެވެ. އެކަމަށް ޝަވްޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.

މާތްﷲ ވަންހަނާ ކުރައްވާފައިވަނީ ހަމައެކަނި ލައިލަތުލްޤަދްރިއެއް ނޫނެވެ. އެ ނަންފުޅެއް ބޭނުން ކޮށްގެން މާތްﷲއަށް ދުޢާ ދަންނަވައިފިނަމަ އެ ދުޢާއެއް އިޖާބަކުރައްވާނެ ކަމަށް އަންގަވާފައިވާ މާތްﷲގެ މަތިވެރި ނަންފުޅަކީ ވެސް އެނގޭ އެއްޗެއް ނޫނެވެ. އެއީ މާތްﷲއަށް އެކަލާނގެ ޛާތުފުޅަށް ކަނޑައަޅުއްވާފައިވާ ހުރިހާ ނަންފުޅުތަކުން ދުޢާ ދެންނެވުމަށް ޓަކައެވެ.

ހަމައެފަދައިން ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަގުތުކޮޅެއް ވެއެވެ. މިވަގުތުކޮޅު ވެސް ވަނީ ވަންހަނާ ކުރައްވައިފަވެ. ކީއްވެތޯއެވެ؟ ހުކުރު ދުވަހުގެ ހުރިހާ ވަގުތެއްގައި މާތްﷲއަށް ދުޢާ ދެންނެވުމަށް ޓަކައެވެ.

މާތްﷲ މިފަދަ ވަގުތުތަކާއި ކަންތައްތައް ވަންހަނާ ކުރައްވަނީ ކީއްވެތޯއެވެ. އެކަމަށް އަޅުގަނޑުމެން ޝަވްޤުވެރި ކުރެއްވުމަށް ޓަކައެވެ. މީހުންގެ ޠަބީޢަތުގައި ސިއްރުތައް ހޯދުމަށް މަސައްކަތް ކުރުމުގެ ޝަވްޤުވެރިކަން ވެއެވެ. އެ ސިއްރަކާ ހަމައަށް ދެވިއްޖެނަމަ އެކަން ހާމަނުކޮށް ބާއްވައެވެ.

ހަމައެފަދައިން މީހުންގެ ޠަބީޢަތުގައި ކަންޒުތަކާއި ޚަޒާނާތައް ހޯދުމަށް މަސައްކަތް ކުރުމުގެ އެދުންވެރިކަން ވެސް ލައްވާފައިވެއެވެ. ދުނިޔެވީ ކަންޒުތަކުން ކަންޒެއް މީހަކަށް ފެންނަނީ ވަރަށް މަދުންނެވެ. މިއާ ޚިލާފަށް އިލާހީ ކަންޒަކީ އެހިސާބަށް ދެވޭނެކަމުގެ ޔަޤީންކަން އޮތް ކަމެކެވެ. އެ މަސައްކަތް ބޭކާރެއް ނުވާނެއެވެ. މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތުގެ ތެރޭގައި އެކަމަށް މަސައްކަތް ކޮށްފިނަމަ އެކަން ޙާޞިލު ވާނެއެވެ.

އަޅުކަމުގެ ބާޒާރާއި މޫސުމަކީ ގަނެވިއްކުމުގެ ބާޒާރާ އެއްފަދަ އެއްޗެއް ނޫނެވެ. ނަމަވެސް މީހުންގެ ހިތްތަކަށް އެކަން ރަނގަޅަށް ތަޞައްވުރު ކޮށްދިނުމަށްޓަކައި އެފަދަ މިސާލެއް ބޭނުން ކޮށްލެވިދާނެއެވެ. ބާޒާރަށް އެއްޗެއް ގަންނަންވެގެން ދާމީހާ އެ އެއްޗެއް ގަތުމުގެ ކުރިން ފިހާރަތަކަށްވަދެ އެ އެއްޗެއްގެ އަގާއި ފޭރާން ރަނގަޅަށް ބަލައެވެ. އޭނާ އެންމެ ހިތްހަމަޖެހޭ އެއްޗެއް މެނުވީ ނުގަނެއެވެ. ވިޔަފާރިވެރިން ބާޒާރުތަކަށްގޮސް ބަލަނީ އެންމެ ފައިދާ ބޮޑުވާނެ މުދަލަކީ ކޮބައިތޯއެވެ؟

އާޚިރަތަށްޓަކައި މަސައްކަތްކުރާ ވިޔަފާރިވެރިން ވެސް މަސައްކަތް ކުރަންޖެހޭނީ ހަމަ މިފަދަ ގޮތަކަށެވެ. އެމީހުންވެސް ބަލަންޖެހޭނީ އެންމެ ފައިދާބޮޑު މުދަލެއް ހޯދުމަށެވެ. އަދި އެންމެ ފޭރާން ރަނގަޅު އެއްޗެއް  ގަތުމަށެވެ. އާޚިރަތަށްޓަކައި މަސައްކަތްކުރާ ވިޔަފާރިވެރިންނަށް އެއްވެސް ގެއްލުމެއް ނެތެވެ. އެމީހުންގެ ވިޔަފާރި ހުލިވެގެން ބަނގުރޫޓު ވެގެނެއް ނުދާނެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭއަކީ މަތިވެރި މޫސުމެކެވެ. މި މޫސުމުގެ ފައިދާ ލިބިގަތުމަށް އެންމެހާ މުސްލިމުން އަތުކުރި އޮޅާލަންޖެހޭ މޫސުމެކެވެ. އެ ރޭގެ ބާޒާރަކީ އެންމެހާ މުއުމިނުންނަށް ތަނަވަސް ވެގެންވާ ބާޒާރެކެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތްﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައި ގަންނަވާނެއެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. [ލައިލަތުލްޤަދްރި ވިލޭރޭ ޖިބްރީލުގެފާނު މަލާއިކަތުންގެ ޖަމާޢަތްތަކާއެކު ބިމަށް ފައިބާވަޑައިގަންނަވާނެއެވެ. އަރަހުށި މާތްﷲއަށް އަޅުކަންކުރަން ހުރި ކޮންމެ މީހަކަށާއި އަޅުކަންކުރަން އިން ކޮންމެ މީހަކަށް ހެޔޮ ދުޢާ ކޮށްދެއްވާނެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާ ވަޑައިގެންނެވުމުން އެނގެނީ މިރެއަކީ އުޑުތަކާއި ބިމުގައިވެސް މަތިވެރި ރެއެއް ކަމެވެ. މި އިޙްތިފާލުތަކުގައި ބައިވެރިނުވާނީ މާތްﷲއަށް ޝަރީކުކުރާ މީހުންނާއި އުރެދޭ މީހުންނެވެ. އެމީހުންނަކީ އެރޭގެ ހެވާއި ޘަވާބުން މާތްﷲ މަޙްރޫމް ކުރައްވާފައިވާ ބައެކެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ޞުލްޙަމަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. ޢަޛާބު ދެއްވުމެއް ނެތެވެ. އެއީ އަޅުކަމާއި އަމާންކަމުގެ ރެއެވެ. މިއަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި އޮންނާނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ [2] - "އެއީ ފަތިސްވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."

މިފަދަ އަމާން ރެއަކަށްޓަކައި އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނީ ސާފު ޠާހިރުކަމާ އެކުގައެވެ. އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް ޖައްސާލުމެއް ނެތިއެވެ. ބަދަލުހިފުމުގެ ރޫޙާ ދުރުހެލިވެ ތިބެއެވެ. މާތްﷲގެ ވަޖްހުފުޅު އަދައިގެންނެވެ.

އިސްވެދިޔަ ވާހަކަތައް ޚުލާޞާ ކޮށްލައިފިނަމަ ދެންނެވެނީ ލައިލަތުލްޤަދްރި ވިލޭރެއަކީ މަތިވެރި ޝަރަފުވެރި ރެއެކެވެ. މާތްﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިފައިވާ ރެއެކެވެ.

މިރެއަކީ އަހަރުގެ ހުރިހާކަމެއް މިންވަރު ކުރައްވާ ރެއެވެ. މާތްﷲ އަޒަލުގައި މިންވަރު ކުރައްވާފައިވާ ގޮތް މަލާއިކަތުންނަށް އެރޭގައި އަންގަވާ އެކަންތައްތައް އެގޮތަށް އެ އަހަރުގައި ތަންފީޒު ކުރުމަށް އަންގަވާނެއެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި އެ އަހަރު ވާރޭވެހޭނެ މިންވަރާއި ރިޒްޤާއި ރޯދީގެ މިންވަރާއި މަރުވާނެ މީހުންނާއި އުފަންވާނެ މީހުން ކަނޑައަޅުއްވާ އަންގަވާނީ މިރޭގައެވެ.

މިރެއަކީ ބަރަކާތްތެރި ރެއެކެވެ. މާތްﷲ އެކަލާނގެ އަޅުންނަށް މިރޭ ބަރަކާތް ލައްވާނެއެވެ. އެކަލާނގެ ރަޙްމަތް އިތުރު ކޮށްދެއްވާނެއެވެ. އެކަލާނގެ އަޅުންގެ ދުޢާތައް އިޖާބަ ކުރައްވާނެއެވެ.

މިރެއަކީ ކީރިތި ޤުރްއާން ބާވައިލެއްވި މަހުގައި ހިމެނޭ ރެއެކެވެ. މާތްﷲ ޤުރްއާން ބާވައިލެއްވީ އަޅުގަނޑުމެން އުޅެންވީ ގޮތް އެންގެވުމަށް ޓަކައެވެ. އެއީ މުސްލިމުންގެ ބަދަލުވުމެއްނެތް ޤާނޫނު އަސާސީއެވެ. މި ޤުރްއާނަކީވެސް ﷲގެ ރަޙްމަތެކެވެ.

މިރެއަކީ، އެރޭ ނުހިމެނޭ އެއްހާސް މައްސަރުގެ ހެޔޮކަން މާތްﷲ އެރޭގައި ލައްވަވާފައިވާ ރެއެކެވެ. އެރޭގައި އަދާކުރާ ކޮންމެހެޔޮކަމެއް އެތައްގުނައަކަށް އިތުރު ކޮށްދެއްވާނެއެވެ.

ލައިލަތުލް ޤަދްރި ވިލޭރޭގެ ސިފަތައް

ލައިލަތުލްޤަދްރި ވިލޭރޭގެ ޞިފަތަކާ ބެހޭގޮތުން ކީރިތި ރަސޫލާގެ ބަސްފުޅުތައް ވަރަށް ގިނައެވެ. މި ބަސްފުޅުތައް ބުނާގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ހޫނު ރެއެއް ނޫނެވެ. އަދި ފިނި ބާރު ރެއެއް ވެސް ނުމެނޫންމެއެވެ. އެއީ މެދުމިންވަރުގެ ރެއެކެވެ. އެއީ ވައިރޯޅި މަޑު އަލި ރެއެކެވެ. އެދުވަހަށް އިރުއަރާއިރު އިރުގައި ދޯއްޖެއް ނުހުންނާނެއެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަމެއް ނޭގެއެވެ. އެނގޭގޮތުގައި އެއީ ރަމަޟާން މަހުގެ ރެއެކެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެ ރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އައްސަވާށެވެ.

  1. قال رسول الله صلى الله عليه وسلم: تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ [3] - ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ވިލޭރެއެވެ.
  2. އަލްބުޚާރީއާއި މުސްލިމް ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލުންތަކަކަށް ހުވަފެންފުޅުގައި، ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ރަމަޟާންމަހުގެ އެންމެ ފަހު ހަތް ދުވަހުގެ ރޭތަކެއް ކަން ދެއްކެވުނެވެ. މިވާހަކަ ރަސޫލުﷲގެފާނަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ތިޔަ ބޭކަލުންގެ ހުވަފެންފުޅު ސީދާވެއްޖެކަމަށް ދެކެވަޑައިގަންނަވަމެވެ. ފަހެ އެރޭ ލިބިގަތުމަށް އެދޭ މީހާ ރަމަޟާންމަހުގެ އެންމެ ފަހު ހަތް ރޭގައި އެރޭ ލިބިގަތުމަށް މަސައްކަތްކުރާ ހުށިކަމެވެ.
  3. ބައެއް ބޭފުޅުން، އަމިއްލަފުޅު އިޖްތިހާދުގެ މައްޗަށް ބައްލަވާ ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށްވެސް ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ލައިލަތުލްޤަދްރި މި ދެކަލިމާގައި ވަނީ 9 އަކުރެވެ. މިދެކަލިމަ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވަނީ 3 ފަހަރުއެވެ. އެހެންކަމުން 3 x 9 = 27 އެވެ.

މީގެ އިތުރަށް އެބޭފުޅުން ވިދާޅުވާ ގޮތުގައި އަލްޤަދްރު ސޫރަތުގައި އައިސްފައިވާ ބަސްފުޅު [سَلاَمٌ هِىَ] ގައިވާ [هِىَ] އައިސްފައިވަނީ އެ ސޫރަތުގައިވާ 27 ވަނަ ކަލިމައިގައެވެ.

ކޮންމެ ގޮތެއްގައިވެސް ލައިލަތުލްޤަދްރި ވިލޭރެއަކީ މާތްﷲ ހާމަކުރައްވާފައިވާ ރެއެއް ނޫނެވެ. އެރޭވަނީ ފަހު ދިހާގައިކަން ވަރަށްގިނަ ބަސްފުޅުތަކުން އެނގެއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިކަމަށް ވެއެވެ. އަދި އެކަލޭގެފާނުވެސް ފަހު ދިހާގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ގަދައަޅުއްވާ އަޅުކަން ކުރެއްވިއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ ދުޢާކުރުން

ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަނެވޭތޯ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމުވެގެންނެވެ. އެރޭތަކުގައި ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއިން ދުޢާކުރުން ގިނަކުރުން ހުއްޓެވެ. އެއީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي [4] އެވެ. މާނައަކީ : ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބްރަސްކަލާނގެއީ މާފުކުރައް މާފު ދެއްވުމަށް ލޯބިކުރައްވާ ރަސްކަލަނގެއެވެ. ފަހެ މި އަޅާއަށް މާފު ކުރައްވަނދޭވެ!

ކީރިތި ރަސޫލާގެ ޠާހިރު ސުންނަތުން އެނގޭ ގޮތުގައި ކީރިތި ރަސޫލާ ރަމަޟާންމަހުގެ ފުރަތަމަ ދިހާގައި އިޢުތިކާފު ކުރެއްވިއެވެ. އެއަށްފަހު ދެވަނަ ދިހައިގެ ރޭތަކުގައި ވެސް އިޢުތިކާފު ކުރެއްވިއެވެ. އެއަށްފަހު ތިންވަނަ ދިހައިގެ ރޭތަކުގައިވެސް އިޢުތިކާފު ކުރެއްވިއެވެ. ލައިލަތުލްޤަދްރި ވިލޭރޭ ލިބިވަޑައި ގަންނަވާތޯއެވެ. އެކަލޭގެފާނަށް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމަށް ދެންނެވުނެވެ.


[1]  -  القدر :1

[2]  - القدر: 5

 رواه البخارى وأحمد والبيهقى - [3]

[4]-  رواه ابن ماجه وأحمد والنسائى والحاكم والبيهقى

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.