عَنْ أَبِي عُثْمَانَ، أَنَّ أَبَا هُرَيْرَةَ ،قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " شَهْرُ الصَّبْرِ وَثَلاَثَةُ أَيَّامٍ مِنْ كُلِّ شَهْرٍ صَوْمُ الدَّهْرِ " . (سنن النسائي، كتاب الصيام)
އަބޫ ޢުޘްމާނުގެ ކިބައިން ރިވާވެގެން ވެއެވެ. އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. ކެތްތެރިކަމުގެ މައްސަރާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަކީ މުޅި އަހަރު ރޯދަހިފުމެވެ. (ސުނަނުއްނަސާއީ، ޙަދީޘު: 2408)
އިސްވެދިޔަ ޙަދީޘުގައި ރަސޫލުﷲ صلى الله عليه وسلم އެވަނީ ރަމަޟާން މަހަށް ކެތްތެރިކަމުގެ މައްސަރުގެ ނަންދެއްވާފައެވެ. އަދި އައްތިރްމިޛީއާއި އިބްނު މާޖާ ރިވާކުރައްވާފައިވާ ދެ ޙަދީޘެއްގައި ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައިކަމުގައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވި ކަމަށް އައިސްފައި ވެއެވެ.
އެހެންކަމުން ރަމަޟާން މަހަކީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ މަދަރުސާއެވެ. ރޯދައަކީ ކެތްތެރިވުމަށް އާދަކޮށް، ކެތްތެރިވުމަށް ދެވޭ ތަމްރީނެވެ.
ކެތްތެރިކަމުގެ މައިގަނޑު ތިން ވައްތަރެއް ވެއެވެ. އެއީ މާތް ﷲއަށް ކަޔަމަންތެރިވުމަށް ކެތްކުރުމާއި، އެކަލާނގެ ޙަރާމްކުރެއްވި ކަންތަކުން ދުރުހެލިވުމަށް ކެތްކުރުމާއި، ޤަޟާޤަދަރުން ދިމާވާ ހިތްދަތި ކަންކަމަށް ކެތްކުރުމެވެ. މިތިން ވައްތަރުވެސް ރޯދައިގައި އެކުލެވިގެންވެއެވެ. އެހެނީ ރޯދަހިފައިގެން ހުންނަމީހާ އެހުންނަނީ މާތް ﷲއަށް ކިޔަމަންތެރިވެގެންނެވެ. އެހެން ހުންނަ ހުރުމުގައި އޭނާ އެހުންނަނީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންތަކާއި ޝަހުވާނީ އެދުންތަކުން ދުރުހެލިވެގެންނެވެ. އަދި އޭނާ ނުކައި ހުރުމުގެ ސަބަބުން ލިބޭ ބަނޑުހައި ހޫނުކަމަށާއި، ހަށިގަނޑަށް ލިބޭ ވަރުބަލިކަމަށް އޭނާ ކެތްކުރެއެވެ.
މާތް ﷲއަށް ކިޔަމަންތެރިވުމުގެ މަގުގައި ލިބޭ ވޭނަށް ކެތްތެރިވުމަކީ އެކަމަށް މާތް ﷲ ވަކިން ދަރުމަ ދެއްވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެހެނީ،އެއުރެންނަށް ޞާލިޙު ޢަމަލެއްކަމުގައިލިޔެވިގެންމެނުވީ،އެއުރެންނަށްއަނގަހިއްކުމެއް،އަދިވަރުބަލިކަމެއްވެސް،އަދިބަނޑުހައިހޫނުކަމެއްވެސް، ﷲގެމަގުގައިއެއުރެންނަކަށްނުޖެހޭނެއެވެ." (އައްތައުބާ: 120)
ރޯދަވެރިޔާ ކެތްތެރިވެ މާތް ﷲއަށްޓަކައި އޭނާގެ ކެއުމާއި، ބުއިމާއި، އެދުންތައް ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ވަކި މިންވަރެއްނެތި އޭނާއަށް ދަރުމަދެއްވާނެކަން ޤުދުސީ ޙަދީޘުން ސާބިތުވެފައި ވެއެވެ. އަދި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކެތްތެރިންނަށްއެއުރެންގެދަރުމަދެއްވާހުށިކަންކަށަވަރީ ޙިސާބެއް ނެތިއެވެ." (އައްޒުމަރު: 10)
ރަމަޟާން މަހަކީ ކެތްތެރިކަމުގެ މައްސަރަށް ވާއިރު އެމަހުގައި ހިފޭ ރޯދައަކީ އިންސާނާއަށް އަޒުމުވަރުގަދަކަމާއި، ތެދުވެރިކަމާއި، ސާބިތުކަމާއި، އުނދަގޫތަކަށް ކެތްކުރުން ދަސްކޮށްދޭ މަދަރުސާއެވެ. އެމަދަރުސާއިން ފިލާވަޅު ލިބިގަތް ކަމުގައިވާނީ މިދެންނެވި ސިފަތައް ދަސްކޮށްދޭ ރޯދަ އެންމެ ފުރިހަމަގޮތުގައި ހިފުމުންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.