ރޯދައިގެ ފިލާވަޅު 30: ހެޔޮ ޢަމަލުގެ މަތީގައި ދެމިހުރުން

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. ޢަމަލުތަކުގެ ތެރެއިން މާތް ﷲއަށް އެންމެ ލޮބުވެތިކަން ބޮޑީ، މަދުވިޔަސް، މެދުނުކެނޑި އެންމެ ގިނަ ދުވަހަަށް ދެމިގެންދާ ޢަމަލެވެ، (ޞަޙީޙު މުސްލިމް، ޙަދީޘު: 783)

ކޮންމެ އަހަރަކުވެސް މުސްލިމުންނަށް އަންނަ އަޅުކަމުގެ މޫސުން، ބަރަަކާތްތެރި ރަމަޟާން މަސް، މިއަހަރު މުސްލިމުންނާ ބައްދަލުކުރުމަށް ފަހު، ވަކިވުމުގެ ވަގުތު އައިސް މި ޖެހުނީއެވެ. މި މަހުގައި މުސްލިމުން ބުރަކޮށް އަޅުކަން ކުރިއެވެ. ރޭއަޅުކަމާއި، ދަމުނަމާދުު ކުރުމާއި، ޒިކުރުކުރުމާއި، ޤުރްއާން ކިޔަވުމުގައި ގިނަ ވަގުތު ހޭދަކުރިއެެވެ. ގިނަ ބަޔަކު މިސްކިތްތަކަށް ދިއުމުގައި އާދަޔާ ޚިލާފު ހީވާގިކަމެއް ދެއްކިއެވެ.

އެހެންނަމަވެސް، ރަމަޟާން މަސް ނިމި ޢީދުގެ އުފަލުގައި ބައިވެރިވުމަށް ފަހު، ގިނަ ބަޔަކަށް ވާ ގޮތަކީ އަޅުކަމާ މުޅިން ދުރުވެވެނީއެވެ. ފަރުޟުތައް ކިރިޔާ އަދާކޮށްލާފައި ފުއްދާލެވެނީއެވެ. ސުންނަތް ނަމާދާ، ދަމުނަމާދާ، ޤުރްއާންކިޔެވުމާ މުޅިން ދުރުވެވެނީއެވެ.

ރަސޫލުﷲ صلى الله عليه وسلم ގެ އިސްވެދިޔަ މަތިވެރި ޙަދީޘުގައި އެވަނީ އަޅުކަންކުރުމުގައި މެދު މިނެއް އިޚްތިޔާރުކުރުމަށް ދެއްވާފައިވާ މަތިވެރި އިރުޝާދެކެވެ.

ރަމަޟާން މަސް ނިމުމުން އެ މަހުގައި ކުރި ގޮތަށް އަޅުކަމުގައި ނުއުޅެވިދާނެއެވެ. އެހެންނަމަވެސް އެކަން މުޅިން ދޫކޮށްލާކަށް ނުޖެހެއެވެ. ރަމަޟާން މަހުގައި ކުރަމުން އައި ހެޔޮ ޢަމަލުގެ މަތީގައި އަނެއް ރަމަޟާން މަހާއި ހަމައަށް ދެމިހުންނަންވީއެވެ. ޤުރްއާންވެސް ވަގުތު ހޯދައިގެން ކޮންމެ ދުވަހަކު ވަކި ވަރަކަށް ކިޔަވަން ވީއެވެ. ދަމު ނަމާދުގެ މަދު ރަަކުޢަތެއް ނަމަވެސް ކަނޑައަޅައިގެން ކޮންމެ ރައަކު ކުރަންވީއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުވެސް ކޮންމެ ދުވަހަކު ކިޔަންވީއެވެ. މިއީ ބުރަކޮށް އުޅެމުންވެސް ކުރެވޭނެ މިންވަރެކެެވެ. އެ މިންވަރުގެ މަތީގައި ދެމި ހުރެވިއްޖެއްޔާ، މަދު ނަމަވެސް، ގިނަ ދުވަހަށް ދެމިގެން ދިއުމުގެ ސަބަބުން މާތް ﷲއަށް ލޮބުވެތި ޢަމަލުގެ ތެރޭގައި، އެކަލާނގެ ފަޟްލުވަންތަކަމުން، އެ ޢަމަލުތައް ހިމެނިގެން ދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.