ރަމަޟާން މަސް: ބޮޑެތި މުބާރާތްތަކުގެ މަސް

ތަޖްރިބާ ކޮށްލައްވާށެވެ! ، ބައިވެރިވެ ވަޑައިގެން އަގުހުރި އިނާމުތައް ހޯއްދަވާށެވެ ! މި މުބާރާތްތަކުގައި ވަގުތުން އިނާމު ލިބިވަޑައިގަންނަވާ މުބާރާތްތަކަކާއި ފަހަށް ރައްކައުކުރެވޭ އިނާމުތަކެއް ލިބިވަޑައިގަންނަވާ މުބާރާތްތަކެއް ވެއެވެ.

މިއީ ލާމަސީލު މުބާރާތްތަކެކެވެ. މި މުބާރާތްތައް ބޭއްވެނީ ވަރަށް އަޖައިބުވަނިވި ޖައްވެއްގެ ތެރޭގައެވެ. އާދަޔާ ޚިލާފު މާޙައުލެއްގައެވެ.ބިރުވެރިކަމެއް ، ނުތަނަވަސްކަމެއް، ނުނިޔަތްލުމެއް، މަކަރުހެދުމެއް ނެތް ވެށްޓެއްގައެވެ.

 
މުބާރާތުގައި ބައިވެރިވުމުގެ ޝަރްޠުތައް

- ބުއްދި ސަލާމަތުން ހުރި ، ބާލިޣު  މުސްލިމަކަށް ނުވަތަ މުސްލިމާއަކަށް ވުން

  • މިއީ ބައިނަލް އަޤްވާމީ މުބާރާތްތަކެކެވެ. ވަކި ޖިންސަކަށް، ވަކި މިންތިއަކަށް،ވަކި ކުލައަކަށް ވަކި ޤައުމަކަށް ބެލުމެއްނެތި ބޭއްވޭ މުބާރާތްތަކެކެވެ.
  • ޝަރްޠު ފުރިހަމަވާ ކޮންމެ މީހަކަށް އެއް މުބާރާތަށް ވުރެ ގިނަ މުބާރާތުގައި ، އަދި ކީއްތޯ! ހުރިހާ މުބާރާތްތަކެއްގައި ވެސް ބައިވެރިވެވިދާނެއެވެ.
  • މި މުބަރާތްތަކުގައި ބައިވެރި ވުމަށްޓަކައި އޭނާގެ އަތުން މާލީ މާ ބޮޑު ހޭދަތަކެއް ކުރާކަށް ނުޖެހޭނެއެވެ.ފަޤީރެއް މުއްސަންޖެއްގެ ތަފާތެއް ނެތެވެ.

ޚާއްޞަ އިމްތިޔާޒު

  • މި މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅ ކުރާ ކޮންމެ ޖަވާބަކަށް އިނާމު ލިބޭނެއެވެ. ކިތަންމެ ގިނަ ބަޔަކު މޮޅުވިޔަސް ގުރުއަތުލާކަށް ނުޖެހޭނެއެވެ.
  • މުބާރާތެއްގައި ބައިވެރި ވުމަށްޓަކައި ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. އެސް އެމް އެސް ކުރާކަށް ވެސް ނުޖެހޭނެއެވެ. އަދި ހިތްވަރުދީ ސަޕޯޓް ކުރާ ބަޔަކަށް ވެސް ބޭނުމެއް ނުވާނެއެވެ.
  • މުބާރާތުގައި ބައިވެރިވާ މީހަކަށް އެތައް އިނާމެއް ވެސް ލިބިދާނެއެވެ.
  • ކާމިޔާބުކަމާއެކު ކަޑަތުކުރާ ކޮންމެ ފިޔަވައްސަކަށް އިނާމު ކަނޑައެޅިފައި ވެއެވެ.
  • އިނާމުތަކަކީ ކޮންމެ ދުވަހަކު ވަގުތުން ލިބޭ ތަފާތު އިނަމުތަކެކެވެ.

މުބާރާތްތައް ބޭއްވޭ  ވަގުތާއި ތަން

  • ރަމަޟާން މަހުގެ ފުރަތަމަ ރެއިން ފެށިގެން މުބާރާތްތައް ކުރިއަށް ދާނެއެވެ.
  • ބައެއް މުބާރާތްތައް ރަމަޟާނާ ވިދިގެން ވެސް ކުރިއަށް ގެންދެވޭނެއެވެ.
  • ކޮންމެ މީހަކަށް އެމީހަކު އެ ވަގުތަކު ހުރި ތަނެއްގައި ހުރެގެން މުބާރާތުގައި ބައިވެރިވެވިދާނެއެވެ.
  • މުބާރާތްތައް ބޭއްވޭނީ ޚާއްޞަ ރޫޙާނީ ޖައްވެއްގެ ތެރޭގައެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި ، ޝައިޠާނުން ކަސްތޮޅު އެޅުވިގެންވާ އުފާވެރި ، އަމާން މާޙައުލެއްގައެވެ.

ފުރަތަމަ މުބާރާތް

  • ބައިވެރިވުން: ދުވާލު ރޯދަ ހިފުމާއި، ރޭގަނޑު  ޤިޔާމުކުރުމާއި،  ދުޢާކުރުން  އިތުރު ކޮށްގެން.
  • މުބާރާތް ބޭއްވޭ ވަގުތު: ރަމަޟާން މަހުގެ ދުވަސްތައް
  • ލިބޭ އިނާމު: ނަރަކައިން މުއްތި ވުން. މިއީ މުޅި ޢުމުރަށް ލިބޭ މެޑެއްޔެކެވެ.
  • އިނާމުދެވޭ ވަގުތު: ރަމަޟާން މަހުގެ ކޮންމެ ރެއަކު

ދެވަނަ މުބާރާތް

  • ބައިވެރިވުން: ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލަކުން
  • މުބާރާތް ބޭއްވޭ ވަގުތު: ރަމަޟާން މަހުގެ ދުވަސްތައް
  • ލިބޭ އިނާމު: ރަމަޟާން މަހުގައި ކުރާ ކޮންމެ ފަރްޟު ކަމަކަށް އެހެން މަސްމަހުގައި ކުރާ 70 ފަރްޟުގެ ސަވާބު . ރަމަޟާން މަހުގައި ކުރާ ކޮންމެ ސުންނަތް ކަމަކަށް އެހެނިހެން މައްސަރުތަކުގައި ކުރާ ފަރްޟު ކަމަކާ އެއްވަރު ސަވާބު
  • އިނާމުދެވޭ ވަގުތު: ރަމަޟާން މަހުގެ ކޮންމެ ދުވަހަކު

 

ތިންވަނަ މުބާރާތް

  • ބައިވެރިވުން: މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހު ރޯދަ ހިފުމާއި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުން
  • މުބާރާތް ބޭއްވޭ ވަގުތު: މުޅި ރަމަޟާން މަސް
  • ލިބޭ އިނާމު: ފާއިތުވެ ގޮސްފައިވާ ފާފަތައް ފުހެވިގެން ދިޔުން.
  • އިނާމު ލިބޭ ވަގުތު: ރަމަޟާން މަސް ހަމަ ނިމުމާއެކު.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.