
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދުނިޔެއަށް ދެއްކެވީ އިންޑިއާގެ ބިރުވެރި ސިފަކަމަށާއި މޯދީ މިފަހަރު ހޯއްދެވި ކާމިޔާބީން ވެސް ސަރަހައްދަށް ރަނގަޅެއް ނުވާނޭކަމުގައި ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޙިނާ ރައްބާނީ ވިދާޅުވެއްޖެއެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދުނިޔެއަށް ދެއްކެވީ އިންޑިއާގެ ބިރުވެރި ސިފަކަމަށް ޙިނާ ރައްބާނީ ވިދާޅުވީ އިންޑިއާގެ މުސްލިމުންނަށާއި އިންޑިއާގެ އަޅުވެތިކަމުގެދަށުގައިވާ ކަޝްމީރުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކައެވެ.
ޕާކިސްތާނު ޖިއޯ ޓީވީގައި ވާހަކަފުޅުދައްކަވަމުން ހީނާ ވިދާޅުވީ ބޮޑު ވަޒީރު މޯދީއާއި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އިން ހައްދުފަހަނަޅައިދިއުމަށް ބާރުދެއްވިކަމަށެވެ.
"މޯދީ ހައްދުފަހަނަޅައި ދިއުމުން ފައިދާ ނެންގެވި." ޙިނާ ވިދާޅުވިއެވެ."މޯދީ ހުންނެވީ ބީޖޭޕީގެ މައްޗަށް ވަރަށް ފުރިހަމައަށް ބާރުހިންގަވައިގެން."
ޙިނާ ވިދާޅުވި ގޮތުގައި އިންތިޚާބަށްފަހު އިންޑިއާއިން ކަންތައް ކުރާނެ ގޮތުގެ ވާހަކަދައްކަން އަދި ތަންކޮޅެއް އަވަސްކަމަށެވެ. ނަމަވެސް ގައުމީ މައްސަލަތަކާބެހޭގޮތުން އިންޑިއާއާ ވާހަކަދެއްކުމަކީ ޕާކިސްތާނަށް ފައިދާހުރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނު މިދިޔަ މަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ ކޮންގްރެސް ޕާޓީ ވެރިކަމަށް އައުމަށްވުރެ މޯދީއަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ ޕާކިސްތާނަށް ސުލްހައިގެ ވާހަކަދައްކަން ފަސޭހަވާނޭކަމަށެވެ. ނަމަވެސް ޢިމްރާންގެ އެވާހަކަ ގަބޫލުކުރަނީ ވަރަށް މަދުބައެކެވެ.
މޯދީގެ ވެރިކަމުގައި އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ޗައިނާއާއި އިންޑިއާގެ ގުޅުން މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އަދި މީގެ ދެމަހެއްހާ ދުވަސްކުރިން އިންޑިއާއި ޕާކިސްތާނުގެ މެދުގައި ބޮޑު ހަނގުރާމައެއް ނުފެށިދިޔައީ ހަމަކިރިއާއެވެ.