އިންޑިއާއަށް ލިބިފައިވާ ބާރާއި ފުދުންތެރިކަން އަމިއްލަ ފައިދާއަށް އެކަނި ބޭނުން ނުކުރާނެ: މޯދީ

އިންޑިއާއަށް ލިބިފައިވާ ބާރާއި ޤާބިލިއްޔަތުކަން ސަރަޙައްދީ ޤައުމުތަކުގެ ތަރައްޤީއަށް ވެސް ބޭނުން ކުރައްވާނެ ކަމަށް، އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވީ، އިންޑިއާއިން އެޤައުމަށް ލިބިފައިވާ ބާރާއި ފުދުންތެރިކަމާއި ޤާބިލީއްޔަތުކަން ބޭނުންކުރާނީ ހަމައެކަނި އެޤައުމން ގެ ސަލާމަތާއި ފުދުންތެރިކަމަށް އެކަނި ނޫންކަމަށެވެ. އޭގެ ބަދަލުގައި ސަރަޙައްދީ ޤައުމުތަކަށް ދިމާވާ ކާރިސާތަކުގައާއި، ސަލަމާތާއި ފުދުންތެރިކަމުގެ އިތުރުން އުޖާލާ މުސްތަޤްބަލަކަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މޯދީ ވިދާޅުވި ގޮތުގައި އިންޑިއާއިން ޤައުމުތަކަށް އެހީތެރިވެދެއްވަނީ، އެޤައުމުތަކަށް ނުއުފުލޭ ވަރުގެ ބުރައެއް ޖެއްސުމަށް ނޫނެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އެޤައުމަށް ލިބޭ ކުރިއެރުންތައް ދުނިޔެއާ ޙިއްސާ ކުރާ ކަމަށެވެ. މިއީ ޤައުމުތައް ބަލިކަށި ކުރުމުގެ ގޮތުން ނުވަތަ އިންޑިއާގެ މައްޗަށް ބަރޯސާ ކުރުވުމަށް ކުރާ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއްވެސް ޤައުމެއްގެ ބޮލުގައި އެޤައުމަކަށް ނުދެއްކޭ ވަރުގެ ދަރަންޏެއް ނާޅުވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މޯދީގެ ތަޤްރީރު ބޮޑަށް ބިނާކުރެއްވީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށެވެ. އެގޮތުން މިދެޤައުމަކީ ކަނޑުގެ ޒަރިއްޔާއިން ގުޅިފައިވާ އެކުވެރި ދެޤައުމުގެ ކަމަށް ވިދާޅުވިއެވެ. އެއާއެކު ޤައުމެއްގެ ކުޑަ ބޮޑުމިނަށް ނުބަލާ ސަރަޙައްދުގެ އަމަން އަމާންކަމުގެ ބިންގަލަކީ، އިތުބާރާއި ބަދަހި ގުޅުން ކަމުގައި ވިދާޅުވިއެވެ.

ދެ ޤައުމެއްގެ ގުޅުން ބިނާ ވަނީ އެޤައުމެއްގެ ސަރުކާރުގެ މައްޗަށް އެކަނި ނޫން ކަމަށާއި އެގުޅުން ރައްޔިތުންގެ މެދުގައިވެސް އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.