ބަރަކާތްތެރި ރަމަޟާން މަހަކީ ނަޞްރާއި ކާމިޔާބީގެ މަހެވެ. އޭގެ ތެރޭގައި މައްކާ ފަތަޙަ ކުރެއްވުން ހިމެނެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ ރަސޫލާއަށާއި އެ ރަސޫލާގެ އުއްމަތަށް ދެއްވި ބޮޑު ހަދިޔާއެކެވެ. މި ބަރަކާތްތެރި ކާމިޔާބީ ރަސޫލާއަށް ދެއްވީ އިސްލާމީ ރިސާލަތު ފެތުރުއްވުމަށް ޓަކައި އެ މާތް ރަސުލާއާއި މުސްލިމުން މެދުކެނޑުމެއް ނެތި ކުރި އެތައް އަހަރެއްގެ ޖިހާދާއި ދީނަށް ގޮވައިލުމުގެ ދަޢުވަތުގައި އުފުއްލެވި ބުރަތަކާއި ހޭދަކުރެއްވި ހޭދަކުރެއްވުންތަކުގެ ފޮނި މޭވާއެއްގެ ގޮތުގައެވެ. އެ ފަތަޙަ ވެގެން ދިޔައީ އެކަލޭގެފާނުގެ ދުންޔަވީ އެންމެ ފަހު މަޠާފު ކަމުގައެވެ . ރަސޫލާގެ ދަޢުވަތު މުޅި ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށް ފެތުރުމުގެ ބުރަ މަސައްކަތުގެ ފެށުން ކަމުގައި ވެސް މެއެވެ.
ސަބަބު
މައްކާ ފަތަޙަ ކުރެއްވުމުގެ ސަބަބެއް ކަމުގައި މުއައްރިޚުން ވިދާޅުވަނީ ޞުލްޙުލް ޙުދައިބިއްޔާގެ މުޢާހަދާއާ ޤުރައިޝުން ޚިލާފުވުމެވެ. ނަމަވެސް މި ފަތަޙަ ޙަޤީޤަތުގައި ފެށިފައި ވަނީ ހިޖްރައިން 5ވަނަ އަހަރުގައި ހިނގި ޚަންދަޤު ހަނގުރާމަ ނިމުމުންނެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމް މިކަން އިޢުލާން ކުރައްވައި ޙަދީސް ކުރެއްވިއެވެ. الآنَ نَغْزُوهُمْ، وَلا يَغْزُونَا - "މިއަދަށްފަހު އެބައިމީހުންނާ ހަނގުރާމަ ކުރާނީ އަހަރެމެންނެވެ. އެމީހުން އަހަރެމެންނާއެއް ނޫނެވެ.)"
ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމް މައްކާ ފަތަޙަ ކުރައްވަން ނިންމެވީ މުސްލިމުންނާ ޤުރައިޝުން ޙުދައިބިއްޔާގެ ޞުލްޙައާ ޚިލާފަށް ބަނީ ބަކްރު ވަންހައިގެ މީހުންނަށް ފައިސާއާއި މުދަލުން ވާގިވެރިވެ ޚުޒާޢަތު ވަންހައިގެ މީހުންނަށް ޢުދްވާނީ ޙަމަލާއެއް ދިނުމުންނެވެ. ޚުޒާޢަތުގެ ވަންހައިގެ މީހުން އޭރު ވަނީ އިސްލާންދީން ޤަބޫލުކޮށްފައެވެ. މިކަމާ ވިދިގެން ޚުޒާޢާތު ވަންހައިގެ ޒަޢީމު ޢަމްރު ބުނު ސާލިމު މަދީނާއަށް ވަޑައިގެން ރަސޫލާގެ އަރިހުން މަދަދަށް އެދިވަޑައިގަތެވެ.
މި ޙާދިސާއާ ވިދިގެން ވަރަށް ސިއްރު ގޮތެއްގައި މައްކާ ފަތަޙަ ކުރެއްވުމަށް ރާއްވަވަން ފެށްޓެވިއެވެ. އެކަލޭގެފަނު މި ވާހަކަ އެކަލޭގެފާނާ އެންމެ އަރިސް އަބޫބަކްރުގެފާނަކަށް ވެސް އަދި އެންމެ ލޯބިފުޅުވާ އަނބިކަނބަލުން ޢާއިޝަތުގެފާނަކަށް ވެސް ނާންގަވަތެވެ. މި ކަމަށް ޓަކައި އެކަލޭގެފާނު ދިހަ ހާސް ހަނގުރާމަވެރީންގެ ލަޝްކަރެއް ތައްޔާރުކުރައްވައި ހިޖްރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 8 ވަނަ ދުވަހު މަދީނާއިން ނުކުމެވަޑައިގަތެވެ.
މައްކާއަށް ރަސޫލާ ކުރެއްވި ދަތުރުފުޅު މަތީގައި " ވާދީ ފާޠިމާ" އޭ މިއަދު މި ކިޔާ ހިސާބުން ޢައްބާސުގެފާނާ އަބޫސުފްޔާނާ ބައްދަލުވެ ވަޑައިގެން ރަސޫލާގެ އަރިހަށް އޭނާ ގެންދެވިއެވެ. ރަސޫލާ އަބޫ ސުފްޔާނަށް އަމާންކަން ދެއްވައި އިސްލާން ވުމަށް އެންގެވުމުން އޭނާ އިސްލާންވެ ވަޑައިގަތެވެ.
އަބޫސުފްޔާނަކީ ޝަރަފަށާއި މަޤާމަށް ބޭނުންފުޅުވާ ބޭފުޅަކަށް ވާތީ ޢައްބާސުގެފާނުގެ އެދިވަޑައިގަތުމަށް އަބޫ ސުފްޔާނަށް މަތިވެރި ބާރެއް ދެއްވިއެވެ. ރަސޫލާ ޙަދީސް ކުރެއްވިއެވެ. އަބޫ ސުފްޔާނުގެ ގެޔަށް ވަން މީހަކަށް އަމާންކަން ލިބިގެން ވެއެވެ. އަލްމަސްޖިދުލްޙަރާމަށް ވަން މީހަކަށް އަމާންކަން ލިބިގެން ވެއެވެ. އެ މީހެއްގެ ގޭގެ ދޮރުލައްޕައިގެން އެތެރޭގައި ހުރި މީހަކަށް އަމާންކަން ލިބިގެން ވެއެވެ. ރަސޫލާ އެކަލޭގެފާނު ލަޝްކަރު އަބޫ ސުފްޔާނަށް ދައްކަވައިލެއްވުމަށް ފަހު އަބޫ ސުފްޔާން ފޮނުވައިލެއްވީ ހާސްކަމާއި ނުތަނަވަސްކަން މަތީގައެވެ. އަބޫސުފްޔާން މައްކާއަށް ވަޑައިގެން އެމީހުންނަށް މަނާ ނުކުރެވޭނެ ފަދަ ބޮޑު ލަޝްކަރަކާއިގެން މުޙައްމަދުގެފާނު ވަޑައިގަންނަވާ ޚަބަރު ދެއްވިއެވެ. އަދި ރަސޫލާ ދެއްވި އަމާންކަމުގެ ޚަބަރު ވެސް އެ މީހުންނަށް ދެއްވިއެވެ.
މައްކާއަށް ވަދެވަޑައިގަތުން
ރަސޫލާ މައްކާއަށް ވަދެވަޑައިގަތުމުގެ ކުރިން އެ ކަލޭގެފާނުގެ ލަޝްކަރު ހަތަރު ފައުޖަކަށް ބައްސަވައި ލެއްވިއެވެ. މި އިން ކޮންމެ ފައުޖަކަށް އިސްވާރެއް ޢައްޔަން ކުރެއްވިއެވެ.
1- ފުރަތަމަ ފައުޖުގެ އިސްވާރަކީ އައްޒުބައިރު ބުނުލް ޢައްވާމެވެ. އެ ކަލޭގެފާނަށް އެންގެވީ މައްކާގެ އުސް ފަރާތުން ވަދެވަޑައިގަތުމަށެވެ.
2- ދެވަނަ ފައުޖުގެ އިސްވާރަކީ ޚަލިދު ބުނުލް ވަލީދެވެ. އެ ކަލޭގެފާނަށް އެންގެވީ މައްކާގެ ތިރި ފަރާތުން ވަދެވަޑައިގަތުމަށެވެ.
3- ތިންވަނަ ފައުޖުގެ އިސްވާރަކީ އަބޫ ޢުބައިދަތު ބުނުލް ޖައްރާޙެވެ. އެ ކަލޭގެފާނަށް އެންގެވީ އިރުމަތީ ފަރާތުން މައްކާއަށް ވަދެވަޑައިގަތުމަށެވެ.
4- ހަތަރުވަނަ ފައުޖުގެ އިސްވާރަކީ ޤައިސް ބުނު ސަޢުދު ބުނު ޢުބާދަތެވެ. އެކަލޭގެފަނަށް އެންގެވީ މައްކާއަށް އަނެއް ފަރާތުން ވަދެވަޑައިގަތުމަށެވެ.
މި ހުރިހާ ފައުޖުތަކެއް ވެސް މައްކާއަށް ވަދެފައި ވަނީ އެއްވެސް ކުރިމަތިލުމަކާ ނުލައެވެ.
މައްކާ ފަތަޙަ ކުރުން
އިސްލާމީ ތާރީޚުގައި މައްކާ ފަތަޙަވުމުގެ އަހައްމިއްޔަތާއި އެއިން އަޅުގަނޑުމެން މުސްލިމުން ޙާޞިލު ކުރަން ޖެހޭ އިބްރަތްތެރި ފިލާވަޅުތަކެއް ވެއެވެ. މި މަތިވެރި މުނާސަބަތުގައި ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމް އަޅުއްވައިދެއްވި އުޞުލުތަކަކާއި އަސާސުތަކެއް ވެއެވެ.
1- މައްކާ ފަތަޙަކުރެއްވުމުގެ ސަބަބުން މައްކާ ޝިރްކުގެ ނުބައިކަމުން އަބަދުގެއަބަދަށް ޠާހިރުވެ ސާފުވެގެން ދިޔުން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމް މައްކާއަށް ވަދެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ގެފުޅަށް ވަދެވަޑައިގެން އެތާނގައިހުރި 360 ވަރަކަށް ބުދު ތަޅައިލައްވައި އެ އެއްޗެހިތައް އެ މާތް ޙަރަމްފުޅުން ބޭރަށް ނެރުއްވުމެވެ. އެ ބުދުތައް ތަޅުއްވަމުން ގެންދެވިއިރު ވިދާޅުވަމުން ގެންދެވީ އަލްއިސްރާއު ސޫރަތުގެ 81 ވަނަ އާޔަތެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا - "އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ." އަދި ސަބައު ސޫރަތުގެ 49 ވަނަ އާޔަތެވެ. قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ - "ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި إعادة އެއްވެސް ނުމެކުރެވޭނެމެއެވެ." އެއަށްފަހު ރަސޫލާގެ އަމުރުފުޅަށް ބިލާލުގެފާނު ގެފުޅު މައްޗަށް އަރައި ވަޑައިގެން ބަންގި ދެއްވިއެވެ. ބަންގީގެ ކަލިމަތަކުން މުޅި މައްކާ ގުގުމައިގެން ދިޔައީ ޝިރްކާއި ޚުރާފާތުގެ ޒަމާން ނިމިއްޖެ ކަމުގެ އިޢުލާނުންނެވެ.ތާހީދާއި ނޫރުގެ އަލިކަމުގެ ޒަމާން އަލުން މައްކާއަށް އަތުވެއްޖެ ކަމުގެ ހެޔޮ ޚަބަރުންނެވެ.
2- މައްކާ ފަތަޙަ ކުރެއްވުމުގެ ސަބަބުން މައްކާގެ ނިކަމެތި މުސްލިމުންގެ މައްޗަށާއި، އިސްލާންވުމަށް އެދި ތިބި ނިކަމެތީންގެ ކަނދުރާތަކުގެ މައްޗަށް ކާފިރުން އުފުލާފައި ހުރި ކަނޑިތައް ތިރިކުރަން މަޖްބޫރުވެގެން ދިޔައެވެ. މި ފަތަޙައިގެ ސަބަބުން އެމީހުންނަށް އެއްވެސް ބިރަކާއިނުލައި އިސްލާންދީނަށް ވަދެވުނެވެ.
3- ޢަރަބި ޤަބީލާތަކުގެ މައްޗަށް ޤުރައިޝުން ވެރިކޮށްފައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން ނެތިގެން ދިޔައެވެ. އެ ޤަބީލާތައް އިސްލާންދީން ޤަބޫލުނުކޮށް މަޑުޖައްސާލައިގެން އޮތީ ޤުރައިޝުންގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކުގެ ނަތީޖާއަށްވ ބަލާށެވެ.އަލްއިމާމުލް ބުޚާރީ ރިވާކުރެއްވި ޙަދީސެއްގައި ވެއެވެ. "ޢަރަބިން ތިބީ މި ފަތަޙައިގެ އިންތިޒާރުގައެވެ. އެމީހުން ބުނީ: މަޑުކުރާށެވެ! އެމީހުންގެ މައްޗަށް އެކަލޭގެފާނު ފާޅުކުރައްވައިފިނަމަ އެކަލޭގެފާނަކީ ތެދުވެރި ނަބިއްޔެކެވެ." މިހެންވެ މައްކާ ފަތަޙަ ވުމުން ޢަރަބި ޤަބީލާތައް އިސްލާންދީނަށް ވަނުމަށް އަވަސްވެ ގަތެވެ.
4- މި ބަރަކާތްތެރި ނަޞްރުގެ ސަބަބުން މުއުމިނުންގެ އީމާންތެރިކަން އިތުރުވެ ހަރުދަނާވެގެން ދިޔައެވެ. އެބައިމީހުންނަށް މައްކާއަށް ވަދެވޭނެކަމުގެ ހެޔޮ ޚަބަރު މާތް ﷲ ވަނީ ދެއްވައިފައެވެ. މައްކާ ފަތަޙަވެ ﷲގެ މި ވަޢުދު ޙަޤީޤަތަކަށް ވުމުން މުސްލިމުންނަށް ރަސޫލާގެ ޒަޢާމަތާމެދު އޮތް އިތުބާރު އިތުރުވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢަލާ ވަޙީ ކުރެއްވިއެވެ. لَّقَدْ صَدَقَ اللَّـهُ رَسُولَهُ الرُّؤْيَا بِالْحَقِّ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّـهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا - "ހަމަކަށަވަރުން، اللَّه، އެކަލާނގެ رسول އާއަށް ހުވަފެންފުޅު ސީދާކުރައްވައި، حق ގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަަ ތިޔަބައިމީހުން أمان ކަމާއެކުގައި، حرمة ތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حال ގައި، އަދި ކުރުކޮށް ކޮށާ حال ގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتح އެއް އެކަލާނގެ ދެއްވާހުށްޓެވެ."
5- މައްކާ ފަތަޙަވުމުގެ ސަބަބުން މުސްލިމުންނަށް ގެފުޅު ޙިމާޔަތްކުރުމާއި ގެފުޅަށް ޚިދްމަތްކުރުމުގެ ޝަރަފު ލިބިގެން ދިޔައެވެ. މި ކަމުގެ ސަބަބުން އަރަބންގެ ގާތުގައި ޤުރައިޝުންނަށް ލިބިފައި އޮތް އިސްވާރީ މަޤާމު މުސްލިމުންނަށް ލިބިގެން ދިޔައެވެ.
6- މައްކާ ފަތަޙަ ވުމުގެ ސަބަބުން ޢަރަބި ކަރައިގައި އޮތް ޝިރްކާއި ކުފްރުގެ މަރްކަޒުތަކަށް ވަރުގަދަ ބިންހެލުމެއް އައިސް ބަލިކަށިވެގެން ދިޔައެވެ. މި ފަތަޙައިގެ ސަބަބުން ކުފްރުގެ އިސް ބޯތައް އާރެއް ބާރެއް ނެތި ހަނގުރާމައިގެ މައިދާނަށް ހާސާވެގެން ދިޔައެވެ. ޘަޤީފާއި ހަވާޒިން ފަދަ ބޮޑެތި ޤަބީލާތަކުގެ ޤަދަރު ޢަރަބީންގެ ތެރޭގައި ވެއްޓިގެން ދިޔައެވެ. ދެތިން ބުރެއްގެ ތެރޭގައި މުޅި ޢަރަބިކަރަ އިސްލާމީ ދިދައިގެ ދަށަށް އައެވެ. މުޅި އަރަބިކަރަ އިސްލާންދީނުގެ ބިމަކަށްވެ މުޅި ދުނިޔެއަށް އެ ދީން ފެތުރުމަށް ޓަކައި އުދުއްސައިގަތުމުގެ މަގު ހުޅުވިގެން ދިޔައެވެ.
7- މައްކާ ފަތަޙަ ކުރެއްވުމަށްފަހު ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމް މައްކާގެ މީހުންނަށް ދެއްވި ދީލަތި މާފަކީ އެކަލޭގެފާނު މުޅި ދުނިޔެއަށް ދެއްކެވި އޯގާވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. މައްކާގެ މުޝްރިކުން ރަސޫލާ ޞައްލަﷲ ޢަލައހި ވަސައްލަމް އަވަހާރަކޮށްލުމަށް ރޭވުމާ ވިދިގެން އެ ކަލޭގެފާނު ރެފިޔުޖީއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނަށް ވަނީ އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބިން ދޫކޮށްލައްވަން މަޖްބޫރުކޮށްފައެވެ. އެއަށް ފަހުގައި ވެސް އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަޞްޙާބުންނަށާ މުސްލިމުންނަށް ތަފާތު ގޮތްގޮތަށް ގޯނާ ކުރުމާއި ދުއްތުރާ ކުރުން ހުއްޓައެއް ނުލައެވެ. އެހެންކަމުން މައްކާގެ މުޝްރިކުން ތިބީ ބިރުން ތުރުތުރު އަޅައަޅައެވެ. ބަދަލު ހިއްޕެވުމުގެ ޢަމަލެއް ހިންގަވައިފާނެތީއެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންނަށް ދެއްވީ ދީލަތި މާފެކެވެ. އެކަލޭގެފާނު ވިދާޅުވީ "ތިޔަބައިމީހުން ބޭނުން ތާކަށް ދާށެވެ! ތިޔަބައިމީހުންނަކީ މިނިވަނުންނީމުއެވެ!" މި ދީމިޤްރާޠީ ޒަމާނުގައި ، ޖެނީވާ މުޢާހަދާގެ ޒަމާނުގައި، އިންސާނީ ޙައްޤުތަކުގެ ޝިޢާރުތައް އުފުލާ ޒަމާނުގައި މިފަދަ ނަމޫނާއެއް ނުފެނެއެވެ. މިއަދު ދުނިޔޭގެ އެތަންމިތާނގައި ހިނގަމުންދާ ތަފާތު ކަންތައްތަކުގައި ބޮޑެތި ބާރުތަކުން ޢަމަލު ކުރަމުން ދަނީ މިގޮތަށްތޯއެވެ؟ ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިނާމެދު އެމެރިކާއިން ޢަމަލުކޮށްފައި ވަނީ ކިހިނަކުންތޯއެވެ.؟ ޢިރާޤު ފަދަ ބިންތަކުން ހައްޔަރުކޮށްގެން ގުވަންޓިނަމޯ ބޭހަށް ގެންގޮސް އެމީހުންނާމެދު މުޢާމަލާތު ކުރިގޮތާ ލޮބުވެތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހު އަމަލު ކުރެއްވި ގޮތް ކިހާ ތަފާތުތޯއެވެ؟ މަތްﷲ ވަޙީ ކުރެއްވިއެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ - އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."
8- މައްކާ ފަތަޙަވުމުގެ ސަބަބުން އިސްލާމީ ދައުލަތަށް އޭގެ ޅަފަތުގައި ބޭނުންވާ އަމާންކަމާއި ހަމަޖެހުން ލިބިގެން ދިޔައެވެ.
9- ހަނގުރާމައިގެ ވަގުތުތަކުގައްޔާއި ޞުލްޙައިގެ ވަގުތުތަކުގައި ވެސް ދުޝްމަނުން ބިރުގަންނަފަދަ ބާރަކާއެކު މުސްލިމުން އަބަދުވެސް ތައްޔާރަށް ތިބެން ޖެހޭނެކަން މި ނަޞްރުން އެނގެއެވެ. މާތް ﷲ މުސްލިމުންނަށް އަންގަވާފައިވެއެވެ. وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّـهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ - "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ."
10- އިސްލާންދީނަކީ އޯގާވެރިކަމާއި ސުލްޙަމަސަލަސްކަމުގެ ދީނެވެ. އެހެނަސް އެއީ ބާރުވެރިކަމުގެ ދީނެވެ. އެއީ ޢަމަލީ ދީނެކެވެ. މީސްތަކުންނާއެކު އެ ދީން މުޢާމަލާތު ކުރަނީ އިންސާނީ ފިޠުރަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީސްތަކުންގެ ޠަބީޢަތުގައި ޙަސަދަވެރިކަމާއި އިދިކީލިކަން ހުންނާނެތީ ބާރަކާއެކު އަބަދު ވެސް ތައްޔާރުވެގެން އޮތުމަށް އެ ދީން މުސްލިމުންނަށް ގޮވައިލައެވެ. އެކަމަކު މި ބާރަކީ ޢުދްވާނީ ބާރެއް ނޫނެވެ. އެހެނެއްކަމަކު އެއި އަމިއްލަ ނަފްސުގެ ދިފާޢުގައި ބޭނުން ކުރުމަށް އޮތް ބާރެކެވެ. މިއީ އިންސާނީ ޙައްޤުތައް މިއަދު ގޮވައިލާ ކަމެކެވެ. އަދުގެ ދުނިޔޭގައި މުސްލިމުންނަށް މިއީ ވަރަށް މުހިއްމު ކަމެކެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ނިރުބަވެރިކަމެއް ހިނގައިފިނަމަ އޭގެ ފޫޅު ކަނޑައިލެވެނީ އިސްލާންދީނަށެވެ. އެކަމަކު އެހެން ދީންތަކުގެ މީހަކު މި ފަދަ ކަމެއް ކުރިޔަސް އެމީހާގެ ދީނަކަށް މި ކަމެއް ނިސްބަތެއް ނުކުރެތެވެ.
11- އިސްލާންދީން ގޮވައިލަނީ ޞުލްޙައަށެވެ. އެ ދީނަކީ ޞުލްޙައިގެ ދީނެވެ. މުސްލިމުން އިސްވެ އެއްވެސް ހަނގުރާމައެއް ކޮށްފައެއް ނުވެއެވެ. އެއީ ޙަޤީޤަތްކަމުގައި ވިޔަސް ސަލާމާއި ޞުލްޙަ ރައްކައުތެރި ކުރާނެ ބާރަކަށް ބޭނުން ވާނެއެވެ. ޞުލްޙައަށް އޮތް އެންމެ ބޮޑު ޖާމިނު ވުމަކީ ބާރެވެ. މިއަދުގެ ނިޔުކްލިޔަރ ސިޔާސަތުން މި ކަން ދަނީ ފާހަގަ ހާމަވަމުންނެވެ.