މިޒަމާނުގެ ބޭސްވެރިކަމާ ގުޅިފައިވާ ރޯދަގެއްލޭ ކަމަށް ބެލެވިދާ ކަންތައްތައް

ރޯދައަށް ހުރުމަކީ، اللَّهُ އަށް ކިޔަމަންގަތުމުގެގޮތުން އަޅުކަމެއް އަދާކުރުމުގެ ނިޔަތުގައި، ފަޖުރުލީއްސުރެ އަނެއް ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާނދެން، ރޯދަގެއްލޭ އެންމެހައި ކަމަކުން އެއްކިބާވެ ހުރުމެވެ. ކުރީޒަމާނުގައި އެ ކަންކަން ފެންނާންނެތް، ރޯދައަށްހުރި މީހަކު އެ ކަމެއް ކުރުމުން ރޯދަ ގެއްލޭނެކަމަށް ބެލެވޭ ކަންތައްތަކެއް މި ޒަމާނުގެ ބޭސްވެރިކަމާގުޅިގެން ވަނީ ކުރިމަތިވެފައެވެ. މި ދެންނެވުނުފަދަ ކަންތައްތަކާމެދު މި ޒަމާނުގެ ޢިލްމުވެރިން ގިނަގުނަ ދިރާސާތައް ކުރައްވަމުން ގެންދަވައެވެ.

ރާބިޠަތުލް ޢާލަމިލް އިސްލާމީ، ނުވަތަ މުސްލިމު ވޯލްޑް ލީގްގެ ދަށުގައި މަސައްކަތްކުރާ [މުޖައްމަޢުލް ފިޤްހުލްއިސްލާމީ އައްދުވަލީ] ނުވަތަ އިންޓަރނޭޝަނަލް އިސްލާމިކް ފިޤްހު އެކަޑަމީ އާއި، އެނޫންވެސް އެތަކެއް މުއައްސަސާތަކުގައި ޢިލްމުވެރިން ގެންދަވަނީ އަލަށް ކުރިމަތިވަމުންދާ ތަފާތު މައްސަލަތަކާމެދު ފިޤުހީގޮތުން ދިރާސާކުރައްވަމުންނެވެ. އިންޓަރނޭޝަނަލް އިސްލާމިކް ފިޤްހުއެކަޑަމީއަކީ އެ މުއައްސަސާގައި މިއަދު އިސްލާމީ ދުނިޔޭގައި ތިއްބެވި އެންމެ މަތީފެންވަރުގެ ފިޤުހު ޢިލްމުވެރިންނާއި، މެޑިކަލް ޑޮކްޓަރުންނާއި، ސައިންޓިސްޓުންނާއި އެނޫންވެސް ތަފާތު ފަންތީގެ ގިނަ ޢިލްމުވެރިން ޝާމިލުވެ ވަޑައިގަންނަވާ އިދާރާއެކެވެ.

އަލަށް ކުރިމަތިވާ ފިޤްހީ މައްސަލަތަކާއި އެ ނޫންވެސް ތަފާތު މައްސަލަތަކުގައި މި ދެންނެވި ޢިލްމުވެރިން ދިރާސާކުރައްވަމުން ގެންދަވަނީ، ކީރިތި ޤުރްއާނާއި، ރަސޫލު اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތާއި، އިސްލާމީ އުއްމަތުގެ ކުރީގެ ޢިލްމުވެރިން އެކިއެކި މައްސަލަތަކާ މެދުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުގެ އަލީގައެވެ.

ރަމަޟާންމަހު ރޯދައަށް ހުރި މީހަކު ބަލިވެ، ރޯދަ ފުރިހަމަކުރުމަށް ޢުޛުރުވެރިވާ ޙާލަތުގައި، ނުވަތަ ބަލިވެއުޅޭ މީހުން ރޯދައަށްހުރުމަށް ޢުޛުރުވެރިވާނަމަ ރޯދަ ދޫކޮށްލައި، ރަމަޟާންމަހުން ރޯދަ ދޫކޮށްލި ދުވަސްތަކުގެ ރޯދަ އަނެއް އަހަރުގެ ރަމަޟާންމަސް އައުމުގެކުރިން ޤަޟާކުރުމަށް اللَّهُ ތަޢާލާވަނީ ހުއްދަ ދެއްވާފައެވެ. މިއީ އެންމެން ދަންނަކަމެކެވެ.

اللَّهُ ވަޙީކުރައްވާފައިވެއެވެ. {شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ} (1)  މާނައީ: {ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ)އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. اللَّهُ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު  ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّهُ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ.}

މީހަކު ރޯދައަށްހުއްޓައި ކުއްލިއަކަށް ދިމާވާ އުނދަގުލެއް ޙައްލުވެއްޖެނަމަ، ޞިއްޙަތު ސަލާމަތުންހުރި އާދައިގެ މީހެކޭ އެއްގޮތަށް އެ މީހަކަށް ވެސް ރޯދަ ފުރިހަމަކޮށްލެވިދާފަދަ ވަސީލަތްތައް މިއަދުގެ ބޭސްވެރިކަމުގައިވަނީ އީޖާދު ކުރެވިފައެވެ. މިފަދަ ވަސީލަތްތަކުގެތެރޭގައި، ރޯދައަށްހުރެ ވެންޓޮލިން އިންހޭލަރ ބޭނުންކުރުމާއި، ރޯދައަށްހުރެ ދޫ ދަށުގައި ބޭސްގުޅައެއް ބޭއްވުން، ރޯދައަށްހުރެ އެންޑޮސްކޮޕީ ހެއްދުމާއި، ރޯދައަށްހުރެ ނޭފަތަށް ބޭހެއް ތިކިޖެއްސުން، ރޯދައަށްހުރެ އޮކްސިޖަން ގުޅުމާއި، ރޯދައަށްހުރެ ނޭފަތަށް ބޭހެއް ސްޕްރޭކުރުންފަދަ މައްސަލަ ތަކަކީ، މިޒަމާނުގެ ބޭސްވެރިކަމާގުޅިގެން އުފެދިފައިވާ ކަންކަމެވެ. މިބާވަތުގެ ކަންކަމަކީ، ރޯދަ ގެއްލޭނެ ކަމެއްތޯ ނުވަތަ އެއީ ރޯދައަށް އެއްވެސް އަސަރެއްކޮށްފާނެ ކަމެއްނޫންތޯ ސުވާލުއުފެދޭފަދަ ކަންތައްތަކެކެވެ.

އިސްލާމީ ފިޤްހު އެކެޑަމީތަކުގައި ނޫނަސް މުސްލިމު ޢިލްމުވެރިން ގެންދަވަނީ މިފަދަ މައްސަލަތައް ދިރާސާކުރައްވައި، އެ މައްޗަށް ލިޔުއްވަމުންނެވެ. މިދެންނެވިފަދަ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްފޮތުގެތެރޭގައި އިންޓަރނޭޝަނަލް އިސްލާމިކް ފިޤްހު އެކަޑަމީގެ މެންބަރެއް ކަމުގައިވާ، ޑޮކްޓަރ ޙައްސާނު ވަޞްފީ ޝަމްސީބާޝާ ލިޔުއްވާފައިވާ، “مَن يَصُومُ وَمَن يُفطِرُ فِي رَمَضَانَ” މި ނަންކިޔުނު ފޮތާއި، އިންޓަރނޭޝަނަލް އިސްލާމިކް ފިޤްހުއެކަޑަމީގެ މެންބަރެއްކަމުގައިވާ، ޑޮކްޓަރ މުޙައްމަދު ޖަބަރު އަލްއަލްފީ، ލިޔުއްވާފައިވާ مُفَطِّرَاُت الصَّائِمِ فِي ضَوءِ الْمُسْتَجَدَّاتِ الطِّبِّيَّةِ” މި ނަންކިޔުނު ފޮތާއި، ސަޢޫދީޢަރަބިއްޔާގެ އަލްޤަޞީމުގެ ޢިލްމުވެރިޔަކު ކަމުގައިވާ ޑޮކްޓަރ އަޙްމަދު ބުނު މުޙައްމަދު އަލްޚަލީލު ލިޔުއްވާފައިވާ، “مُفَطِّرَاتُ الصِّيَامِ الْمُعَاصَرَةِ”  މި ނަންކިޔުނު ފޮތާއި، ޔަމަނުގެ ޢިލްމުވެރިޔަކުކަމުގައިވާ ޑޮކްޓަރ ޢަބްދުއްރައްޒާޤު ބުނު ޢަބްދު اللَّهِ އަލްކިންދީ ލިޔުއްވާފައިވާ “الْمُفَطِّرَاتُ الطَّبِيَّةِ الْمُعَاصَرَةِ” މި ނަންކިޔުނު ފޮތް ފާހަގަކޮށްލަމެވެ.

މި ދެންނެވުނު ފޮތްފޮތުގެތެރެއިން ޑޮކްޓަރ އަޙްމަދު ބުނު މުޙައްމަދު އަލްޚަލީލު ލިޔުއްވާފައިވާ، “مُفَطِّرَاتُ الصِّيَامِ الْمُعَاصَرَةِ”  މި ނަންކިޔުނު ފޮތަކީ، ކުރީގެ ޢިލްމުވެރިންނާއި މިހާރުގެ ޢިލްމުވެރިންނަށް ޙަވާލާދެއްވައި، އެކަމަކު މައްސަލަތައް ވަރަށް ކުރުކޮށް، ބަޔާންކުރައްވާއިވާ ފޮތެކެވެ. އެއާޚިލާފަށް ޑޮކްޓަރ ޢަބްދުއްރައްޒާޤު ބުނު ޢަބްދު اللَّهِ އަލްކިންދީ ލިޔުއްވާފައިވާ “الْمُفَطِّرَاتُ الطَّبِيَّةِ الْمُعَاصَرَةِ” މި ފޮތަކީ، މިޒަމާނުގެ ބޭސްވެރިކަމުގެ ގިނަ ތަފްޞީލުތައް ބަޔާންކުރެއްވުމާއެކު، ކުރިއާއި ފަހުގެ ޢިލްމުވެރިންނަށް ޙަވާލާދެއްވައި، ވަރަށް ތަފްޞީލުކޮށް ލިޔުއްވާފައިވާ ފޮތެކެވެ. މި ދެ ބޭފުޅުންގެ ފޮތް ޚާއްޞަވާ އެންމެ މުހިއްމުކަމަކީ، އެ މައްސަލައަކާ ގުޅިގެން އިންޓަރނޭޝަނަލް އިސްލާމިކް ފިޤްހު އެކަޑަމީ، ނުވަތަ [މުޖައްމަޢުލް ފިޤްހުލްއިސްލާމީ އައްދުވަލީ] ގެ ނިންމުން ހުށަހަޅުއްވާފައިވުމެވެ. މިއީ އެ މައްސަލައަކާމެދުގައި މިޒަމާނުގެ ފިޤުހު ޢިލްމުވެރިންގެ އަޣުލަބިއްޔަތު ނުވަތަ ޢިލްމުވެރިންގެ މެޖޯރިޓީ އޮތްގޮތް ދެނެގަތުން ފަސޭހަވާ ކަމެކެވެ.

ނޭވާއަށް އުނދަގޫކުރާ މީހުންނާއި، ހިތުގެ ބައެއްކަހަލަ ބަލި މީހުންފަދަ މީހުންނަކީ، ޢާއްމުގޮތެއްގައި ރޯދަހިފުމަށް ޢުޛުރުވެރިވާފަދަ ބަލި މީހުންނެއްނޫނެވެ. އެފަދަ މީހުންނަކީ ރަމަޟާންމަސް ނޫނަސް، ބަލީގެ އުނދަގޫ ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެ ބަޔެކެވެ. اللَّهُގެ ރަޙުމަތްފުޅާއެކު، މި ޒަމާނުގެ ބޭސްވެރިކަމުގައި ހޯދިފައިވާ ފަރުވާއަކީ، ބަލިމީހާއަށް ކުއްލިއަކަށް ކުރިމަތިވާ އުނދަގޫތައް އެއްފަރާތް ކޮށްލުމަށް ވަރަށް ފަސޭހަ، ފަރުވާއެކެވެ. އެހެންކަމާއެކު ރަމަޟާންމަހުގެ ރޯދަފަދަ މުހިއްމު އަޅުކަމެއް އަދާކުރަމުން ދާއިރު މި ދެންނެވިފަދަ [ބަލި] މީހުންނަށް މި މައްސަލަތައް އެނގިފައިވުން މުހިއްމު ކަމެއްކަމުގައި ޤަބޫލުކުރެވޭތީ، اللَّهُގެ ވާގިފުޅާއެކު ކުރިޔަށްއޮތް ދުވަސްތަކުގައި މި މައުޟޫޢުގައި ޢިލްމުވެރިން ލިޔުއްވާފައިވާއެއްޗެއް ހާމަކޮށްލެވޭތޯ މަސައްކަތް ކުރާނަމެވެ.

اللَّهُތަޢާލާ އަޅަމެންނަށް ހެޔޮގޮތުގައި ރަމަޟާންމަހުގެ ރޯދަހިފުމުގެ ތައުފީޤުދެއްވާށިއެވެ. އަދި އޭގެ ސަބަބުން އަޅަމެންގެ އިސްވެދިޔަ ފާފަތައް ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް އަޅަމެންނަށް ލިބިދެއްވާށިއެވެ. އާމީން!!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.