ހެއްވާ: ހިތްވަރުގަދަ ބައްޕަ

ފަހުދުގެ ގެއަކީ ރަށުގެ އާބާދީ ހުސްވާ ހިސާބުގައި ހުރި ގެއެކެވެ. އެ ގޭގައި އުޅެނީ އޭނާގެ އިތުރަށް އޭނާގެ ބައްޕަ އާއި މަންމަ އާއި ދައްތަ އާއި ކޮއްކޮއެކެވެ. އާބާދީ ހުސްވާ ހިސާބުގައި ހުރި ގެއެކޭ ދެންނެވީމާ އެ ގެޔާ ކައިރީގައި އެހެން ގެއެއް ހުރެދާނެއޭ ހިތްޕުޅަށް އަރައިފާނެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އެ ގޭގެ އަލި ފޯރާ ފަށުގައިވެސް ގެއެއް ނުހުރެއެވެ. މި ގެއަކީ ފަހުދުގެ ބައްޕައަށް ލިބުނު ގޯއްޗެއްގައި އެޅި ގެއެކެވެ. އެ ހިސާބުގައި އެ ނޫނަސް ގޯތި އެބަ ހުއްޓެވެ. އެކަމަކު އެއިން ގޯއްޗެއްގައި ގެއެއް އަޅާނޭ މީހަކު ނުވެއެވެ. 

ރަށުގެ އެ ހިސާބަކީ ވަރަށް ނާމާން ހިސާބެއް ކަމަށް ގިނަ މީހުން ބުނެއެވެ. ފަހުދަށް ނުވަތަ އެ ގޭގެ މީހަކަށް ބިރުވެރި ކަމެއް ނުފެނުނު ކަމުގައި ވިޔަސް އެ ހިސާބުން ހަންޑި، ފުރޭތަ ފެނިގެން މޮޔަ ވެފައި ތިބި މީހުންވެސް އެ ރަށުގައި އެބަ އުޅެއެވެ.

ފަހުދު ގިނަ ރޭރޭ ނިދަނީ މެންދަމުން އަލިވާ ފަހުންނެވެ. އޭނާއަކީ ރަށުގެ އަނެއް ކޮޅުގައި ހުންނަ ޗާޕު ކުރާ ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އެ ތަނަކީ ރެޔާ ދުވާލު މަސައްކަތް ކުރާ ތަނެކެވެ. އެހެންވީމާ ގިނަ ރޭރޭ ގެއަށް އާދެވެނީ ވަރަށް ދަން ވެފައި ހުއްޓައެވެ.

އެއް ރެއަކު ފަހުދަށް ގެއަށް އާދެވުނީ ތިނެއްވެސް ޖެހި ފަހުންނެވެ. ގެއަށް ވަދެ ހެދުން ބަދަލު ކޮށްލައިގެން އެނދުގައި އޮށޯވެއްޖެއެވެ. ނިދެމުން ދިޔަ ވަގުތު ކުއްލިއަކަށް އިވުނު އަޑަކުން ނިދި މުޅީން ފިލައިފިއެވެ. ކޮންމެވެސް އެއްޗެއް ގޭގެ ބިތުގައި ވަކި އަޅަނީއެވެ. ފަހުދަކީ ފުރޭތަ އާއި ހަންޑީގެ ވާހަކަ މާ ބޮޑަށް ގަބޫލު ކުރާ މީހަކަށް ނުވާތީ އެ ޚިޔާލެއް ހިތަކަށް ނުވަދެއެވެ. ތެދުވެގެން އެ އަޑެއް އިވޭ ދިމާއަށް ގޮސް ބަލައިލިއެވެ. އެކަމަކު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އޭރުވެސް އެ އަޑެއް ހަމަ އެ އިވޭ ވަރަކަށް އިވިއިވި ހުއްޓެވެ.

ފަހުދުގެ ހިތަށް ކޮންމެވެސް ވަރަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އަވަހަށް ގޮސް ބައްޕަ އަށް ގޮވައި ނަގައިފިއެވެ. ބައްޕަވެސް އައިސް ހޯދައި ބަލައިފިއެވެ. އެއްވެސް އެއްޗެއް ނުފެނުނެވެ. މާ ގިނަ އިރުތަކެއް ނުވެ ގޭގެ އެންމެން ހޭލައިފިއެވެ. ގޭތެރެ ދިއްލައި އަޅައިފިއެވެ. އެންމެން އެއް އެނދަކަށް އަރައި ގުޅައަކަށް ތިބީއެވެ. ބައްޕަގެ އެންގުމުގެ މަތީން އެންމެން އެކީ ޔާސީން ސޫރަތް ކިޔަވާން ފަށައިފިއެވެ. އެކަމަކު އަ އަޑެއް ނުކެނޑެއެވެ.

ފަތިސް ނަމާދަށް ގޮވީ އެހެން ތިއްބައެވެ. ބަންގި ގޮވިތާ ވިއްސަކަށް މިނިޓު ފަހުން މީހަކު ގޭގެ ދޮރުގައި ޓަކި ޖަހައިފިއެވެ. ބައްޕަ ބިރުން ހުރެ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ބައްޕަ މަހަށްދާ ދޯނީގެ ފަޅުވެރިއެކެވެ. މަހަށް ދާން ބައްޕައަށް ގޮވީއެވެ.

"ޖާބިރު- މި ގޭ ދޮށުގައި މި އޮތީ ކޮންހާ ކަކުންޏެއް-؟" އޭނާ އަހައިލިއެވެ.

ބައްޕަ ޙައިރާން ވެފައި އޭނާގެ މޫނަށް ބަލައިލިއެވެ. އަދި އޭނާ އިޝާރާތް ކުރި ދިމާއަށް ކަޅި ހިންގައިލިއެވެ. ގޭތެރޭގައި ދެތިން ކަކުނި އޮތެވެ. އެ މީހުންނަށް މި އިވުނު އަޑަކީ އެ ކަކުނިތައް ނުކުންނާން ވެގެން ދޮރުގައި ވަކި އަޅާ އަޑެވެ.

ބައްޕަ ހީނލާފައި ބުންޏެވެ. "އަހަރެމެން މި އުޅެނީ ތިޔަ އެއްޗެހި ނެރެން ވެގެން- މި ދައްކާ ވާހަކައަކީ ހަމަ ތިޔަ ވާހަކަ-"

ފަހުދު ހިނިތުން ވެލިއެވެ. ހިތަށް އެރިއެވެ. ހިތްވަރަކީ މި ކަހަލަ އެއްޗެކެވެ. ނުރައްކަލަކާ ކުރިމަތިވީމާ ހަމަކުން ވައިދާހެން ހިތްވަރު ގޮސް ހުސް ވެދެއެވެ. އެ ނުރައްކަލެއް ބޯ މަތީން ކައްސައިލީމާ ތީސްމާރުޚާނަށް ވެދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.