އެޕްރީލްމަހު މީރާއަށް 1.31 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ހުސްވި އެޕްރީލްމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.31 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

މިރާއިން ވިދާޅުވީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 12.6 ޕަސެންޓް އިތުރު ޢަދަދެއް ކަމަށެވެ. މިދިޔަ އަރަށް ވުރެ މިއަހަރު މި ޢަދަދު އިތުރުވި ސަބަބެއް ކަމަށް މީރާއިން ވިދާޅުވެފައި ވަނީ ޓެކްސް ދައްކާ ފަރާތްތަކުން ކުރިން ނުދައްކައިހުރި ޓެކްސް ފައިސާ މިފަހަރު ދެއްކުމެވެ.

މިއީ ކުރިން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރު ޢަދަދެކެވެ. އެޕްރީލް މަހު ލިބޭނެ ކަމަށް ކުރިން އަންޒާކޮށްފައިވާ ޢަދަދަށްވުރެ ގިނައިން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީއާއި ޖީއެސްޓީ ބީޕީޓީ އަދި ރިސޯޓު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ވެސް ދައްކަންޖެހި ނުދައްކައިހުރި ފައިސާ ދެއްކުމުން ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

އެޕްރީލްމަހު އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި 875.69 މިލިއަން ރުފިޔާވަނީ ލިބިފައެވެ. ދެވަނައަށް ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއި 83.6 މިލިއަންރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 70.13 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 69.72 މިލިއަން ރުފިޔާއެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 135.88 މިލިއަން ރުފިޔާއެވެ. މިފައިސާގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.