ރޯވިން ދިރުވުމުގައި ވަރުބަލި ކަމެއްނެތް

ރާއްޖެއަށް ރޯވިން ތަޢާރަފްވީ 2011 ވަނަ އަހަރު ގދ. ތިނަދޫއިންނެވެ. އެހެންނަމަވެސް އެރަށުގައި އެކަން އެންމެ އެދެވޭ ގޮތުގައި ހނގައިނުގަތެވެ. ތަފާތު ސަބަބުތަކާ ހެދިއެވެ. އެހެން ކަމުން އެ ސެޓަޕް އައްޑޫސިޓީއަށް ބަދަލުކުރިއެވެ.

އައްޑޫސިޓޫގައި ރޯވިން ތަރައްޤީކޮށް ރާއްޖެއަށް ފުޅާ ކުރުމުގެ ބުރަ މަސްއޫލިއްޔަތު މިހާރު އުފުލަމުން ގެންދަވަނީ ރޯވިން އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަޙުމަދު ޙަބީބެވެ. ސ. ހިތަދުއަށް އުފަން އަޙުމަދު ހަބީބު ވިދާޅުވީ ރޯވިންއަކީ ރާއްޖޭގައި ދިރުވޭނެ ކުޅިވަރެއް ކަމަށެވެ. ރާއްޖެއިން ބޭރުގައި ބޭއްވި ބައިނަލްއަޤުވާމީ މުބާރާތެއްގައި ބައިވެރިވެ ރޯވިން އެސޯސިއޭޝަނުން ވަނީ ތިންވަނަ ވެސް ހޯދައިފައެވެ. އެއީ މިހާތަނަށް އެ އެސޯސިއޭޝަނަށް ލިބުނު އެންމެބޮޑު ކާމިޔާބީއެވެ.

ޙަބީބު ވިދާޅުވީ ރޯވިން އެސޯސިއޭޝަނަކީ ކުރިން ޖަމްޢިއްޔާގެ ގޮތުގައި ހިންގި ތަނެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އެތަން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ކަމަށެވެ. ރޯވިންގެ ދުނީޔޭގައި މިހާރު ރާއްޖޭގެ ނަންކިޔައެވެ. އެކިއެކި ކަންކަމުގައި ރާއްޖޭގެ ބަސް ވެސް އަޑުއަހައެވެ. މިއީ ވެސް ކުޑަ ކުރިއެރުމެއް ނޫނެވެ.

ހަބީބު ވިދާޅުވީ މިއީ ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖަށް މުހިންމު ކުޅިވަރެއް ކަމަށެވެ. ވަށައިގެން ކަނޑާއި ފަޅު އޮތުމުން މިކުޅިވަރަށް ފަރިތަ ޒުވާނުން އުފެދެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހީންނަކީ ޒަމާނުއްސުރެ ކަނޑަ ފަރިތަ ކަނޑުގެ އަހުލުންނެވެ. އެހެންވީމާ އެ ހިތްވަރުން ހިތްވަރު ލިބިގަނެ ރޯވިންގެ ތެރެއަށް ކުދިން ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯވިން ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވޮލަންޓިއަރ ކޯޗުންނެތުމެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަނުންވަނީ ބައިނަލް އަގުވާމީ ފެންވަރުގެ ދިވެހި ކޯޗުން ވެސް އުފައްދައިފައެވެ. "ބައިނަލް އަގުވާމީ ފެންވަރުގެ ކޯޗުން ވެސް މި އެސޯސިއޭޝަނުންވަނީ އުފައްދައިފައި. އެހެންނަމަވެސް ކުދިން ގޮވައިގެން ވޮލަންޓިއަރ ކޮށްގެން މޫދަށް އެރޭނެ ކޯޗެއްނެތް. މިއީ ޙައްލެއް ބޭނުންވާ ކަމެއް. އޭރުން ވަރަށް ރަނގަޅަށް އެސޯސިއޭޝަން ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ. "ހިލޭ ސާބަހަށް ކިހިނެއްތޯ ހަފްތާއަކު ހަ ދުވަހު ދުވާލަކު 4 ގަޑިއިރު މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވިއެވެ.

މިހާރު ދުނިޔޭގެ ފެންވަރުގެ ކޯޗުން ދޭތެރެދޭތެރެއިން ރާއްޖެއަށް އައިސް ކޯޗު ކޮށްދެއެވެ. ވަރަށްފަހުން ވެސް ދުނިޔޭގެ ރޯވިން ޗެމްޕިއަނަކު ވަނީ ރާއްޖެއައިސް 18 ދުވަހުގެ ތަމްރީންތަކެއް ކުދިންނަށް ދީފައި ކަމަށް ހަބީބު ވިދާޅުވިއެވެ. އިތުރު ކޯޗުން އަދިވެސް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބުގެ އިސްނެންގެވުހެ މަތީން އޯޕަންޑޭ ތަކެއް ވެސް ރޯވިން އެސޯސިއޭޝަނުން ބާއްވައެވެ. ބޭނުމަކީ އެކަމަށް މީހުންގެ ހިތްތަކުގައި ޝައުވެރިކަން އުފެއްދެވުމެވެ. ވަރަށް އަވަހަށް އެފަދަ އޯޕަންޑޭއެއް ބާއްވަން ރޯވިން އެސޯސީއޭޝަނުން ގެންދަވަނީ ތައްޔާރުވަމުންނެވެ.

ޙަބީބު ވިދާޅުވީ ރާއްޖޭގައި ރޯވިން ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތައް ފަސްޖެހުމެއްނެތި ކުރައްވާނެ ކަމަށެވެ. އެކަން ތަރައްގީ ކުރުމަށް ބޭރުގެ އެހީއާއި މަދު ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މިހާރު ރޯވިންގެ ޚިދުމަތުގައި. ފާއިތުވި ހައެއްކަ އަހަރުގައި ވެސް އަޅުގަނޑު ހުރީ ޚިދުމަތުގައި،" ހަބީބު ވިދާޅުވިއެވެ. އޭނާއަށް މުސްތަގުބަލް ވެސް ފެންނަނީ ވަރަށް ސާފުކޮށެވެ. އެއްވެސް ފުސްކަމެއްނެތެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.