އދ. އިން އިސްނަގައިގެން ވެވުނު އެއްބަސްވުމުއްގެ ދަށުން ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ޙުދައިދާ ޕްރޮވިންސުގެ ތިން ބަނދަރަކުން ފައިބަން ނިންމައިފިއެވެ. އެއީ ޙުދައިދާ ބަނދަރުގެ އިތުރުން ރާސް އީސާއާއި ސަލީފު ބަނދަރެވެ. މިއީ އެތައް މަހެއް ކުރިން އެކުލަވާލެވުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަމަލުކުރަން ނުފެށި އޮތް އެއްބަސްވުމެކެވެ.
މަންޒަރުދުށް މީހުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި އދ. ގެ ބެލުމުގެ ދަށުން ޙޫޠީ ހަނގުރާމަވެރިން މިހާރު ދަނީ ރާސް އީސައާއި ސަލީފު ބަނދަރުން ފައިބަމުންނެވެ.
ޙޫޘީން މިއަދު ބުނެފައިވަނީ ސުވިޑަންގައި އެކުލަވާލެވުނު އެއްބަސްވުމާ އެއްގޮތަށް ޔަމަނު ސަރުކާރުން އަމަލުނުކުރި ނަމަވެސް، އެމީހުންގެ ހަނގުރާމަވެރިން ޙުދައިދާގެ ތިން ބަނދަރުން ފައިބައި އެހެން ތަންތަނަށް ބަދަލުވާނެ ކަމުގައެވެ.
ޙޫތީންގެ ސުޕްރީމް ރިވޮލިއުޝަނަރީ ކައުންސިލްގެ ރައީސު މުޙައްމަދު ޢަލީ އަލްޙޫޘީ މިއަދު ހެނދުނުކުރި ޓްވީޓެއްގައި ބުނެފައި ވަނީ "އެއް ފަރާތުން އަމަލުކުރާ" އެއްބަސްވުމުގެ ދަށުން ޙޫޘީން މިއަދު ހެނދުނު 10 އިން ފެށިގެން (ރާއްޖޭ ގަޑިން މެންދުރު 12 އިން ފެށިގެން) އެ ތިން ބަނދަރުން ފައިބަން ފަށާނެ ކަމުގައެވެ.
ފާއިތުވި އަހަރު ޑިސެންބަރު މަހު ސުވިޑަން ގައި އދ. ގެ ބެލުމުގެ ދަށުން އެކުލަވާލެވުނު އެއްބަސްވުމުގައި ޔަމަނުގެ ސަރުކާރާއި ޙޫޘިން އެއްބަސްވެފައި ވަނީ، އިންސާނީ އެހީ ޔަމަނަށް އެތެރެކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޙުދައިދާގެ ބަނދަރުތަކުން ލަޝްކަރުތައް ބާލާށެވެ.
މި އެއްބަސްވުމުށް ޙޫޘީން މިއަދު އަމަލުކުރަން ފަށާފައިވާއިރު، އެކަމަށް 4 ދުވަސް ނަގާނެކަމަށް ބެލެވެއެވެ.
ޔަމަނުގެ ސަރުކާރާއީ، ޙޫޘީ ހަނގުރާމަވެރިންނާ ދެމެދު ހިނގާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 6800 މީހުން މަރުވެ، 10700 މީހުން ޒަޚަމްވެފައިވާ ކަމަށް އދ. އިން އަންދާޒާކުރެއެވެ. މީގެ އިތުރަށް ހަނގުރާމަ ގުޅުން ހުރި އެހެން ސަބަބުތައް މެދުވެރިވެގެން އެތައް ހާސް ބަޔަކު މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން މަރުވެފައިވާ ކުޑަކުދިންނެވެ.
އދ. ގެ ރިޑިޕްލޯއިމަންޓް ކޯޑިނޭޝަން ކޮމިޓީ ގެ ބަޔާނެއްގަވާ ގޮތުން ޙޫޘީން މިއަދު ޙުދައިދާގެ އިތުރުން ސަލީފާއި ރާސް އީސާ ބަނދަރުން ފައިބަން ފަށާނެއެވެ. ސަލީފު ބަނދަރު ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޭންކުރާއިރު ރާސް އީސާ ބަނދަރު ބޭނުންކުރަނީ ތެޔޮ އެތެރެކުރުމަށެވެ. ޙުދައިދާއަކީ އާއްމުކޮށް ހުރިހާ ބާވަތެއްގެ މުދާ އެތެރެކުރުމަށް ބޭނުންކުރެވޭ ބަނދަރެކެވެ.
ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޙުދައިދާގެ ބަނދަރަކީ ޔަމަނަށް އެތެރެކުރާ މުދަލުގެ %70 އެތެރެވާ ބަނދަރެވެ. އެހެންކަމުން، އެ ބަނދަރު ހުޅުވުން ވެގެން ދާނީ ކާބޯތަކެއްޗަށް ޖެހިފައި ތިބި އެތައް މިލިއަން ބަޔަކަށް ލިބޭ އުއްމީދަކަށެވެ.
މިވަގުތު ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ސިފަކޮށްފައިވާ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 3.3 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި 24.1 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ އިންސާނީ އެހީދޭ ޖަމާއަތްތަކުންނެވެ.