ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގެންފައިވާ ސްރީލަންކާގެ 4 މަސް ބޯޓާއި އޭގެ ފަޅުވެރިން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމަވައިފި ކަމަށް ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާޖަޕަކްސާއާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
މިއަހަރުގެ ފެބުރުއަރީ މަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލަންކާގެ 4 ބޯޓެއް ވަނީ އަތުލައިގެންފައެވެ. އެ ބޯޓުފަހަރު އަތުލައިގެންފައިވަނީ ހއ. ކެލާގެ ބޭރުންނެވެ.
ރާއްޖޭގައި މިވަގުތު އޮތް ލަންކާގެ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އަތުލައިގެންފައިވަނީ މިއަހަރު ފެބުރުއަރީ މަހު 28 ވަނަ ދުވަހު 5:50 ގައެވެ. އެއީ ރޮސާ ކުސުމް ނަމަކަށް ކިޔާބޯޓެވެ. ދެވަނަ ބޯޓު އަތުލައިގެންފައިވަނީ ހަމަ އެދުވަހު އިރުއޮއްސި 6:50 ގައެވެ. އެއީ ނިތުކާ ޕުޓާ ނަމަކަށް ކިޔާ ބޯޓެވެ. ތިން ވަނަ ބޯޓު އަތުލައިގެންފައިވަނީ މާރިޗު މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ޕިޖަނީ ސެނެހާ 2 ނަމަކަށް ކިޔާ ބޯޓެވެ. 4 ވަނަ ބޯޓު ވެސް އަތުލައިގެންފައިވަނީ މާރިޗު 1 ގައެވެ. އެއީ ޑިލާރާ ޑުވާ ނަމަކަށް ކިޔާ ބޯޓެކެވެ.
މި ބޯޓުފަހަރުގެ ކެޕްޓަނުން ބަންދު ކޮށްފައިވަނީ މާރިޗުމަހުގެ 4 ވަނަ ދުވަހުއެވެ. މާރިޗު ފަސް ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފައެވެ.
ރާޖަޕަކްސާގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ލަންކާގައި ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ފޮނުވައިފައިވާ ކަމަށް ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރ ޝާހީދު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ރާޖަޕަކްސާގެ އިތުރަށް، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާއި، ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ރައީސް ޗަމަލް ރާޖަޕަކްސާއާ ވެސް ބައްދަލު ކުރައްވައިފިއެވެ.