ސްރީލަންކާގައި ތިބި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ޕީޕީއެމް އިން ސަރުކާރަށް ގޮވާލައިފި

ސްރީލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފިޔަވަޅުތައް އަވަސް ކުރުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަވަށްޓެރި ސްރީލަންކާ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު، ޤައުމުގެ ޙާލަތު ބަދަލުވެ، ހިނގަމުންދާ ހަމަނުޖެހުންތަކާއި މެދު އެ ކޯލިޝަންގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތުން ބަލާ، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މިޙާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް އެފަދަ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ބަދަލުވަމުންދާ ޙާލާތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އެޤައުމުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް އެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ކޯލިޝަނުން އިތުރަށް ބުނީ ސްރީލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ބޭނުން ހިފާ، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ޤައުމުގެ ޙާލަތު ޢާންމު ޙާލަތަކަށް ބަދަލުވެގެން ދިއުމަކީ އެކޯލިޝަނާއި ދިވެހި އެންމެހާ ރައްޔިތުންގެ އުންމީދު ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.