ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވާ ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން، ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށާއި، ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމްގެ އައު ބައްދަލުވުމެއް މިރޭ ކުރިއަށްގެންދަވައިފިއެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާގުޅިގެން ގެނެސްދޭ މި ފޯރަމްގައި މިރޭގެ ބައްދަލުވުމުގައި 3 ވަޒީރަކު ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އަދި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، އެ ވުޒާރާތަކުގެ އަދާހަމަ ހިއްސާކުރައްވާ، ރައްޔިތުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތެވެ.
2 ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދެވޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވޭއިރު، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލައެވެ. މިގޮތުން، މިރޭގެ ބައްދަލުވުމުގައިވެސް، މިވަގުތު ހުރި ކަންބޮޑުވުންތަކާއި އެނޫންވެސް އެކި ދާއިރާތަކުން އާންމުންގެ ގިނަ ސުވާލުތަކެއް ވަޒީރުންނާ އަމާޒުކުރިއެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް، ވަޒީރުން ވަނީ ތަފްސީލީ ގޮތެއްގައި އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، "އަހާ" ފޯރަމް ތަޢާރަފުކުރެއްވީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދަވާފައެވެ. މިއީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.
