ނޮވެމްބަރު ތިނެއްގެ ބާޣީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހައްޔަރު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދީފިއެވެ.
1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ބަޔަކު ގެނެސް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތާ ގުޅިގެން ޢުމުރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންދިޔަ، ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް ފިލައިގެން އުޅޭތީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާކަން އެފަރާތުން ހާމަކުރީ މިރެއެވެ.
ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ބަޔަކާއެކު ރާއްޖެ އައިސް ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއްނެތް އެތައް ބަޔަކު މަރުވެފައިވާތީ ދައުލަތުން ދަޢުވާކޮށް ޢުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނިކޮށް، 2011 ވަނައަހަރު ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ފިލައިގެން އުޅޭތީ ޢަބްދުﷲ ލުޠުފީ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައި ވާތީކަމަށް ފުލުހުން ބުނެއެވެ.
ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށްކަމަށްބުނެ ލުޠުފީ ސްރީލަންކާއަށް ފޮނުވާލުމުން އޭނާ ވަނީ ފިލާފައެވެ. އޭނާ މިހާރުވެސް ދިރިއުޅެނީ ނަންއޮޅުވާލައިގެން ސްރީލަންކާގައިކަމަށް ޚަބަރުލިބެއެވެ.