އެ ބިރުވެރި ނޮވެމްބަރު ތިނެއްގައި އަޅުގަނޑު

ބައްލަވާބޭފުޅުންގެ ވައަތްފަރާތުގައި މުޙައްމަދު ނަޒީރު. އޭނާޔާ ޖެހިގެން ކަނާތްފަރާތުގައި މުޙައްމަދު ޢާޞިފް، ފޮޓޯގެ ކަނާތްފަރާތުން ދެވަނައަށް މުޙައްމަދު ޝަމީމް

އެދުވަސްކޮޅު އަޅުގަނޑު ހުރީ އަޅުގަނޑުމެންނަށް ލިބުނު ސްކޯލަރޝިޕް އެއް ފުރިހަމަ ކުރަން ސަރަންދީބުގެ ވެރިރަށް ކޮޅުނބުގައެވެ. އަޅުގަނޑާއެކު މި ކޯހުގައި ބައިވެރިވާ އިތުރު ދެ މުވައްޒަފުންނާ އެކުގައެވެ. މި ސަރަހައްދުގެ އެކި ގައުމުތަކުން މި ކޯހުގައި ބައިވެރިވިއެވެ. އަޅުގަނޑުމެން ތިބީ ގޯލްފޭސްއާ ކުރިމަތިވާ ގޮތަށް ހުންނަ ހޮޓަލެއް ކަމުގައިވާ ތާޖް ސަމުދްރާ ގައެވެ. އެއީ 1988 ވަނަ އަހަރެވެ.

ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އަށް އަޅުގަނޑުމެން ބަލައި ކުޑަ ބަހެއްގައި އަންނާނެއެވެ. ކިޔެވުން އޮންނަނީ ރޫޕަވާހިނީގެ ޓީވީ ޓްރޭނިންގ ސެންޓަރުގައެވެ.

އެހެން ދުވަސްތަކަކޭ އެއްފަދައިން ނޮވެންބަރު 3 ވަނަދުވަހުވެސް ކިޔަވަން ހިނގައްޖައީމެވެ. ކިޔަވަން ހަމަ ފެށުނުތަނާ އަޅުގަނޑުމެންނަށް އެދުވަހު ކިޔަވައިދެއްވާ ލެކްޗަރަރ އަޅުގަނޑުމެން ތިން ދިވެހީންނާ މުޚާތަބު ކުރައްވައި ބުނުއްވިއެވެ. "ދިވެހި ރާއްޖެއަކީ ވަރަށް އަމާން ތަނެކޭ ބުނަމެއްނޫން ހެއްޔެވެ. އެކަމަކު އެހެނެއް ނުވިއެއް ނޫންހެއްޔެވެ."

އަޅުގަނޑުމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެންމެންނަށް އެކުގައިހެން އަހައިލެވުނެވެ. "ކިހިނެއް ވީތޯއެވެ" ޖަވާބުގައި އިންސްޓްރަކްޓަރ ބުނުއްވީ "މިހާރު މިއީ ކިޔަވާ ގަޑިއެވެ. ކިޔެވުން ނިމިގެން ކިޔައިދޭނަމެވެ." އަޅުގަނޑުމެންނަށް އެދުވަހު ފިލާވަޅަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ތިބެވުނީ ހާސްކަމެއްގެ ތެރޭގައެވެ. ވެގެން އުޅޭގޮތެއް ނޭނގެއެވެ.

އެދުވަހުގެ ހެނދުނު ދަންފަޅީގެ ކިޔެވުން ނިމުނީ 12 ޖެހިއިރުއެވެ. މެންދުރުފަހު ދަންފަޅީގައިވެސް ކިޔެވުން އޮންނާތީ މެންދުރު އަޅުގަނޑުމެން ހޮޓަލަކަށް ނާންނަމެވެ. އާންމުކޮށް ކެއުން އޮންނަނީ ރޫޕަވާހިނީގެ ކެފެޓޭރިޔާ އެއްގައެވެ.

އަޅުގަނޑުމެން ތިން ދިވެހީން މެންދުރު ބުފޭ އިން ތަށްޓައް އެއްޗެހި އަޅައިގެން ހަތަރު މީހުންގެ ޖާގައިގެ މޭޒެއްގެ ކައިރީގައި އިށީނދެއްޖައީމެވެ. އެވަގުތު އަޅުގަނޑުމެންގެ ލެކްޗަރަރ ވެސް އަޅުގަނޑުމެން ކައިރީގައި ހުރި ހުސްގޮނޑީގައި އިށީންނަވާފައި ބުނުއްވިއެވެ. "މާލެއަށް ޓެރަރިސްޓުން ތަކެއް އަރައި ސިފައިންގެއަށް ހަމަލާ ދީފިއެވެ. ދުއިސައްތައެއްހައި މީހުން މަރާލައިފިއެވެ. ރައީސްވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ." އެއީ އެދުވަހު އަޅުގަނޑުމެންނަށް ޚަބަރު ލިބުނު ގޮތެވެ. ވަރަށް ހާސްވިއެވެ. އޭރު އަޅުގަނޑުމެން އަދި ކާކަށް ނުފަށަމެވެ. އަޅުގަނޑުމެންގެ އެކަކަށްވެސް އެދުވަހު ނުކެވުނެވެ. މާލޭގައިވާ އަޅުގަނޑުމެންގެ އާއިލާގެ ހާލު ނޭނގޭތީއެވެ. މިކަމާ ގުޅިގެން މެންދުރުފަހު ދަންފަޅީގެ ކިޔެވުންވެސް ކެންސަލް ކޮށްލައިފިއެވެ. އަޅުގަނޑުމެން އަވަސް އަވަހަށް ހޮޓަލަށް ދިޔައީއެވެ.

ހޮޓަލަށް ގޮސް އަވަސްވެގަތީ މާލެއަށް ގުޅޭތޯއެވެ. މިކަންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެތައް އިރެއް ވަންދެން މިކަމުގައި އުޅެން ޖެހުނެވެ. އެންމެފަހުން ގުޅޭގޮތްވީ އެރޭ އެގާރަޖެހި ފަހުންނެވެ. އެންމެންގެ އާއިލާއާ ވާހަކަ ދައްކާލާ ހާލު ރަނގަޅުކަން އެނގުމުން ހިތްހަމަޖެހުމެއް ލިބުނެވެ. އަޅުގަނޑުމެން ތިބީ ހެނދުނު ސައިބުއި ގޮތަށެވެ. ހައިހޫނު ކަމުގެ އިހުސާސްވީ އެހިސާބުންނެވެ.

ތިންމީހުން އެއް ކޮޓަރިއަކަށް އައިސް، ރޫމް ސަރވިސްއާ ގުޅައިގެން ބޮޑު ޕާނެއް ގެނުވައިގެން އެރޭ ކެއީ ޕާނާ ދަޅުމަހާއެވެ. އަޅުގަނޑުމެން ދިޔައީ މާލޭން މަސްދަޅު ހިފައިގެންނެވެ. އެއަށްފަހު އެކި ގޮތްގޮތުން ޚަބަރު ލިބޭތޯ ބެލީއެވެ. ޓީވީ އާއި ރޭޑިއޯ އާއި ނޫސްތަކުންނެވެ. ޚަބަރުތައް ހުންނަނީ ހަގީގަތަށްވުރެ ބޮޑުކޮށްފައެވެ. ފުރަތަމަލިބުނު ނޫހުގައިވެސް ދުއިސައްތަ މީހުން މަރާލިކަމަށް ލިޔެފައި އޮތެވެ. ފަހުން އަސްލު އަދަދުތައް އެނގެން ފެށިއެވެ.

ކޯސް ނިންމާފައި އަޅުގަނޑުމެންނަށް މާލެ އާދެވުނީ ނޮވެންބަރުމަހު 25 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.