ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ އޭގެ ޒާތުގައި ހުތުުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.
ރައީސް ވިދާޅުވީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފަައިވާ ފަރުދީ އަދ އިޖްތިމާއީ ވާޖިބެއް ކަމުގައެވެ. ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް، ދެ އަތް އުރާލައިގެން ތިބޭ ޒުވާނުން ރާއްޖޭގައި ތިބިކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެ ގެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މަސައްކަތްތެރީންގެ ދުވަހެއް ފާހަގަކުރާއިރު، ޒުވާނުން ދިރިއުޅުމުގެ ޒިއްމާތައް އަމިއްލަ އަށް އުފުލުމުގެ މުހިއްމުކަން ގަބޫލުކޮށް ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް އަޒުމް ކަނޑައަޅަން ޖެހެއެވެ. ބިދޭސީން ކުރަމުންދާ މަސައްކަތާއި ހަވާލުވުމަކީ އިގްތިސާދީ ގޮތުން ގައުމަށް ކުރިއެރުން ލިބޭނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު މަދުކުރެވޭނެ ކަމެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރީންގެ ދުވަހެއް ފާހަގަ ކުރާއިރު އެދުވަހަކީ މަސައްކަތްތެރީން ގައުމަށްޓަކައި ކޮށްދެމުން އަންނަ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކޮށް އެމީހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން ޖެހޭ ދުވަހެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"... މަސައްކަތްތެރީންނަކީ މި ގައުމުގެ ކުރިއެރުމާއި ތަރައްގީގެ ސަރަކައެވެ. ގައުމީ އާމްދަނީ އުފަންވެގެން އަންނަނީ މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ ތެރެއިންނެވެ. ގައުމުގެ އިގްތިސާދު ދިރިގެން އަންނަނީ މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިންނެވެ. އެހެންކަމުން މިއީ ގައުމަށްޓަކައި އެމީޙުން ކޮށްދެމުން އަންނަ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކޮށް އެމީހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން ޖެހޭ ދުވަހެވެ." ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތެރީންގެ ދުވަހެއް ފާހަގަކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވައިލަމުން ރައީސް ވިދާޅުވީ، "މިފަދަ ދުވަހެއްގެ އެންމެ މުހިއްމު ބޭނުމަކީ މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި އެ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމާއި އަ ހައްގުތަކާއި މިނިވަންކަމުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުން" ކަމަށެވެ.