
ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަރމަންޓް މިނިސްޓަރ އަޙުމަދު މަޙުލޫފުގެ ސަސްޕެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުވާލައްވައިފިއެވެ.
އެމަނިކުފާނު މަޤާމުން ސަސްޕެންޝަން ކުރެއްވީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުއްވި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓްގައި މަޙުލޫފްގެ ނަން އޮތުމުންނެވެ. އެ ރިޕޯޓުގައި އެމަނިކުފާނުގެ ނަން ހިމަނާފައިވަނީ އެސްއޯއެފް ކުންފުނިން ޑޮލަރު ގަތް މީހުންގެ ލިސްޓު ގައެވެ. އެހެންނަމަވެސް މިނިސްޓަރ މަޙުލޫފް އޭރުވެސް ވިދާޅުވީ އެމަނިކުފާނު އެސްއޯއެފް އާއެކު ހިންގަވާފައިވަނީ ޞައްޙަ މުޢާމަލާތެއް ކަމަށެވެ.
ސަސްޕެންޝަން އުވައިލެއްވުމުން މިނިސްޓަރ މަޙުލޫފް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އޭސީސީއާއި ފުލުހުން އެއްވެސް މައްސަލައެއްނެތްކަން ޔަޤީން ކުރެއްވުމަށްފަހު އަޅުގަނޑަށް އިތުބާރު ކުރައްވައި އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވަން،" ކަމަށެވެ. އެމަނިކުފާނަށް އިތުބާރު ކުރެއްވި އެންމެނަށް ވެސް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ތެދުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެން މީހުންގެ ސަސްޕެންޝަނާއި މެދު އަދި ގޮތެއް ނުނިންމައެވެ.