އެކްސިޑެންޓު ވުމުން ސައިކަލް ދޫކޮށް ފިލައިފި

ރޭ ފަތިހު 5:02 އެހައިކަންހާއިރު މާލޭ ޑޯންކެފޭ ކުރިމަތިން ދުއްވާފައި ދިޔަ ދެ ސައިކަލް އެ މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެއްޖެއެވެ.

މި އެކްސިޑެންޓުގައި އެއްސައިކަލުގައި ތިބި މީހުން ވަނީ ސައިކަލް ދޫކޮށްލާފައި ފިލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމުގެ ސަބަބުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް މަޢުލޫމާތެއް ނުލިބުނެވެ.

އެ ދެ މީހުންގެ ތެރެއިން ސައިކަލް ދުއްވަންއިން 20 އަހަރުގެ މީހާއަތުގައި ލައިސަންސް ނޯވެއެވެ. އޭނާގެ ފަހަތުގައި އިނީ 24 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރަށް ރޭ ދަންވަރު ލ. ގަން ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ވަނީ ކޮންޓްރޯލް ނުވެގޮސް މަގުގައި ބަހައްޓާފައިވާ ޑިވައިޑަރެއްގައި ޖެހި އެކްސިޑެންޓް ވެފައެވެ. އެ ޙާދިސާގައި ވަނީ ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާވެފައެވެ. އަދި ދެމީހުންނަށް މިހާރު ގެންދަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާގެ ފަހަތުގައި އިނީ 27 އަހަރުގެ އަންހެނެކެވެ. އޭގެ ތެރެއިން އަންހެން މީހާގެ ޙާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.