މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ލ.ފޮނަދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓަކާއި، ބާރަށު ދާއިރާގެ ވޯޓުފޮށީގެ ބާތިލް ވޯޓު އަލުން ގުނައިގެން ވެސް ނަތީޖާ ބަދަލެއް ނުވިއެވެ. މި ފޮށިތައް ގުނީ ޕީއެންސީން ޝަކުވާ ހުށަހެޅުމުންނެވެ.
ފޮނަދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ އެދާއިރާގެ މީހާރުގެ ވެސް މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ފޮނަދޫ ދާއިރާއިން އަލުން ގުނި ފޮށިން ޢަބްދުރައްޙީމަށް ލިބިވަޑައިގެންފައިވަނީ 382 ވޯޓެވެ. އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ސިރާޖަށް އެފޮށިން ލިބިވަޑައިގެންނެވީ 126 ވޯޓެވެ. އެފޮށީގެ ބާތިލް ވޯޓުގެ ޖުމްލައަކީ 13 ވޯޓެވެ. އެހެންނަމަވެސް އަލުން ގުނައިގެން ވެސް އެއަށް ބަދަލު އައިސްފައެއް ނުވެއެވެ. މިގޮތަށް ގުނާއިރު ގުނަނީ ނަތީޖާއަށް ބަދަލު އަތުވެދޭނެ ކަމަށް ބެލެވޭ ފޮށިތަކެވެ. އިތުރު ފޮށިތައް ގުނަން ޕީއެންސީން އެދުނަސް އިލެކްޝަނަކުން އެފުރުސަތު ނުދެއްވައެވެ.
އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މޫސާ ސިރާޖު އަތުން ޢަބްދުއްރަޙީމް ބަލިވެ ވަޑައިގެންނެވީ 44 ވޯޓުގެ ތަފާތަކުންނެވެ. ޢަބްދުއްރަޙީމަށް ލިބިވަޑައިގެންނެވީ ޖުމްލަ 963 ވޯޓެވެ. މޫސާ ސިރާޖަށް ލިބިވަޑައިގެންނެވީ 1007 ވޯޓެވެ.
ބާރަށު ދާއިރާގެ ވޯޓު ފޮށި ވެސް ރޭ ވަނީ ގުނައިފައެވެ. އެ ގުނައިގެންވެސް ނަތީޖާއަށް ބަދަލު އައިސްފައެއް ނުވެއެވެ. އެހެނަމަވެސް އެ ދާއިރާއަށް ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ ވޯޓްގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހީމް ޝުޖާޢަށް 7 ވޯޓް އިތުރުވެފައިވެއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲ އަށްވެސް 7 ވޯޓު ވަނީ އިތުރުވެފައެވެ. މި ގޮނޑި އަޙުމަދު ޢަބްދުﷲ ކާމިޔާބު ކުރެއްވީ 43 ވޯޓުގެ ތަފާތަކުންނެވެ.
މީގެ އިތުރަށް ވެސް ބައެއް ދާއިރާގެ ފޮށިތަކުގެ ބާތިލް ވޯޓު ގުނާފައިވެއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުން އޮންނާނީ މިއަދުއެވެ.