ޖަމިއްޔަތުއްސަލަފު އުވައިލުމަށް މަޖިލީހުގެ ކޮމިޓީއަކުން ނިންމެވި ނިންމެވުމަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ލ. މާވަށު ކައުންސިލް އިން ވިދާޅުވެއްޖެއެވެ.
މާވަށު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ސޮއިކުރައްވައި ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ "ޖަމިއްޔަތުއްސަލަފް ނަމަކަށްކިޔާ ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއް ކަމަށް ބަލައި އެޖަމިއްޔާ އުވައިލާން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމި ނިންމުމަކީ އެމަޖިލީހުން ހަދައިފައިވާ ޤާނޫނުތަކާ ޚިލާފަށް އެ މަޖިލީހުގެ އިޙުތިސާސުން ބޭރުން އަޅައިފައިވާ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ފިޔަވަޅެއް ކަމުގައި މާވަށު ރައްޔިތުންނާއި މިކައުންސިލުން ދެކެމެވެ.،" އެބަޔާނުގައި ވެއެވެ. އަދި އެފިޔަވަޅަކީ ބާރުތައް ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި ޑިމޮކްރަޓިކް އުސޫލުތަކާ ޚިލާފަށް ހިންގި ވަރަށް ޚުދުމުޚުތާރު ޣައިރު ދުސްތޫރީ ޢަމަލެއް ކަމަށްވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ ޖަމިއްޔާތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރައްވާފައިވާ މިނިސްޓްރީއަކީ ޔޫތު ސްޕޯޓް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުކަމަށެވެ. އެގޮތުން ޖަމިއްޔާތަކުގެ ކަންކަން ބަލަހައްޓައި ފިޔަވަޅުއެޅުމާއި އުވައިލުމުގެ ބާރު ޤާނޫނުން ދީފައިވަނީ ރަޖިސްޓްރަރ އޮފް ކޮމްޕެނީއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް ޓެރަރިސްޓު ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިކަންކަމަކީ މަޖިލީހާ މަތިކޮށްފައިވާ ކަންކަން ނޫންކަމަށް ވެސް އެބަޔާނުގައި ވެއެވެ. ބާރުތައް ބެހިފައިވާ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ޤާނޫނުތައް ހެދުން ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިހައި ސާފުކޮށް އޮތްކަމެއްގައި ޤާނޫނާ ޚިލާފަށް މަޖިލީހުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އޭގައިވެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނަށް ތައުހީނުކޮށް އެތައް ޙަރަލާތެއް ހިންގައިފައިވާ އަދި ހިންގަމުންދާ އެމްޑީއެންއާ ދެކޮޅަށް ސަރުކާރުންފިޔަވަޅެއްނާޅާ ކަމަށެވެ. އަދި އެމްޑީއެންގެ ދިފާއުގައި މަޖިލީހުގެ ރައީސާއި އެތައް މެމްބަރުންނެއް ވަނީ ވާހަކަ ދައްކައިފައި ކަމަށްވެސް މާވަށު ކައުންސިލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ސަލަފު ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމީ ހޭލުންތެރިކަން އިތުރުކޮށް ދިވެހި މުސްލިމުންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ގެންދާ ޖަމިއްޔާއެއް ކަމަށްވެސް މާވަށު ކައުންސިލުން ވިދާޅުވެފައިވެއެވެ.
މާވަށު ކައުންސިލްގެ އިތުރަށް ވެސް ރާއްޖޭގެ ބައެއް ކައުންސިްތަކުން ގެންދަވަނީ ސަލަފު އުވާލުމާ ދެކޮޅު ހައްދަވަމުންނެވެ.